އާންމު ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މާދަމާ ހެނދުނު ބޭއްވުމަށެވެ.އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރެވެ.އެ މައްސަލައިގައި އޮތީ އެ ވޯޓު ހުއްޓުވައިދިނުމަށް އެދިފައެވެ. އަދި އެ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއްކަން ވެސް މައްސަލައިގައި ފާހަގަކުރިއެވެ.އެގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.އެހެންކަމުން އެއީ ވެސް ގާނޫނުއަސާސީގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުންޏެވެ.ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ