ހުޅުމާލޭގެ ދެ ފިޔަވަހިން އަމިއްލަ މީހުންނަށް ދިރިއުޅެން ދޫކޮށްފައި ހުރި ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ހުޅުމާލޭގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދުގެ މިއަދު ޕްލޭނިން މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން 10 ބުރިއަށް ނަގާ އިމާރާތްތަކުގައި ތިރީ ފަންގިފިލާ (ބޭސްމަންޓު) ހާއްސަކުރަން ޖެހެނީ ޕާކިންއަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްްސަކުރަން ޖެހެނީ މީހުން ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ.
މި ހުއްދަ ދޫކުރަނީ އެކި ޒޯނުތަކުގައި ހުރި ގޯތިތަކުގެ ބޮޑުމިނަށް ބެލުމަށް ފަހު އެވެ. 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދެނީ 901 އަކަފޫޓަށްވުރެ ބޮޑު ގޯތީގަ އެވެ. ލިފްޓު ހަރުނުކޮށް އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ފަސް ފްލޯއަށެވެ.
މި ބަދަލު ގެނެސްފައި މިވަނީ މެއި 26، 2025 ގައި އާންމުކުރި ހުޅުމާލޭގެ ހަތަރުވަނަ މާސްޓާ ޕްލޭނުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނެއް ކަމަށް ކަނޑައަޅާފައިވާ އަދަދުތަކާ ހިލާފަށެވެ.
އެ މާސްޓާޕްލޭންގައި އޮތް ގޮތުން، ހުޅުމާލޭގެ އެއް ވަނަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހިން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭހެން، އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަތް ފަންގިފިލާއަށެވެ.
އެއަށް ވުރެ އުސްކޮށް އިމާރާތްކުރެވެނީ ސޯޝަލް ހައުސިން އާއި މެދު ފަންތީގެ ހައުސިން އާއި ލަގްޒަރީ ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުގަ އެވެ. މި ބިންތަކުގައި އިމާރާތްކުރެވޭނެ ކަމަށް މާސްޓާޕްލޭނުގައި ކަނޑައަޅާފައި އޮތީ 15 ފަންގިފިލާއަށެވެ.
މި ސަރުކާރުން ވަނީ ވިލިމާލޭގައި އަޅާ އިމާރާތްތައް 10 ބުރިއަށް ނެގޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދު ވެސް ބަދަލުކޮށްފަ އެވެ.
ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ