މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.
ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޑިޖިޓަލް އިޤުތިޞާދީ ބަދަލުތަކުގެ ބޭނުން ހިފައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހަދައި، ޑިޖިޓަލް އިޤުތިޞާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުން ކަމުގައި ވާއިރު، އަންހެނުންނަކީ މި އުއްމީދީ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއިއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މިއަދަކީ، ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަކީ އިހުތިރާމް ލިބިފައިވާ، ހުރިހާ ގޮތަކުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ މީހުންގެ ތަޖުރިބާއާއި ލީޑާޝިޕް ވަރަށް މުހިންމު: ރައީސުލްޖުމްހޫރިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ