އަބްދުއްރަހީިމްގެ އެއްމާބަނޑު ކޮއްކޮ ޕީއެންސީއާ ދެކޮޅަށް ފޮނަދޫ ރައީސް ކަމަށް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ އަބްދުލްކަރީމް ކުރިމަތިލެއްވީ މިނިވަން ކެންޑިޑޭޓެއް ގޮތުގަ އެވެ. އަބްދުއްރަހީމް ނިސްބަތްވާ ޕީއެންސީން ވާދަކުރައްވަނީ މިހާރު ވެސް ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހްމަދު ރިޔާޒެވެ.
ތަފްސީލް - އަބްދުލްކަރީމް 'ދައުރު'އަށް މިއަދު ވިދާޅުވީ އާއިލާގެ ބައެއް މީހުން ޕީއެންސީގައި ތިބި ނަމަވެސް އޭނާއަކީ އެއްވެސް އިރެއްގައި ޕީއެންސީގެ މެންބަރެއް ނޫން ކަމަށެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވީ މިނިވަން ބޭފުޅެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރައްވަން ބޭނުންފުޅުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަބްދުލްކަރީމަކީ ލޯފަން ބޭފުޅެކެވެ.
ރަށުގެ ހިންގުމަށް ކުރިމަތިލައްވަން ބޭނުންވި އަނެއް ސަބަބަކީ އޭނާ ފަދަ މީހަކަށް ވެސް އެކަން ކުރެވިދާނެ ކަމުގެ ހިތްވަރު ހުންނާނެކަން ސާބިތުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހިތްވަރު ލިބެނީ ވެސް ފޮނަދޫގެ ގިނަ ރައްޔިތުންގެ ފަރާތުން މި ލިބޭ އިހުތިރާމާއި ލޯބީގެ ސަބަބުން. މި މަގާމަށް ވާދަކުރުމަށް އަޅުގަނޑަށް ހިތްވަރު ލިބުނީ ވެސް އެހެންވެގެން،" އަބްދުލްކަރީމް ވިދާޅުވި އެވެ.
އަދި މިއީ ވަކި މީހަކަށް ނޫނީ ސިޔާސީ ޕާޓީއަކަށް އަމާޒުކޮށް އެ ބަޔަކު ހޮވުނަ ނުދިނުމަށް ނިންމި ނިންމުމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - އަބްދުލްކަރީމް ޕީއެންސީއާ ދެކޮޅަށް ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން މި ނުކުންނެވީ، ޕީއެންސީގެ އިސް ހަރަކާތްތަކުގައި އަބްދުއްރަހީމްގެ ފެނުން މަދުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް މުހައްމަދު މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބުނު އިރުން ފެށިގެން ވެރިކަން ލިބިވަޑައިގެން، މަޖިލީހުގެ އިންތިހާބަށް ނުކުންނެވި އިރު ވެސް އެ މަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވީ އަބްދުއްރަހީމެވެ. މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކުރަނީ ވެސް، ރައީސް މުއިއްޒު އެ ގޮތަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕަށް އިރުޝާދު ދެއްވުމުންނެވެ.
ނަމަވެސް ފަހުން އައިސް ގުޅުން ހީނަރުވެ، ޓޫރިޒަމް މިނިސްޓަރު ކަމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަކިކުރުމުން ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް އޭގެ ފަހުގައި ވެސް ބައެއް ހަރަކާތްތަކުގައި ދޭތެރެއަކުން ބައިވެރިވެ ސަރުކާރާ އެކު ހުންނެވި ކަމުގެ ޔަގީންކަން އަބްދުއްރަހީމް އަރުވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ފޮނަދޫގައި ޕީއެންސީއަށް ބޮޑު ތާއީދެއް އޮންނަނީ ވެސް އަބްދުއްރަހީމްގެ ސަބަބުންނެވެ. އެ މަނިކުފާނަކީ ފޮނަދޫގައި ނުފޫޒު ގަދަ ސިޔާސީ ލީޑަރެކެވެ. އަދި މިއީ ފޮނަދޫގެ މަޖިލިސް މެންބަރުކަން ކުރައްވާ ތިންވަނަ ދައުރެވެ. އެ ދާއިރާއަށް ނުކުންނަވާ ނާކާމިޔާބުވީ އެންމެ ފަހަރަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ