އެމެރިކާ އާއި ޔަހޫދީ އިޒްރޭލް އިސްވެ އޮވެ އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފިލިޕީންސް އިން ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ. މިއީ ހަނގުރާމައާ ގުޅިގެން މިފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރި ދުނިޔޭގެ ފުރަަތަމަ ގައުމެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވީ، ގައުމުގެ ހަކަތައިގެ ސަޕްލައަށް ކުރިމަތިވެފައިވާ ނުރައްކަލަށް ރިއާޔަތްކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމިއޮންނަ ގޮތަށް އިއުލާންކުރި މި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ތެލާއި ޕެޓްރޯލިއަމްގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެ ތަކެތި ހޯދުމުގެ ބާރު ސަރުކާރަށް ލިބޭނެ އެވެ.
ފިލިޕީންސް އިން ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު، ތެލުގެ އަގު ބޮޑުވުމާއި އެކަމަށް މާކޯސްގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އެކަމާ ދެކޮޅަށް ފިލިޕީންސްގެ ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ދަތުރުވެރިން އަދި ކޮންސިއުމާ ގްރޫޕްތަކުން މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުޒާހަރާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ހަނގުރާމައާ ގުޅިގެން އީރާނުން، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެޔޮ ލިބުން ދަތިވެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން ފިލިޕީންސަށް ބޭނުންވާ ތެލުގެ 98 ޕަސެންޓް އިމްޕޯޓް ކުރަނީ ގަލްފް ސަރަހައްދުންނެވެ. އަދި ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެ ގައުމުގައި ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ދެގުނަ ބޮޑުވެފަ އެވެ.
ހަނގުރާމައާ ގުޅިގެން ފިލިޕީންސް އިން ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ