ޢިރާޤުގެ އަސްކަރިއްޔާގެ ގޮތްޕެއް ކަމުގައިވާ 'ޕޮޕިޔުލަރ މޮބިލައިޒޭޝަން ޔުނިޓްސް' (ޕީއެމްޔޫ) ގެ އަމާޒުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ނިރުބަވެރި ޙަމަލާތަކެއްދީ 15 ސިފައިން ޝަހީދުކޮށްލުމުން، ރައްދު ޙަމަލާދޭނެ ކަމުގެ އިންޒާރު ޢިރާޤުން ދީފިއެވެ. ޢިރާޤުގެ ސަރުކާރާއި އަސްކަރިއްޔާއިން ވަނީ އެމެރިކާގެ މި ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، މި ފަދަ ޙަމަލާތަކުގެ ރައްދުގައި ޙަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހު، ޢިރާޤުގެ އަސްކަރިއްޔާއިން ވަނީ ދިފާޢުގައި އަސްކަރީ ފިޔަވަޅުތައް އެޅުމަށް ޕީއެމްޔޫއަށް އިރުޝާދުދީފައެވެ.
އަންބާރު ޕުރޮވިންސަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ޕީއެމްޔޫގެ އިސް ކޮމާންޑަރެއް ކަމުގައިވާ ސަޢަދު ދަވާޔީ އަލް-ބީޖީ ހިމެނެއެވެ. އަދި، ރަމާދީގެ ހަސްފަތާލުތަކަށް ގެންދެވުނު 30 އަށްވުރެ ގިނަ މީހުންގެ ތެރެއިން ބައެއް މީހުންގެ ޙާލު ސީރިއަސްވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ނީނަވާ ޕްރޮވިންސުގައި ހުންނަ ޕީއެމްޔޫގެ އިސްވެރިޔާ ފާލިޙް އަލް-ފައްޔާޟްގެ ގެކޮޅަށް ވެސް އެމެރިކާއިން ވަނީ ބޮންއަޅާފައެވެ.
މި ޙަމަލާތަކާ ގުޅިގެން ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވަނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އެ މަޖިލީހުން ނިންމާފައިވަނީ މިއީ ޢިރާޤުގެ ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، އެއްވެސް އުސޫލެއް ނެތި ދީފައިވާ ޢުދުވާނީ ޙަމަލާތަކެއް ކަމުގައެވެ. އަދި، ސަލާމަތީ މުއައްސަސާތަކާއި ޚާރިޖީ މިޝަންތަކަށް ޙަމަލާދޭ ފަރާތްތަކާ ދެކޮޅަށް ރައްދު ޙަމަލާ ދިނުމަށް ވެސް އެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޢިރާޤުގެ ޚާރިޖިއްޔާއިން މިހާރު ދަނީ މި މައްސަލަ އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
މި ޙަމަލާތަކަކީ، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި ޔަހޫދީން އަވައްޓެރި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން ދީފައިވާ ޙަމަލާތަކެކެވެ. މިއީ، ޕީއެމްޔޫއަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް، މިއީ އެ ގޮފީގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ޒިންމާ އެމެރިކާއާއި ޞަހްޔޫނީންގެ ކޮނޑުގައި ޢިރާޤުގެ ސަރުކާރާއި އަސްކަރިއްޔާއިން އެޅުވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މި ޖަރީމާތަކާއެކު ސިޔާސީ ގޮތުން ނުތަނަވަސްގަނޑެއްގެ ތެރެއަށް ބޮޑުވަޒީރު އަލް-ސޫދާނީ ވެއްޓިފައިވާ ކަމުގައި
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. 2003 ވަނަ އަހަރު އެމެރިކާއިން ޢިރާޤަށް އަރައި ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓައިލި ފަހުން، ބަޣުދާދުގެ ސަރުކާރުތަކުން ދަނީ އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަމުގެ މެދުގައި ހަމަހަމަކަން ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިހާރު މި ހިނގާ ހަނގުރާމައިގެ އަސަރު ލުބުނާނަށާއި ގަލްފް ޢަރަބި ޤައުމުތަކަށް ފެތުރިފައިވާއިރު، ޢިރާޤަކީ މި ސަރަޙައްދީ ކުރިމަތިލުންތަކުގެ މައި މައިދާނަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޢިރާޤުގެ އިންޒާރެއް އެމެރިކާއަށް: ރައްދު ޙަމަލާދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ