ލަކްމޭ ފެޝަން ވީކްގައި މިފަހަރު ތަފާތު ހެދުންތަކެއް

މިދިޔަ ބުރާސްފަތި ދުވަހު މުމްބާއިގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި، ލަކްމޭ ފެޝަން ވީކް އާއި ފެޝަން ޑިޒައިނާސް ކައުންސިލް އޮފް އިންޑިއާ ގުޅިގެން ބޭއްވި ހަތަރު ދުވަހުގެ އިވެންޓުގައި 30އަށް ވުރެ ގިނަ ޑިޒައިނަރުންގެ މަސައްކަތް ދައްކާލި އެވެ. 
އިންޑިއާގެ ފެޝަން ވީކް އަކީ ޓޯކިޔޯ، ޝަންހާއި ނުވަތަ ދުބާއީ ފެޝަން ވީކްއާ އަޅާބަލާއިރު އަމިއްލަ ފެޝަން 'އައިޑެންޓިޓީ'އެއް އަދި ވައްޓަފާޅިއެއް ރަނގަޅަށް ބިނާނުކުރެވިފައިވާ އިވެންޓަކަށް ވީކަމުގައިވިއަސް އިންޑިއާގައި ގަވައިދުން ކޮންމެ އަހަރަކު ކުލަގަދަކޮށް މި އިވެންޓް ބާއްވަ އެވެ.
މި އަހަރު ބޭއްވި 26 ވަނަ ލަކްމޭ ފެޝަން ވީކް ކުރިއަށްވުރެން ތަންކޮޅެއް ތަފާތެވެ. 'ބްރައިޑަލް' ހެދުން ކަލެކްޝަންތަކަށް ވުރެން ބޮޑަށް އިސްކަންދީފައިވަނީ 'ރެޑީ ޓު ވެއާ' އަށެވެ. އަދި އަންހެނުންގެ ހެދުން ޑިޒައިންތަކަށްވުރެން ފިރިހެނުންގެ ހެދުންތައް ފަރުމާކުރުމުގެ ޓެކްނީކް އާއި ފޮތި ބޭނުންކޮށްފައިވަނީ އުފެއްދުންތެރި އަދި ހަރުދަނާ ވައްޓަފާޅިއަކަށެވެ.
މިކަން އަދި އިތުރަށް ފާހަގަވީ ފެޝަން ވީކް ފެށުމުގެ ގޮތުން ދައްކާލި ޝޯތަކުންނެވެ. 'ބޯއިޒް ކްލަބް'ގެ ޝިޔާރުގެ ދަށުން 'ކަންޓްރީމޭޑް' ބްރޭންޑް، ދުރޫވް ވައިޝް، ސާހިލް އަނޭޖާ އަދި ވިވެކް ކަރުނަކަރަން ފިރިހެނުންގެ އެކި ވައްތަރުގެ ކަލެކްޝަންތައް ދައްކާލި އެވެ. މި އަހަރުގެ ފެޝަން ވީކްގެ މައިގަނޑު ފޯކަސް އޮތީ ފިރިހެނުންގެ ހެދުންތަކަށޭ ބުނާ ކަހަލަ އެވެ.
އިންޑިއާ އަކީ ފަންނުވެރިކަމަށް މަޝްހޫރު ގައުމަކަށްވާއިރު އެކި ވައްތަރުގެ އަދި އެކި ފެންވަރުގެ ފޮތި ވިއުމާއި ޖަރީކުރުމާއި ތިނޯހުގެ މަސައްކަތްތައް އެތައް ގަރުނެއް ވަންދެން ކުރަމުން އައި މުއްސަނދި ތާރީހެއް އެ ގައުމުގައި އޮވެ އެވެ. މިފަހަރުގެ ލަކްމޭ ފެޝަން ވީކްގައި އިންޑިއާގެ ސަގާފީ ފަންނުވެރިކަމާއި ޒަމާނީ އުފެއްދުންތެރިކަމާއި ފެހުމުގެ ޓެކްނީކްތައް އެކުލަވާލައިގެން ފިރިހެނުންގެ ސޫޓާއި ފަޓުލޫނު، ގަމީސް އަދި އެކި ހެދުން ދައްކާލި އެވެ. އޭގެ ތެރެއިން ފާހަގަވި އެއް ބްރޭންޑަކީ ކާރްތިކް ރިސާޗް އެވެ. ކާރްތިކް ކުމްރާ އަކީ މަޝްހޫރު 'އެލްވީއެމްއެޗް ޕްރައިޒް'ގެ މި އަހަރުގެ ސެމީ ފައިނަލިސްޓެއް އަދި 'ފެޝަން ޓްރަސްޓް އެރޭބިއާ އިންޑިއާ ގެސްޓް ކަންޓްރީ އެވޯޑް' ކާމިޔާބު ކުރި ޑިޒައިނަރެކެވެ. 
މިއީ ކުމްރާގެ ފުރަތަމަ ލަކްމޭ ފެޝަން ވީކް އެވެ. އޭނާގެ ލޭބަލް ބިނާވެފައިވަނީ އިންޑިއާގެ އިހުގެ އަތްތެރިކަން އާލާ ކުރުމާއި ހެދުންއެޅުމުގެ ވައްޓަފާޅި އަށެވެ. އަދި މިކަން އޭނާ ކުރަނީ 'ހޭންޑްލޫމް ޓެކްސްޓައިލްސް' އާއި އެމްބްރޮއިޑަރީއާ އާޓިސްޓުންނާ ގާތް ގުޅުމެއް އުފައްދައިގެންނެވެ. 
އިންޑިއާގައި 1960ގެ އަހަރުތަކުގައި އުފެދުނު 'އިންޑޯ-މޮޑާނިސްޓް އާޓް' ހަރަކާތްތަކާއި 'ސަބްކަލްޗަރަލް ރިފަރެންސް'ތަކުގެ މައްޗަށް ބިނާކޮށް ކުމްރާ ލަކްމޭ ފެޝަން ވީކްއަށް ތައްޔާރުކޮށްފައިވަނީ އިންޑިއާގެ އިހުގެ އެމްބްރޮއިޑަރީ އާއި އަތްތެރި މަސައްކަތްތައް ޒަމާނީ 'އެލެމެންޓު'ތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ކަލެކްޝަނެކެވެ. މުސްތަގުބަލުގައި ކާރްތިކް ކުމްރާގެ އިތުރު ކަލެކްޝަންތައް ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.
ލަކްމޭ ފެޝަން ވީކްއިން ދައްކާލި އަންހެނުންގެ ކަލެކްޝަންތަކުގެ ތެރެއިން ޑިޒައިނަރު އަނަމިކާ ހަންނާގެ 'އޭކޭ/އޯކޭ'ގެ ތަފާތު ހެދުންތައް ވިދާލި އެވެ. އަނާމިކާ ހަންނާ މިފަހަރު ހުށަހެޅި ހެދުންތަކުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ލައިގެން އުޅެން ފަސޭހަ، މަޑު ސެޓިން ފޮތިން ގަޔަށް ދޫކޮށް ނުވަތަ ތަފާތު ގޮތަކަށް ފޮތިގަނޑު އޮޅާލައިފައި ހުރުން ހިމެނެ އެވެ. މިއީ އޭނާގެ ކުރީގެ ކަލެކްޝަންތަކުން ފެނުނު، ޖަރީ ކޮށްފައިވާ ގޮތްބޮޑު ސާޅި އާއި ލެހެނގާއާ ހިލާފަށް ވަރަށް ޒަމާނީ އަދި 'މިނިމަލް' ސްޓައިލްއެއް ގެންގުޅެފައިވާ ކަލެކްޝަނެކެވެ.
ޕެރޮ ބްރޭންޑުގެ ޑިޒައިނަރު އަނީތު އަރޯރާ ވެސް އޭނާގެ 'އައުޓް އޮފް އޮފިސް' ކަލެކްޝަނުގައި ދައްކާލީ ވަރަށް ޒަމާނީ ހެދުންތަކެކެވެ. އޭނާ ދައްކާލި 67 ހެދުމުގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ދެ ކުލައެކެވެ. އެއީ ނޫ ކުލަ އާއި ހުދު ކުލަ އެވެ. ސަގާފީ 'ޕެޗްވޯކް' އަދި އެމްބްރޮއިޑަރީ އުފެއްދުންތެރި އަދި ޒަމާނީ ގޮތަކަށް ހެދުންތަކުގައި ބޭނުންކޮށްފައި ވެ އެވެ.
މިފަހަރުގެ ލަކްމޭ ފެޝަން ވީކްގައި މިއުޒިކާ އެކު ތަފާތު ޕާފޯމަންސްތަކެއް ވެސް ބައެއް ކަލެކްޝަންތަކާ އެކު ހުށަހަޅާފައިވެ އެވެ. އެގޮތުން ޗޯލާ ބްރޭންޑުގެ ކަލެކްޝަން 'އެކޯސް އިން މޮނޮކްރޮމް'ގެ ކަޅާއި ހުދު ކުލައިގެ ހެދުންތައް ދައްކާލީ 'ތިއެޓްރިކަލް ޕާފޯމަންސް'އަކުންނެވެ.
ލަކްމޭ ފެޝަން ވީކްގައި އަބަދުވެސް ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ރަންވޭ މަތިން ފެނިގެންދެ އެވެ. މިފަހަރުގެ ފެޝަން ވީކްގައި ގިނަ އަދަދެއްގެ ތަރިން އެކި ޑިޒައިނަރުންގެ ހެދުން ހުށަހަޅައިދީފައިވެ އެވެ. އެގޮތުން ޑިޒައިނަރު އަމިތު އަގަރްވާލް އާއި އެ ކަލެކްޝަނުގެ ސްޕޮންސާ އަދިތުޔާ ބިރްލާ ޖުވެލަރީއަށް އެކްޓްރެސް ދިޝާ ޕާޓްނީ ޑިޒައިނާ ހެދުމާއި ގަހަނާ އަޅައިގެން ރަންވޭ މަތިން ހިނގާލި އެވެ. އެކްޓްރެސް ތަމަންނާ ބާޓިއާ ވަނީ ބުމިކާ ޝަރްމާ ފަރުމާކޮށްފައިވާ ރަތް ކުލައިގެ ސަގާފީ ސްޓައިލެއްގެ ހެދުމެއް ލައިގެން މޮޑެލް ކޮށްފަ އެވެ. އިންޑިއާގެ މަޝްހޫރު އަދި ލަކްމޭ ފެޝަން ވީކްގައި ގަވައިދުން ދައްކަމުން އަންނަ ޑިޒައިނަރެއް ކަމަށްވާ ރާހުލް މިޝްރާގެ ކަލެކްޝަންގެ 'ޝޯ ސްޓޮޕާ'އެއްގެ ގޮތުގައި އެކްޓްރެސް އަނަންޔާ ޕާންޑޭ ފެނުނެވެ.
ލަކްމޭ ފެޝަން ވީކްގައި މިފަހަރު ބައިވެރިނުވާ ބްރޭންޑުތައް ވެސް މަދެއް ނޫނެވެ. ފެޝަން ވީކްއަށް ހާއްސަކޮށް ކަނޑައަޅާފައިވާ ސެންޓަރުގައި ކަލެކްޝަން ދައްކާލުމުގެ ބަދަލުގައި ބައެއް ޑިޒައިނަރުން ވަނީ 'ޑެސްޓިނޭޝަން ޝޯ'އެއްގެ ގޮތުގައި އެހެން ތަންތާނގައި އެ މީހުންގެ ކަލެކްޝަން ދައްކާލައިފަ އެވެ. އޭގެ ތެރޭގައި މި މަހު ސްރީ ލަންކާގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަލެކްޝަނެއް ދައްކާލި އިންޑިއާގެ 'ލަވްބާޑްސް' ބްރޭންޑު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ