ރ. އުނގޫފާރުގެ އިހުތިސޯސްގެ ތެރޭ ހިމެނޭ ރ. އުނގުލަށް އަރައިފޭބޭނީ ހަމައެކަނި އުނގޫފާރު ރައްޔިތުންނަށް ކަމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުން ބަދަލުކޮށް، ކައުންސިލްގެ ހުއްދައާ އެކު އެހެން ރަށްރަށުގެ މީހުންނަށް ވެސް އުނގުލަށް އެރޭނެ ކަމަށް ބުނެފި އެވެ.
ވީ ކިހިނެއް؟ - އުނގޫފާރު ކައުންސިލުން އިއްޔެ ވަނީ އުނގުލަށް އަރައިފޭބޭނީ ހަމައެކަނި އުނގޫފާރު ރަށްވެހިންނާއި އެ ރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެ މީހުންގެ ދަރިންނަށް ކަމަށް ކަނޑައަޅައިފަ އެވެ.
ތަފްސީލް - އެ ނިންމުމަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އުނގޫފާރު ކައުންސިލްގެ ނިންމުން ބަދަލުކޮށް މިއަދު ކުރި އިއުލާނުގައި ބުނީ ކައުންސިލުން އުނގުލާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5އާ ދެމެދުގެ ވަގުތުގައި އުނގުލަށް އަރައިފޭބުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން:
އެ ހުއްދައަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ ގޫގުލް ފޯމު މެދުވެރިކޮށް
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ހެނދުނު 10ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ
އުނގުލަށް ދިއުމަށް އެދި ފޯމު ފުރާ ފަރާތްތަކަށް އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހުއްދަ މެސެޖް ވައިބާ މެދުވެރިކޮށް ލިބޭނެ
އުނގޫފާރު ކައުންސިލުން ބުނީ އުނގުލަށް އެރުމުގެ ހުއްދައިގެ ދަށުން އެ ރަށަށް އަރާ މީހުން ހޮވާ ކޮންމެ 4 ކާށިން 1 ކާށި އުނގޫފާރު ކައުންސިލަށް ލިބެން ޖެހޭނެ ކަމަށެވެ. އުނގުލުން ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމަށާއި ރުއްގަހަށް އަރައި ދިގު ދަނޑު ބޭނުންކޮށްގެން ރުއް އެޅުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށީ ވިއްކަން ނިންމާފައިވާއިރު ކާށި ގަންނަނީ އުނގުލުން ނަމަ އޭގެ އަގަކީ 5ރ. އެވެ. އުނގޫފާރުން ނަމަ 7ރ. އެވެ.
މީގެ އިތުރުން:
ކަށިކެޔޮ ގަނޑެއްގެ އަގަކީ 100ރ.
ކުއްޅަވަށް، ފަން އަދި މިދިލިއޮށް ފަދަ އެއްޗެހި އެ ހޮވާ މީހަކަށް ލިބޭނެ
އުނގޫފާރު ކައުންސިލުން ބުނީ އުނގުލުން ރުއްގަސް ކެނޑުމަކީ މަނާކަމެއް ކަމަށެވެ. ރަށަށް އަރައިފައިބާ މީހުން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އަންގައިފަަ އެވެ.
މީގެ އިތުރުން، އުނގޫފާރު ކައުންސިލުގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން އުނގުލަށް އަރައިފޭބުމަކީ މަނާކަމެއް ކަމަށާއި ހުއްދައާ ނުލާ އެ ރަށަށް އަރައިފައިބާ ނަަމަ ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށް ވެސް އުނގޫފާރު ކައުންސިލުން ބުންޏެވެ.
އެނގުން މުހިއްމު - އުނގުލަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އާބާދީގައި 100 ވެސް ހަމަނުވާ އުނގުލުގައި ތިބި މީހުން ރ. ހުޅުދުއްފާރަށް ބަދަލުކުރީ 1993ގަ އެވެ.
ހުރިހާ ރަށެއްގެ މީހުންނަށް ވެސް އުނގުލަށް އެރޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ