ސޮފުވަތު: އެންމެ ބޭނުންވި އިލްމު ހޯދައި، އެހެން މީހުންނަށް ކިޔައިދިނުމުގައި

ޓިކްޓޮކަށް ވަދެލާއިރަށް އެބަ ފެނެއެވެ. ޒުވާން ދިވެހި އަންހެން ކުއްޖަކު މާލީ ކަންކަމާ ގުޅޭގޮތުން ދޭ އިރުޝާދުތަކެކެވެ. ނުވަތަ ނަސޭހަތްތަކެކެވެ. އޭނާ ކިޔައި ދެނީ ލިބޭ އާމްދަނީއާއި ހަރަދުތައް ދެކޮޅު ޖައްސާނެ ގޮތެވެ. ޓިކްޓޮކުން ސޮފުވަތު އަދުނާން, 23,000 މީހުން ފޮލޯ ކުރާތީއާއި ލިބިފައިވާ ލައިކާއި ކޮށްފައި ހުންނަ ޝެއާތަކުން މިއީ އެތައް ބަޔަކު ޝައުގުވެރިވާ ކަމެއްކަން ޔަގީންވެއެވެ. އާއްމުކޮށް, ޓިކްޓޮކް ދިވެހީންގެ ތެރޭގައި މަގުބޫލުވީ ފާޑުފާޑު ނެށުމާއި އެކި ކަހަލަ މުނިފޫހިފިލުވުމުގެ ކަންތައްތަކުގެ ތެރެއިންނެވެ. ނަމަވެސް, ދުނިޔޭގެ އެހެން ގައުމުތަކުގައި މި ޕްލެޓްފޯމަކީ މައުލޫމާތު ފެތުރުމަށް ވެސް ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނަ ވަސީލަތަކެކެވެ. އެކަން މިހާރު މިވަނީ ދިވެހީންގެ ތެރޭގައި ވެސް ވައިގައި ހިފަން ފަށައިފައެވެ. ސޮފުވަތު ޓިކްޓޮކް ތަކަކީ އޭގެ އެއް މިސާލެވެ. ލިބޭ އާމްދަނީއިން ފުއްދައިގެން ދިރިއުޅުމަކީ ގިނަ ދިވެހީންތަކަކަށް އަދިވެސް ދަސްނުވާ ކަމެކެވެ. އުމުރުން 34 އަހަރުގެ ސޮފުވަތު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ކިޔައި ދެމުން މި އަންނަނީ އެކަން ކުރާނެ ގޮތެވެ. ލިބޭ އާމްދަނީއިން ހަރަދުތައް ދެކޮޅު ޖައްސާނެ ގޮތެވެ. ނަގާފައިވާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަވާނެހެން އަނބުރާ ލޯނު ދެއްކުންފަދަ މުހިންމު މައުލޫމާތުތައް އޭނާ ފޯރުކޮށްދެއެވެ. އެ ވީޑިއޯތައް ގިނަ ބަޔަކު ބަލާއިރު، ސޮފުވަތު ކުޑައިރު ވެސް ފެށިގެން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހެން ފެށީ، ދިގު ދަތުރަކަށް ފަހުގައެވެ. ސޮފުވަތުގެ މާލީ ދާއިރާގެ ފެށުން! އެ ދަތުރު މީގެ އަހަރުތަކެއް ކުރިން ސޮފުވަތު ފެށީ މާލީ ދާއިރާއިން ވިލާ ކޮލެޖުން ނޮލެޖް ލެވެލް އަދި ސްކިލްޑް ލެވެލް ހާސިލުކުރި ހިސާބުންނެވެ. އެއަށްފަހު މެލޭޝިއާއިން އެ ދާއިރާގެ ޕްރޮފެޝަނަލް ލެވެލްއިން ތައުލީމު ހާސިލުކުރިއެވެ. ސޮފުވަތު----- ސޮފުވަތު މާލީ އިރުޝާދުތައް ދެނީ ހަމައެކަނި އޭނާ ހޯދާފައިވާ އިލްމާއި ކިޔާފައިވާ ފޮތްތަކުގެ އަލީގައެއް ނޫނެވެ. މާލީ ދާއިރާއިން ހޯދާފައިވާ ތަޖުރިބާތަކާ ވެސް އެކުގައެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގައި ފަސް އަހަރު ޚިދުމަތް ކޮށްފައެވެ. އަދި, އަމިއްލަ އޮޑިޓް ފާމެއްގެ އިތުރުން މީޑިއާ ނެޓުގެ ވެސް މާލީ ދާއިރާގެ ވަޒީފާތައް އަދާ ކުރިއެވެ. އެއަށްފަހު, ދިރިއުޅުން އުފަން ރަށް ކ. ކާށިދުއަށް ބަދަލުކޮށް މާލީ ދާއިރާއިން ރަށުގައި ޚިދުމަތް ކުރަން ފެށިއެވެ. "ގާތްގަނޑަކަށް ހަތް އަހަރު ފައިނޭންސް ދާއިރާގައި ވޯކް ކުރެވިފައި ހުންނާނެ ރަށަށް ބަދަލުވިއިރުގައި" ސޮފުވަތު ބުންޏެވެ. ރަށަށް އައުމަށް ފަހު ސޮފުވަތު ގުޅުނީ ކާށިދޫ ކައުންސިލާއެވެ. އެތަނުގެ ފައިނޭންސް އޮފިސަރެއްގެ މަގާމުން މިހާރު އޭނާ ވަނީ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މާގަމަށް ޕްރޮމޯޓްވެފައެވެ. ސޮފުވަތު ސެޝަންއެއްގައި ވާހަކަދައްކަނީ ----- އޭރު ވެސް އޭނާގެ އުންމީދުތަކަކަށް ބަދަލެއް ނާދެއެވެ. އަދި, ހަމައެކަނި ވަޒީފާއެއް އަދާކޮށްލައިގެން ހުރުމަކުން ހިތްހަމައެއް ނުޖެހެއެވެ. އޭނާއަށް ލިބިފައި ހުރި އިލްމެއް އެހެން މީހުންނަށް ބުނެދޭން ބޭނުންވިއެވެ. އެހެންވެ, ކައުންސިލްގެ ވަޒީފާގައި އުޅެމުން ދެން އޭނާ ފެށީ ރަށުގެ ދަރިވަރުންނަށް އެކައުންޓު ކިޔައިވައިދިނުމެވެ. "އަބަދުވެސް ވަރަށް ބޭނުންވޭ މީހުންނަށް އެއްޗެހި ކިޔައިދޭން. ދެން ރަށަށް ބަދަލުވެފައި ވަރަށް ހުސްވަގުތު ލިބޭ. އޭރުވެސް ހަމަ އެކައުންޓު ކިޔަވައިދެން މާލޭގައި އުޅުން އިރުގައި ވެސް. ރަށުގައި އަނެއްހެން ނޯންނާތާ ކިޔާވާފައިއިން ކޮލިފިކޭޝަން އާ އެއްވަރުގެ ޖޮބެއް" ސޮފުވަތު ކިޔައިދިނެވެ. "އަނެއްހެން ބުނަންޏާ ސިވިލް ސާވިސް ޖޮބްތަކެއް މިހުންނަނީ. ދަސްކޮށްފައި ހުރި އެއްޗެއް އަސްލު ބޭނުންކުރާކަށް ޗާންސެއް ނުލިބޭދޯ. އޭރުވެސް ހަމަ ހިތަށް އެރީ ކިޔަވައިދޭން ޕާޓްޓައިމްކޮށް ވިޔަސް" ސޮފުވަތު: އޭނާ އަންނަނީ ޓިކްޓޮކްގައި ވީޑިއޯ ހަދައިގެން އެކި ކަންކަމަށް މީހުން ހޭލުންތެރިކުރަމުން ---- ކިޔަވައިދެމުން އިތުރު ފުރުސަތުތައް ބަލަމުން ދަނިކޮށް ސޮފުވަތަށް ފުރުސަތު ލިބުނީ އެމްއައި ކޮލެޖުގެ ލެކްޗަރާއަކަށް ވުމަށެވެ. އެހާ ހިސާބުން ޓީޗިން ދާއިރާއިން ތައުލީމު ހާސިލު ކުރުމުގެ މުހިންމުކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އެހެންވެ، 2021ގައި ވިލާ ކޮލެޖުން ޕޯސްޓް ގްރެޖުއޭޓެޑް އޮފް ޓީޗިންއިން ތައުލީމު ހާސިލުކުރިއެވެ. އެ ހިސާބުން ވާހަކަދެއްކުމުގެ ހުނަރު މަޑުމަޑުން ތަރައްގީވާން ފެށިއެވެ. އެ ހުނަރުގެ ތެރެއިން ދެން އޭނާ ބޭނުންވީ ލައިފް ކޯޗިންގެ ދާއިރާއިން ވެސް ކުރިއަށް ދާށެވެ. ސޮފުވަތު އިސްރަށްވެހިންތަކަކާ އެކު----- އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޭނާގެ ދަރިވަރުންނަށެވެ. އަދި, އެކަމަށް މުޖުތަމައު ބޭނުންވެފައި އޮތްލެއް ބޮޑުކަން އޭނާއަށް އިހުސާސް ކުރެވުނެވެ. ދެން އޭނާ ނިންމީ ކޯޗިންގެ ސެޓްފިކެޓެއް ވެސް ހޯދާށެވެ. ހަ މަހުގެ ކޯޗިން ކޯހުގެ ތެރެއިން ސޮފުވަތަށް ޖެހުނީ ކޮންމެ ދުވަހަކުވެސް ބޭނުން މައުޟޫއަކަށް ސޯޝަލް މީޑިއާގައި ލައިވްއެއް ކުރިއަށް ގެންދާށެވެ. އެކަމުގެ ތެރެއިން ވެސް އޭނާއަށް މުޅިން ދެކެވެނީ މާލީ ވާހަކައެވެ. "ދެން އޭރުގައި [ލައިވް] ހެދިއިރުގައި ޕަބްލިކުން ވަރަށް ބޮޑަށް އޭތި ބަލައިގަތް. ޓިކްޓޮކުން އޭރުގަ ވެސް ބޭރު މީހުން އެކަހަލަ ޓޮޕިކުތަކަށް ކޮންޓެންޓު ކްރިއޭޓުކުރާތަން ފެނޭ. އެހެންވެ، ވަރަށް އިންޓްރެސްޓު ހުރި." ޓިކްޓޮކްގައި ފައިނޭންސް ވީޑިއޯތައް އުފަންވުން! އެ އުންމީދާއެކު، ޖުލައި 28، 2024ގައި އޭނާ ފެށީ މާލީ އެކި ކަންކަމަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތެވެ. މާލީ ކަންކަމާ ގުޅޭ އެކިއެކި މައުލޫތަކަށް ވީޑިއޯ ހަދައި ޕޯސްޓް ކުރަމުން ދިޔައީއެވެ. ދުވަހަކަށް ވުރެން ދުވަހެއް ދިޔައީ މީހުންގެ ތަރުހީބު ބޮޑުވަމުންނެވެ. އެހެންގޮސް އެންމެ ބޮޑު ނަސީބަކަށްވީ އެ ދުވަސްވަރު ޕެންޝަން އޮފީހުން ތައާރަފުކުރި ޗެލެންޖަކާ ގުޅިގެން ބޮޑު އޯޑިއަންސްއެއް ލިބުމެވެ. ފަހުން ސޮފުވަތު ނިންމީ ކޯޗިން ދާއިރާއިން އާމްދަނީއެއް ހޯދައި ކުރިއަށް ދިއުމަށެވެ. އެގޮތުން 'ފްލޮރިޝް ވިތް ފެއިތް'ގެ ނަމުގައި އޭނާ އަންނަނީ އެ ވިޔަފާރި ކުރަމުންނެވެ. ޗާޓަޑް އެކައުންޓެންޓްސްއިން ތައުލީމު ހާސިލުކޮށްފައިވާ ސޮފުވަތު ދޭ ޚިދުމަތަކީ މީހުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރާނެ ގޮތުގެ މަގު ދެއްކުމެވެ. އެގޮތުން އޭނާ ވިއްކާ ޕްރޮގްރާމުގެ ތެރެއިން 21 ދުވަހުގެ ތެރޭ ކުދި ކަންތައްތަކެއް ކޮށްގެން ބޮޑު ކަމަކަށް ވާސިލުވާން މަގުކޮށައިދެއެވެ. ސޮފުވަތު ވާހަދައްކަނީ ---- "ލައިފްގައި ކޮންމެ ކަމެއް ކުރަން ބޭނުން ވިޔަސް، މިސާލަކަށް ބުނަންޏާ ވެއިޓް ލޫސް ކުރަން ބޭނުންވަނީ. ފައިނޭންޝިއަލީ އޭނާގެ ހާލަތު ރަނގަޅު ކުރަން ބޭނުންވަނީ. މިހާރު އޭނާގެ ހާލަތު އޭނާއަށް އެނގުނީމަތާ ދެން އޭނާއަށް އިނގޭނީ ދެން ކޮން ކަމެއްތޯ އަސްލު ތިމަންނަ ކުރަންވީ ބޭނުންވާ ހިސާބަށް ދާން. މިޕްރޮގްރާމުގައި މިކަންތައްތަކަށް ޓާގެޓުކުރާނެ" ސޮފުވަތު ކިޔައިދިނެވެ. އޭނާގެ އުންމީދަކީ މި އަހަރު ތެރޭގައި ކައުންސިލް ވަޒީފާއިން ކެނޑިގެން ކޯޗިންއާއި ކިޔަވައިދިނުމަށް ހުސްވާށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ވަގުތު ދެވިއްޖެ ނަމަ ސިވިލް ސާވިސް ވަޒީފާތަކަށް ވުރެ، ރަނގަޅު އާމްދަނީއެއް މި މަސައްކަތުން ހޯދޭނެއެވެ. ކޯޗިން ދާއިރާއިން ކުރިއަރަން ބޭނުންވާ މީހުންނަށް ސޮފުވަތުގެ ނަސޭހަތަކީ އެ ދާއިރާއިން ތައުލީމު ހާސިލުކޮށް، އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރުމެވެ. އަދި، އުނގެނޭ އެއްޗެއް އެހެން މީހުންނަށް ކިޔަވައިދިނުމުގައި ދެމިހުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ