ޒުވާން ކުޅުންތެރިޔާ އަރީން ވެސް ބުރަށް ޒުވާން ކުޅުންތެރިޔާ އަރީން ވެސް ބުރަށް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ، އަރީން އަބްދުالله އިބްރާހީމް ބުރު ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.
ފުރަތަމަ ޑިވިޝަނުގައި އަރީން ވިދާލީ ޔުނައިޓެޑް ވިކްޓަރީ އިންނެވެ. އުމުރުފުރާތަކުގެ ގައުމީ ޓީމަށް މީގެ ކުރިން ކުޅުނު އަރީން ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ، ކްލަބް އީގަލްސްގެ ޔޫތު ޓީމުތަކުގެ ތެރެއިންނެވެ. ފަހުން، ޔުނައިޓެޑް ވިކްޓަރީ އަށް ބަދަލުވީ އެވެ.
ވ. ކެޔޮދޫ އަށް އުފަން، އަރީން، ބުރު ސްޕޯޓްސް ކްލަބާ އެކު ހަދާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ބުރު ސްޕޯޓްސް ކްލަބުން އަންނަނީ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން މިހާތަނަށް އެ ޓީމުން ވަނީ ޒުވާން ފޯވާޑް އަބްދުالله ޔާމީން (ޔާނު), ތަޖުރިބާކާރު ގޯލް ކީޕަރު، މުހައްމަދު ފައިސަލް އަދި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ، ޑިފެންޑަރު، އަހުމަދު އަބްދުالله (ލިލީ) ގެ ސޮއި ހޯދައިފަ އެވެ.
މީގެ ކުރިން މި މަހުގެ 14 ވަނަ ދުވަހު ފުޓުބޯޅަ ސީޒަން ފެށުމަށް ނިންމި ނަމަވެސް ފަހުން ވަނީ މި މަހުގެ 24 އަށް ފަސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ ވަނީ އަހަރެއް ވެފަ އެވެ. ރާއްޖޭގައި ރަސްމީ ފުޓްބޯޅަ ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަ ހަމައެކަނި ކްލަބަކީ، އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
މާޒިޔާ އިން ފަރިތަކުރުން ފަށާފައިވާއިރު, ފުރަތަމަ ޑިވިޝަނުގައި ދެން ކުޅޭ ޓީމުތަކުން އަންނަނީ ފަރިތަކުރުން ފެށުމުގެ ކުރިން އެ ޓީމުތަކުގެ ސްކޮޑު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ސީޒަން ފެށުމުގެ ގޮތުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ