ސިޔާސަތަކީ ބޯދާ އަސްކަރީ އިއްތިހާދުތައް ހެދުމެއްނޫން: ޗައިނާ

ޗައިނާގެ ސިޔާސަތަކީ ބޯދާ އަސްކަރީ އިއްތިހާދުތައް ހެދުންނޫން ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާއިން އެހެން ބުނީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ޗައިނާއިން އީރާނު އެކަހެރިކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރުމުގެ ގޮތުން ޝާއިއުކޮށްފައިވާ ބަޔާނެއްގައެވެ.
ޗައިނާގެ ސިޔާސަތަކީ ބޯދާ އަސްކަރީ އިއްތިހާދުތައް ހެދުމުގެ ބަދަލުގައި، އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތައް އުފެއްދުން ކަމަށެވެ. ގައުމަކަށް އެހީތެރިވުމަކީ ހަމައެކަނި އަސްކަރީ ގޮތުން ކުރިމަތިލުން ކަމަށް ދެކުމަކީ ބައިނަލްއަގުވާމީ ގުޅުންތަކާމެދު ގެންގުޅޭ ވަރަށް ބޯދާ ވިސްނުމެއް ކަމަށްވެސް ޗައިނާއިން ބުނެއެވެ. 
މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ މިދަނޑިވަޅުގައި، އީރާނާއެކު އޮތް ގުޅުން ޗައިނާއިން ކަނޑާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހުޅަނގުގެ މީޑިއާތަކުން އުފައްދައިގެން އުޅޭ، ޗައިނާގެ ހާރިޖީ ސިޔާސަތު އޮޅޭ ފަދަ ދޮގު ހަބަރުތަކެއްކަމަށް ޗައިނާއިން ބުނެއެވެ. 
ޗައިނާގެ ބަޔާނުގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި، އޭގެ ސަބަބުން އަފްގާނިސްތާނާއި، އިރާގު އަދި ލީބިޔާއަށް ދިމާވި ފަދަ ނާމާން ހާލަތަކަށް ސަރަހައްދީ މަސްލަހަތު ވެއްޓިދާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފައެވެ.
ޗައިނާއިން އަބަދުވެސް ބާރުއަޅަނީ ސުލްހަވެރި ހައްލުތަކެއް ހޯދުމަށާއި، ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމުކުރުމަށާއި، އާންމުން ހިމާޔަތްކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މަޝްވަރާތަކަށެވެ. މިގޮތުން ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށް ޗައިނާއިން އަދާކުރި މުހިންމު ދައުރު އެ ގައުމުން ފާހަގަކުރިއެވެ.
ބެއިޖިންގްއިން ގަބޫލުކުރާ ގޮތުގައި މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމުކުރެވޭނީ ބޭރުގެ އަސްކަރީ ނުފޫޒުތަކުގެ ބަދަލުގައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ދެކެވޭ މަޝްވަރާތަކާއި އެއްބާރުލުމުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ