ޣައްޒާގެ މީހުން އެހެން ތަނަކަށް ބަދަލުކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ޣައްޒާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދިރިއުޅެވޭނެ ތަނަކަށް ބަދަލުކޮށް އެތަނަށް ވެރިވެގަތުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ. ނިމިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި ނޫސްވެރިންގެ ބައްދަލުވުމެއް ދެއްވައިފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޣައްޒާއާމެދު އޭނާ ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވައި، އިޒްރޭލަށް ވާގިވެރިވެދީ ވާހަކަފުޅު ދައްކަވައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާއަށް ވެރިވެ، އެ ސަރަހައްދު އަލުން ތަރައްގީކުރުމާ ހަވާލުވާނެ ކަމަށާއި، ވިސްނުންފުޅަކީ އެ ތަނަށް އެމެރިކާއިން ވެރިވެގަތުން ކަމަށް ވިދާޅުވެފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވައިޓްހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ އޭޕީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ގަވާއިދާ ޚިލާފަށް ޣައްޒާގައި އެހެނިހެން އާބާދީތައް ފުޅާކުރުމާއި، ޣައްޒާގެ މީހުން އެހެން ތަންތަނަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. އެ ސަރަޙައްދުގެ ސުލްހަ ގާއިމުކުރުމުގެ ފުރުސަތު ގެއްލޭފަދަ ހުރިހާ ސިޔާސަތުތަކާއި އަމަލުތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، އދ.ގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ރާއްޖެއިން ތާއީދުކުރާކަން ވަނީ ތަކުރާރުކޮށްފައެވެ. އަދި، ބައިނަލްއަގްވާމީ ގާނޫނުތައް ދެމެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. ދިވެހި ސަރުކާރުން ބުނީ، މިނިވަން ދެ ދައުލަތެއްގެ ސަލާމަތާއި ކަރާމާތް ކަށަވަރުވެ، އެއްބަޔަކު އަނެއް ބަޔަކު ބަލައިގަނެ، އެކުގައި އުޅެވޭނެ ހަމައެކަނި މަގަކީ ސިޔާސީ ހައްލެއް ކަމަށެވެ. ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ބިމަށް އެއްވެސް މީހަކަށް އަތް ނުފޯރުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި، ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ ކަމަކަށް ރާއްޖޭން ދުވަހަކު ވެސް ތާއިދުނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޣައްޒާއިން މީހުން ހުސްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމާ ދެކޮޅު ކަމަށް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ބުނެފައެވެ. އެގޮތުން، މިސްރާއި އުރުދުންއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެހެން ގައުމުތަކަށް ފޮނުވުމާ ދެކޮޅު ކަމަށް ބުނެފައެވެ. ޣައްޒާ ހިންގާ، ހަމާސް ޖަމާއަތުން ވަނީ ޓްރަމްޕްގެ އެ ރޭވުން ކުށްވެރިކޮށްފައެވެ. އެއީ މުޅި ސަރަހައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާ ފަދަ ރޭވުމެއް ކަމަށް ހަމާސް އިން ވަނީ އިންޒާރު ދީފައެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފައެވެ. މާރިޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަމާސާ އެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 އަސީރުން ދޫކޮށްލަން އެއްބަސްވެފައިވާއިރު، ފަލަސްތީނުގެ 2،000 މީހުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ