2 އިންތިހާބު އެއްކުރާ ބިލް ބާތިލްކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައެއްނުގަތް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
ތަފްސީލް - އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި ވަނީ:
ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް ވެސް ތަސްދީގުކުރުމަށް ރައީސަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެއް؛ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އަހަންޖެހޭ ބިލުތަކާއި އެ ނޫން ބިލުތައް ތަސްދީގުކުރުމުގެ މުއްދަތު ތަފާތުކޮށްފައެއް ނެތް
އެ މާއްދާގައި ބަޔާންކުރާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގުނުކޮށްފި ނަމަ އަދި ތަސްދީގުނުކުރުމަށް ނިންމައި މަޖިލީހަށް އެކަން އަންގާފައިނުވާ ނަމަ އެ ބިލެއް ތަސްދީގުވީ ކަމުގައި ބަލަންވާނެ ކަމަށް ގާނޫނުއަސާސީ ބުނޭ
ނަމަވެސް، އެ ބިލު ތަސްދީގުކުރުމުގެ ކުރިއަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގެ އަގުލަބިއްޔަތު އެ ބިލަކަށް ލިބެންޖެހޭ 
ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށްޓަކައި ރައީސް މުއިއްޒަށް ފޮނުވީ މިދިޔަ 11 ފެބުރުއަރީގައި ކަމަށްވާއިރު، އެ ބިލު ތަސްދީގުކުރަން އޮތް މުއްދަތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް އައްސަވާފައެއް ނުވޭ
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި އެ މައްސަލަ ބަލައިނުގަތްކަން އަންގަވައި އަލީ ހުސައިނަށް ފޮނުއްވި ލިއުމުގައި ވަނީ:
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ހިމެނޭ އުސޫލެއްގެ ބިލެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާ ބިލެއް ތަސްދީގުކުރުމުގައި ބަލަން ޖެހޭނީ ގާނޫނުއަސާސީ އިސްލާހުކުރާ ބާބުގައި ހިމެނޭ ކަންކަމަށް
އެ ބާބުގައި ހިމެނޭ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ވަނީ، 15 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސް އަންގަވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ބިލެއް ރައީސް ތަސްދީގުކުރައްވަން ނުފެންނަ ކަމަށް ވަނީ ނަމަ
މައި ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް ރައީސް ނިންމަވާފައެއް ނުވޭ
އެނގުން މުހިންމު - މި ބިލު ތަސްދީގުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ ކައުންސިލް އިންތިހާބާ އެކު އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ. އެ ގޮތަށް ކަނޑައެޅީ ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި ކުރާނެ ސުވާލު އެ ގަރާރުގައި ކަނޑައަޅާފައިވާއިރު، އެ ސުވާލު ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ދެ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަަލަ ބަލައިގަނެ މާދަމާ ފެށުމަށް ތާވަލުކޮށްފަ އެވެ.
އެގޮތުން:
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ