ޓޮޓެންހަމް ބަލިކޮށް ލީގު ކަޕް ތަށި ދިފާއުކުރަން ލިވަޕޫލް ފައިނަލަށް ޓޮޓެންހަމް ބަލިކޮށް ލީގު ކަޕް ތަށި ދިފާއުކުރަން ލިވަޕޫލް ފައިނަލަށް

ލިވަޕޫލް (ފެބްރުއަރީ 7) - ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-0 އިން މޮޅުވެ، ލީގު ކަޕްގެ ތަށި ދިފާއުކުރަން ލިވަޕޫލުން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޓޮޓެންހަމް ދަނޑުގައި 1-0 އިން ބަލިވި، ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ، ފުރަތަމަ ހާފުގައި މުހައްމަދު ސަލާހު ނެގި ހުރަަހަކުން ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުން ދެ ވަނަ ގޯލު ޖެހީ، ޕެނަލްޓީ އަކުން ސަލާހު އެވެ. މިއީ، ޑާވިން ނޫނޭޒް އަށް ޓޮޓެންހަމްގެ ކީޕަރު، އެންޓޮނިން ކިންސްކީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ، ޑޮމިނިކް ސޮބޯސްލާއި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުން އޭނާ ގޯލަށް ބޯޅަ ފޮނުވާލީ ތިރިތިރިިންނެވެ. އަދި ލިވަޕޫލްގެ ފަހު ގޯލު ކޯނަރަކުން އައި ހުރަހެއްގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި، އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ.
މި މެޗުގައި ލިވަޕޫލްގެ ރަޔާން ގްރަވެންބާކް އާއި ގަކްޕޯ ޖެހި ޝޮޓްތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޓޮޓެންހަމްގެ ހެއުން މިން ސޮން ޖެހި ބޯޅައެއް ވެސް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ލީގު ކަޕްގެ އެންމެ ކާމިޔާބު ޓީމު ލިވަޕޫލުން މި ފަހަރުގެ ފައިނަލުގައި އަންނަ މަހު 16 ވަނަ ދުވަހު ކުޅޭނީ ނިއުކާސަލް ޔުނައިޓެޑްއާ އެވެ. ނިއުކާސަލުން ވަނީ ސެމީ ފައިނަލުގެ ދެ ލެގުގައި އާސެނަލް ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ