އިސްރާއީލުގެ އަމަލުތައް ހުއްޓުވައި ގުޅިގެން ހަމަޖެހުން ޤާއިމުކުރުމަށް ރާއްޖޭން ގޮވާލައިފި

ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭން ގޮވާލައިފިއެވެ.
ދިވެހިރާއްޖޭން މިކަމަށް ގޮވާލެއްވީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61ވަނަ ބައްދަލުވުމުގައި އިއްވެވި ބަޔާނުގައެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖިނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ޑރ. ސަލްމާ ވަނީ ހުރިހާ އިންސާނީ ޙައްޤަކީ އެއް ޙައްގު އަނެއް ޙައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ޙައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވެފައެވެ.
ޔަހޫދީ އިސްރާއީލުން ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ޑރ. ސަލްމާ ވަނީ ގޮވާލައްވާފައެވެ. އަދި ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލެއްވިއެވެ.
ޔަހޫދީ ދައުލަތުން އަންނަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ނިރުބަވެރި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އެގޮތުން، ޔަހޫދީން ދަނީ ކެނޑިނޭޅި ލުބުނާނާއި ސީރިއާ އާއި ޔަމަނާއި އީރާނުގެ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އަދި ފަލަސްތީނުގެ ސަރަހައްދުތަކަށް އަތްގަދަކުރުމަށް އެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށްވެސް ނިމުމެއް ނާދެއެވެ.
މެދުއިރުމަތީގައި ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެކި ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން، ރާއްޖެއަކީ އެ ދައުލަތުގެ އަމަލުތައް ކުށްވެރިކޮށް، އެ ދައުލަތާމެދު ފިޔަވަޅު އަޅައި އެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް އަބަދުވެސް ގޮވާލާ ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ