މާލެ ސަރަހައްދުގައި 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް ގާއިމްކުރަނީ

މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް މިއަހަރުގެ ނިޔަލަށް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް ވެސް ގޭސް ސަޕްލައިކުރަނީ އެއް ބައެއް ކަމަށާއި 'ޝިޕް-ޓު-ޝިޕް' ޓްރާންސްފާތައް ރާއްޖެ ސަރަހައްދުގައި އާންމުކޮށް ކުރާތީ ގޭހުގެ މާ ބޮޑު ދަތިތަކެއް ނެތް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ގޭސް ރައްކާކުރެވޭނެ ސްޓޯރޭޖު މާ ކުޑަކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އެސްޓީއޯގައި މިހާރު ހުރީ 1،000 ޓަނުގެ ގޭސް ސްޓޯރޭޖެއް ކަމަށެވެ. އިތުރު ގޭސް ސްޓޯރޭޖެއް ވިލާގައި ހުންނައިރު، އެ ދެ އެއް ކުންފުންޏަށް ދަތިވާ ހާލަތްތަކުގައި މެނޭޖުކުރަނީ ދެ ކުންފުނި ގުޅިގެންނެވެ.
ބުނީ ކީކޭ؟ - "އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ މިހާރު ޕްރޮކިއުމަންޓް ލެވެލްގައޭ އޮތީ، އިތުރު 1،500 ޓަނުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން. މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓު ނިމޭނެކަމަށް އެސްޓީއޯއިން ވިދާޅުވެފައި އޮތީ،" ޒަމީރު ވިދާޅުވި އެވެ.
"އޭރުން ދެ މަހާ ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި އެކަނި."
ޒަމީރު ވިދާޅުވީ ތެޔޮ ޓޭންކަރުތަކާ ހިލާފަށް ގޭސް ޓޭންކަރު ގެންގުޅުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި އެހެންކަމުން ގޭހުގެ ދަތިކަން ކޮންމެހެން ވެސް ފިލުވަން ޖެހޭ ކަމަށެވެ.
ގުޅުންހުރި ކަމެއް - ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުކޮށް، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް ދޮޅު އަހަރު ނުވަތަ ދެ އަހަރު ހޭދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ