ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސެންސަށް އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ސްރީ ލަންކާގައި ހުޅުވުމަށް ލައިސަންސް ހޯދުމަށް ގައުމުގެ ސެންޓްރަލް ބޭންކުގައި އެދިފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ މީގެ ކުރިން ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާތަކުގައި ވެސް ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަން ހިއްސާކޮށްފައިވާނެ ކަމަށެވެ."މިހާރު އަޅުގަނޑުމެން ވާނީ ސްރީ ލަންކާގައި ބްރާންޗެއް ހުޅުވުމަށްޓަކައި ލައިސެންސަށް އެދި، ސެންޓްރަލް ބޭންކަށް ހުށަހަޅާފައި،" ޝަރީފް ވިދާޅުވި އެވެ."ރާއްޖެއިން ބޭރުގައި ބޭންކުގެ ބްރާންޗެއް ހުޅުވާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރޭ. އަދި ސްރީ ލަންކާ ނޫން އެހެން ހިސާބުތަކަށް، ބޮޑު ފައިނޭންޝަލް ސެންޓަރަކަށް އަޅުގަނޑުމެން މޫވްކުރަން ބަލާކަމަށްވާ ނަމަ ކެޕިޓަލް ވެސް ބޮޑުވާން ޖެހޭނެ،"ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ނިމިދިޔަ އަހަރު ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ އިތުރުން އަތޮޅުތަކުގައި އެ ބޭންކުގެ ބްރާންޗްތައް ގާއިމްކުރުމަށްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީއަށާއި ވިޔަފާރިއަށް ކުރު ދަތުރުތައް ކުރާ ގައުމެކެވެ. އަދި ތައުލީމު ހާސިލުކުރުމަށާއި ސިއްހީ ޚިދުމަތް ހޯދުމަށް ދިގު މުއްދަތަކަށް ދިރިއުޅުމަށް ވެސް ހިޔާރު ކުރާ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ