އިޤުރާރުވީމޭ ލޯބިން - 12

އައިރާގެ މައުސޫމްކަން ބަޔާންކުރާ ހެއްކެއްކަމުގައި ޒަހްރާނަށް އެ ކަރުނަތައް ފުދިއްޖެއެވެ. އޭނައަށް ބޭއިޚްތިޔާރުގައި އައިރާއާ ދިމާލަށް ފިޔަވަޅެއް އަޅައިލެވުނެވެ. ޒަހްރާން އޭނައާ ދިމާލަށް އަންނަން ފެށުމުން ހަމަ ބިމަށް އާދެވުނު އައިރާ ދެ އަތުން އޭނަގެ ކަރުނަތައް ފުހެލާފައި ނޭފަތް ދަމައިލަމުން ޒަހްރާނަށް ފުރަގަސް ދިނެވެ. "އައި މީން އިޓް އައިރާ... އިޓްސް ނޮޓް ޔޯ ފޯލްޓް." ޒަހްރާން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. އައިރާ ޒަހްރާނަށް ބަލައި ނުލިޔަސް އޭނަގެ ހިތުގައި އެ ބަސްތަކުން ހީވީ ގަނޑުފެން އަޅައިލަދިން ހެންނެވެ. މެއަށް ފިނިވެލާ ތަދުވެސް ލުއިވިހެން ހީވިއެވެ. އައިރާ އެދިޔަ ގޮސް ގޭގެ ދޮރުގައި ލޮކް ކޯޑު ޖަހާފައި އެތެރެއަށް ވަދެއްޖެއެވެ. އޭނައަށް ލެނގިލެވުނީ ގޭގެ ދޮރުގައެވެ. އަނެއްކާވެސް ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ހިތަށް ކުރީ ކޮންކަހަލަ އަސަރެއްކަމެއް އައިރާއަކަށް ނޭނގުނެވެ. ހިތުގެ ޖަރުބާތުތައް ގަޑުބަޑުވެގެން ދިޔަހެން ހީވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒަހްރާންގެ ފަރާތުން އޭނައަށް އެ އަޑު އިވުނީ އެތަކެއް ދުވަހެއް ވަންދެން އޭނަ އަޑު އިވެން ބޭނުންވެފައި ހުރި ލަފުޒުތަކެކެވެ. ކޮންމެވެސް މީހަކު އޭނައާ ދިމާލަށް ބުނާނެކަމަށް އުންމީދު ކުރެވުނު ލަފުޒުތަކެކެވެ. މީގެ ކުރިން އެ ލަފުޒުތައް އޭނައަށް އަޑު އިވުނީ އެންމެ މީހެއްގެ ފަރާތުންނެވެ. އާއެކެވެ. ކުޑައިރުގެ އޭނަގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ފަރާތުންނެވެ. އޭގެ ފަހުންވެސް މިހާރު އެތަކެއް އަހަރެއް ފާއިތުވެގެން ހިނގައްޖެއެވެ. ކޮޅަށް ހުންނަން ދަތިވުމާއެކު އައިރާއަށް ހުރި ތަނަށް ތިރިވެވުނެވެ. އޭނައަށް ރޮވެން ފެށުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ކުރި އަސަރެއްގެ ސަބަބުންނެވެ. މެއާ ދިމާލުގައި އައިރާއަށް އަތް ޖައްސައިލެވުނެވެ. އެތަކެއް އިރަކު އޭނައަށް އެގޮތުގައި އިނދެވުނެވެ. ***** ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދާނިޔާ ކައިވެންޏަށް ބޭނުންވާ ސާމާނުތައް ގަނެގެން ރާއްޖެ އަތުވެއްޖެއެވެ. ރިހާމްއާއި ދާނިޔާގެ ކައިވެނީގެ ތައްޔާރީތައް، ވެސް ހަލުވި މިނުގައި ކުރެވެމުން ދިޔައިރު، ރިހާމްއަށް އައިރާއާ މެދު ވިސްނާކަށް ވަގުތެއް ނުވިއެވެ. ގިނަ ވަގުތު އުޅެންޖެހުނީ މަންމަ ޝާފިޔާއާއެކުގައެވެ. އައިރާއަކީ އޭނަގެ އަނބިމީހާ ނަމަވެސް، އަނބިމީހާގެ ހައްޤުތަކަށް ރައްކާތެރިވުމަކީ އޭނަ ކުރަން ޖެހޭކަމެއްކަމުގައި ރިހާމްގެ ހަނދާނުގައި ހުރިހެނެއްވެސް ހިޔެއް ނުވެއެވެ. ދުވާލުގެ ވަގުތުގައި ދޭތެރެއަކުން ގޮސް ގެއަށް ވަދެލާފައި އައިރާ ކޮބައިތޯ ބަލައިލި ނަމަވެސް، އޭނަ އައިރާއަކަށް ވަގުތެއް ނުދެއެވެ. ބައެއް ރޭރޭވެސް އޭނަ އައިރާ ކައިރިއަށް ގޮސްލާނެއެވެ. އެކަމަކު ބޭނުމެއް އޮތްނަމައެވެ. އައިރާއަށް ސިއްރުކޮށްގެން މި ކުރެވެން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަންވެސް ރިހާމްއަށް އަންދާޒާނުކުރެވެނީ ކަންނޭނގެއެވެ. އޭނަ އައިރާއަށް ވީ ވަޢުދުތަކުގެ މަތިން ހަނދާންނެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެ ވަޢުދުތަކުގައި މިއަދު އެއްވެސް އަގެއް ނެތީއެވެ. ރިހާމްއަށް އޭނާގެ އާއިލާގެ އުފާވެރިކަން މުހިންމެވެ. އައިރާ އިނދެގެން ގެނައުމުން މަންމަމެން ނުރުހުންވި ވަރާ އޭގެ ފަހުން ދެބަސްވެ އަރާރުންވާން ފެށުމުން ގޭތެރޭގެ އުފާވެރިކަން ގެއްލުނެވެ. އެހެންނަމަވެސް ދާނިޔާގެ ސަބަބުން މިހާރު އަނެއްކާވެސް އުފާވެރިކަން އަލުން އިއާދަވެފައިވާ ފަދައެވެ. ބައްޕައާ މަންމަގެ ހަމަޖެހުން ގުޅިފައިވަނީ އެކައިވަންޏާކަން ރިހާމްއަށް ވެސް އެނގެއެވެ. ****** "އާނ. އޯކޭ. އަހަރެން ފަހުން ގުޅާނަން." ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން ސިޓިން ރޫމަށް ނުކުތް ޝާފިޔާ ފޯނު ބޭއްވިއެވެ. އޭރު ރިހާމް ސޯފާގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ޝާފިޔާ ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު، އޭނަ ރިހާމްއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ހުރިހާކަމެއްވެސް އޭނަގެ ރޭވުމާ އެއްގޮތަށް ދާތީ ޝާފިޔާ ހުންނަނީ ނުހަނު ހިތްހަމަޖެހިފައެވެ. "ދަރިފުޅާ.." އޭނަ ރިހާމްގެ ސަމާލުކަން ބޭނުންވިއެވެ. ރިހާމްވެސް ފޯނުން ނަޒަރު ވަކިކޮށްލަމުން ޝާފިޔާއަށް ބަލައިލިއެވެ. ޝާފިޔާ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭކަން ރިހާމްއަށް އެނގުނެވެ. އޭނަ ހީކުރީ ކައިވެނީގެ ވާހަކައެއް ދައްކަން އުޅޭކަމަށެވެ. އެހެންނަމަވެސް ޝާފިޔާ ފެށީ މުޅިން އެހެން ވާހަކައެކެވެ. "ދެން ދަރިފުޅު އައިރާ ވަރިކުރަންވީނު." ޝާފިޔާ ބުނެލައިފިއެވެ. "ވަރިއޭ؟..." ރިހާމްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޝާފިޔާ އެބުނީ އެވަގުތު ބުނެފާނެކަމަށް އުންމީދުކޮށްގެން އިން ވާހަކައެއް ނޫނެވެ. އެއީ އޭނައަށް އައު ވާހަކައަކަށް ނުވިޔަސް ކުއްލިއަކަށް އެހެން ބުނުމުން ރިހާމް ހައިރާންވީއެވެ. "ކިހިނެއްވީ؟ އަނެއްކާ މަންމައަށް މިބުނެވުނީ ގޯސް އެއްޗެއްތަ؟" ރިހާމް ގެ މޫނުމަތީގެ ކުލަވަރުތަކުން ޝާފިޔާ އަހައިލިއެވެ. "އައިރާ... ވަރިކުރަން..." ރިހާމްއަށް ލަފުޒުތައް އަތުރައިލުން ވީ އުނދަގޫކަމަށެވެ. "އެއީ އެންމެ ރަނގަޅު ގޮތޭ. ދާނިޔާއާ ކައިވެނި ތިކުރަނީ ދަރިފުޅުވެސް ބޭނުން ވެގެނެއްނު. މިހާރު އެންމެންވެސް ކިހާ އުފަލުގައި މިއުޅެނީ. ދަރިފުޅު ނިކަން ވިސްނާލަބަލަ..." ޝާފިޔާ ބުނެލިއެވެ. ރިހާމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. "ދާނިޔާއަށް އެނގޭނެ އަހަރެން އުޅެނީ މީހަކާ އިނދެގެންކަން." ރިހާމް ބުނެލިއެވެ. ހީވީ އޭނަ އަދި އައިރާއާ ދޭތެރޭ ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރިނަމަވެސް ވަރިކުރަން ބޭނުންނުވާހެންނެވެ. "މަންމައަށް ވެސް އެނގޭ ތިކަން. ނޭނގިގެނެއް ނޫނޭ މިހެން މިބުނީ. ދާނިޔާއަށް ތިކަން އެނގުނަސް ދާނިޔާގެ މައިންބަފައިންނަކަށް ތިކަމެއް ނޭނގެ. ދަރިފުޅަށް ހީވޭތަ ދާނިޔާއަށް ދަރިފުޅުގެ ދެވަނަ އަނތްބެއްގެ ދަރަޖަ ދޭން އެމީހުން ޤަބޫލުވާނެހެން؟" ޝާފިޔާ ސުވާލުކޮށްލިއިރު، އޭނަގެ އަޑުން ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ފާޅުވެލިއެވެ. "އައިރާއަކީ ކޮންކަހަލަ ކުއްޖެއްކަންވެސް އެންމެ ރަނގަޅަށް އެނގޭނީ ދަރިފުޅަށް. އޭނައަކީ ބައްޕަ ނެތް ކުއްޖެއް. މަންމައަކީ ހަށި ވިއްކަމުން ދިޔަ އަންހެނެއް. ދުނިޔޭގެ ތަޖުރިބާ ގިނަވާނީ ދަރިފުޅަށް ވުރެ މަންމަގެ. އެކަހަލަ ކުދިން ރަނގަޅެއް ނުވާނޭ ދަރިފުޅާ! މިހާރު މައުސޫމް މީހެއް ކަމަށް ދެއްކިގެން އުޅުނަސް، އޭނަވެސް ވާނީ ހަމަ އޭނަ މަންމަ ކަހަލަ މީހަކަށް. ހެޔޮކޮށް ވިއްޔާ އޭނަ ދަރިފުޅާ އިނީވެސް ފައިސާގެ ދަހިވެތިކަމުގެ." ޝާފިޔާ ވާހަކަ ދެއްކިއެވެ. އޭނަ ރިހާމްގެ ސިކުނޑި އައިރާއާ މެދު ކިލަނބުކުރުމަށް މަސައްކަތްކުރަމުން ދިޔައެވެ. އައިރާ ވަރިކުރަން މިހާރު އެއްބަސް ނުވިޔަސް، އެހިތުގައި ކިލަނބުކަމާއި ޝައްކުގެ އޮށެއް އިންދާލެވިއްޖެނަމަ ވަރިއަކީ މާ ދުރުގައިވާނެ ކަމެއް ނޫންކަން ޝާފިޔާއަށްވެސް ދެނެގަނެވުނެވެ. އިތުބާރަކީ ގުޅުމެއް ދަމަހައްޓާ އެންމެ މުހިންމު އެއް އަސާސެވެ. އިތުބާރު ފުނޑުފުނޑު ކޮށްލެވިއްޖެނަމަ، އެގުޅުމެއްގައި ސިއްކަ ޖެހޭކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. އޭނަ ބޭނުމިއްޔާ މިހާރު އައިރާ ކައިރީގައިވެސް ރިހާމް އިތުރު މީހަކާ ކައިވެނިކުރަން އުޅޭކަން ހާމަކުރެވުނީހެވެ. އެހެންނަމަވެސް މަޑުކުރަނީ އަދި ވަގުތު ނުޖެހޭތީއެވެ. އައިރާއަށް އެ ހަޤީޤަތް ހާމަކޮށްފިނަމަ ވާނެ ގޮތްތަކުގެ ތަމްސީލެއް އޭނަވަނީ ސިކުނޑީގައި ކުރަހާލާފައެވެ. ފުރަތަމަ ގޮތަކީ އައިރާ ރިހާމްގެ ގާތުން ވަރިވުމެވެ. ދެވަނަ ގޮތަކީ، އައިރާ އެ ކައިވެނި ހުއްޓުވުމެވެ. ތިންވަނަ ތަންސީލު ގުޅެނީ ރިހާމްއާއެވެ. ރިހާމްއަށް އޭނަ އެކަން އައިރާއަށް ހާމަކުރިކަން އެނގުމުން ރުޅި އަތުވެދާނެއެވެ. ސަބަބަކީ އޭނަ ގާތުގައި ރިހާމް އޮތީ އެކަން އައިރާއަށް ސިއްރުކުރަން ބުނެފައިކަމުގައި ވުމެވެ. ވީއިރު އޭނަ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، ރުޅިއައިސްގެން ރިހާމް ކަތި ފިޔަވަޅެއް އަޅާފާނެތީ އޭނަ ޖެހިލުންވަނީއެވެ. ހުރިހާ ގޮތްތައް އަޅާ ކީ ނަމަވެސް، އަދި ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް ބާޒީ އަތުން ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އޭނައަށް ގެއްލުންވާނެ ފުރުސަތު އެބަ އޮތެވެ. އިހަށް ހިމޭނުން ހުރި ސަބަބަކީ އެއީއެވެ. ކެތްތެރިކަމެއްނެތި ކުރާ ކަންކަމުން ގިނަފަހަރު ކުރިމަތިވާނީ ނާކާމިޔާބީއާއެވެ. ކުޅިބައި އަތުރާލަން ޖެހޭނީ އޭނައަށް ކާމިޔާބު ވާ ގޮތަށެވެ. އައިރާ ފަދަ ގޮތެއް ނެތް އަންހެން ކުއްޖަކު ރިހާމްގެ ޙަޔާތުގައި ހުރުމަކީ އޭނައަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. އައިރާގެ ފަރާތުން ރިހާމްއަށް ފެންނަނީ ކޮން ސިފަތަކެއްހެއްޔެވެ؟ އެއީ ރާއްޖެތެރޭގެ ނިކަމެތި އަންހެނެކެވެ. އެއްވެސް އަގެއް ނެތި ރަށު ތެރެއަށް ގިނަވެފައިވާ އަންހެނެކެވެ. "މަންމަ އެންމެ އުފާވާނީ ދަރިފުޅު ދާނިޔާއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުނީމަ. އައިރާ ދަރިފުޅުގެ ޙަޔާތުގައި ހުރިހާ ދުވަހަކު އެކަމެއް ޙާސިލެއް ނުވާނެ." ޝާފިޔާ ބުނެލިއެވެ. އޭނައަށް އައިރާ ފެންނަނީ ރިހާމްއާ ދާނިޔާގެ ދިރިއުޅުމަށް ހުރަސް އަޅާ ހަޔާތް އަނދިރިކޮށްލާނެ ކަޅު ވިލާގަނޑެއްގެ ސިފައިގައެވެ. "މަންމަމެން ބޭނުންވާ ގޮތަށް އަހަރެން އެބަ ކަންތައްކުރަމެއްނު. އަހަންނަށްވެސް ދާނިޔާ ކަމުދޭ. އެކަމަކު އައިރާ ވަރިކުރުމަކީ ބޭނުންވާގޮތެއް ނޫން. ދާނިޔާވެސް އެހުރިހާކަމަކަށް އެއްބަސްވެގެން ކައިވެންޏާ ހިސާބަށް ދިޔައީ... ކޮންމެ ގޮތެއް ވިޔަސް ދާނިޔާ އަހަންނާއެކު އުޅެން ބޭނުމިއްޔާ އަހަރެންވެސް އޭނައާ ކައިވެނިކުރާނަން..." ރިހާމް ބުނެލިއެވެ. އޭނަ އެތަނުން ތެދުވެގެން ދިޔުމުން ޝާފިޔާއަށް ތުންފިއްތައިލެވުނެވެ. ނުރުހުންވެފައި އޭނައަށް އިނދެވުނެވެ. އިރުކޮޅެއްފަހުން ގޭގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ޝުބާއެވެ. އޭރު އޭނަ އަތުގައި ބައިވަރު ކޮތަޅުތަކެއް ހުއްޓެވެ. އެ އެއްޗެހި ހިފައިގެން އައިސް ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. "ކޮންހާ ސާމާނެއްތީ؟" ޝާފިޔާއަށް އަހައިލެވުނެވެ. އޭނަ ބޭރަށް ދިޔައީ ދާނިޔާއާ އެކީގައެވެ. "ހެދުމާ ޖުވެލްރީސް..." ޝުބާ ބުންޏެވެ. "ހުސްވެސް ދޮންބެ ދައްތަގެ ގިފްޓްސް..." "އެހެންތަ؟" ޝާފިޔާ ބުނެލިއެވެ. ޝުބާ ކޮތަޅުތަކުގައި ހުރި އެއްޗެހިތައް ނަގާ ޝާފިޔާއަށް ދައްކަން ފެށިއެވެ. އެހުރިހާ އެއްޗެއްވެސް އެހާ ނަލައެވެ. އެހެންނަމަވެސް ރިހާމްގެ ވާހަކަތަކުން މޫޑު ސަރަކާތްވެފައިވާ ޝާފިޔާއަށް އެކަމަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އޭނައަށް ވިސްނެނީ ރިހާމްގެ ޙަޔާތުން އައިރާ ދުރުކޮށްލެވޭނެ ގޮތަކާ މެދުގައެވެ. "މަންމައަށް ކިހިނެއްވެފަ ތީނީ؟" ޝުބާއަށްވެސް ޝާފިޔާގެ ހާސްކަން ފަހުމްވެއްޖެއެވެ. އޭނަ ހަރަކާތް މަޑުޖައްސައިލަމުން ސުވާލުކޮށްލިއެވެ. "ކަމެއްނުވޭ..." ޝާފިޔާ ބުނެލިއެވެ. އެއަށްފަހު އޭނަ ޝުބާގެ ވާހަކަތަކަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. ރިހާމް އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭނަ ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަންޏަށް ނުކުމެލިއެވެ. އޭރު އިރުއޮއްސެނީއެވެ. އުޑުމަތީގައި ވަނީ ރަތްވިލާ ލާފައެވެ. ރަތާ ރަން ރީނދޫ ކުލަތަކުން ޖަރީކޮށްލާފައެވެ. ރިހާމް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައާ ދާނިޔާއާ ދެމެދު އެވާހަކަތައް ވަނީ ވަރަށް ސާފުކޮށް ދެކެވިފައެވެ. އެންމެ ފުރަތަމަ އޭނައަށް ދާނިޔާ ކަމު ނުދާއިރުވެސް، ދާނިޔާ އޭނަ ދެކެ ލޯބިވާކަން ރިހާމްއަށް އެނގެއެވެ. މަންމަމެން އެދެމީހުން ގުޅެން ބޭނުންވާކަންވެސް މެއެވެ. މީހަކާ އިނދެގެން އުޅޭކަމުގައި އޭނަ ދާނިޔާއަށް ހާމަކޮށްލި ދުވަސްމަތިން ރިހާމް ހަނދާންވިއެވެ. އެއީ އޭނަވެސް ދާނިޔާއާ ގަޔާވި ފަހުންނެވެ. އަދި ޝާފިޔާމެން އެމީހުން ބޭނުންވާ ގޮތް ހާމަވެސް ކުރި ފަހުންނެވެ. އެ ދުވަހު ދާނިޔާ އޭނަ ދެކެ ރުޅިއައިސްގެން ދިޔައީއެވެ. އެހެންނަމަވެސް ފަހުން ބައްދަލުކޮށްފައި އޭނައަށް ދެވަނަ އަނތްބެއްގެ ދަރަޖަ ދިނަސް އެންމެ ރަނގަޅުކަމުގައި ބުނީއެވެ. ރިހާމް ދާނިޔާއަށް ގުޅައިލުމާއެކު ދެވަނަ ރިންގާއެކު ފޯނު ނަގައިފިއެވެ. "ކޭންވީ މީޓް؟" ދާނިޔާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ރިހާމް ބުންޏެވެ. "އޯކޭ. ކޮންތާކަށް ދާންވީ؟" ދާނިޔާ ސުވާލުކޮށްލިއެވެ. ރިހާމް އެފަދަ ގޮތަކަށް އެދުމުން އޭނަ ކުޑަކޮށް ނުތަނަވަސްވެސް ވިއެވެ. "މިދަނީ ބަލާ... ފަނަރަ ވަރަކަށް މިނެޓްފަހުން ތިރިއަށް އާދޭ..." އެހެން ބުނެލާފައި ރިހާމް ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނަ ގޮސް ކޮޓަރިން ނުކުތެވެ. ސިޓިން ރޫމަށް ނުކުތްއިރު، ޝާފިޔާއާ ޝުބާއާ ދެމީހުން އޭރުވެސް އެތަނުގައި ތިއްބެވެ. ސޯފާތައް މަތީގައި އަތުރާފައިވާ ސާމާނުތަކަށް ބަލައިލުމަށްފަހު، ރިހާމް ބުމަ އަރުވައިލިއެވެ. "ތީ ކޮންކަމެއް؟" ރިހާމް ޝާފިޔާއަށް ބަލައިލި ނަމަވެސް، ޝާފިޔާ އެއްޗެއް ނުބުންޏެވެ. އޭނަ އިނީ ހިތްހަމަނުޖެހިފައިކަން ރިހާމްއަށް އެނގުނެވެ. "ސޮރީ މަންމާ..." މަންމަ ވާހަކަ ދައްކަ ދައްކާ އިންދާ ދެވުނީތީ ރިހާމް މާފަށް އެދުނެވެ. ޝާފިޔާ އެއްޗެއް ނުބުނުމުން މިފަހަރު ވާހަކަ ދެއްކީ ޝުބާއެވެ. "މީ ދޮންބެދައްތަ ދިންހާ އެއްޗެހި." ޝުބާ ބުނެލިއެވެ. "ދާނިޔާ؟" ރިހާމްއަށް އަހައިލެވުނެވެ. ޝުބާވެސް އެއްއިރެއްގައިވެސް އައިރާއަކާ ގަޔާއެއް ނުވެއެވެ. އޭނަ އައިރާ ދެކެ ރުޅިއާދެއެވެ. "ދެން އެހެން ކާކު؟" ޝުބާ އެއްޗެއްސަށް ބަލަން އިނދެ ބުނެލިއެވެ. "އޯކޭ..." ރިހާމް ގެއިން ނުކުންނަން ހިނގައިގަތުމުން ޝާފިޔާއަށް އެ ދިމާލަށް ބަލައިލެވުނެވެ. ރިހާމް ގޮސް ދޮރު ޖެހުމާއެކު އޭނައަށް ދަތްކުނޑި ވިކައިލެވުނެވެ. "އަހަރެމެންނަށް ޖެހިފަ އޮތް މުސީބާތަކަށް އެ އައިރާ ވެއްޖެޔޭ..... ރިހާމްވެސް އޭނަ ވަރިކުރާކަށް ނޫޅުނު." ޝާފިޔާއަށް ބުނެވުނީ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށެވެ. އޭނަ އައިރާއަށް ނިސްބަތްކޮށް ހުތުރު ބަހެއްވެސް ބުނެލިއެވެ. "މަންމާ.. އެއްޗެއް ބުނިންތަ؟" ޝުބާއަށް އަހައިލެވުނެވެ. "ނޫން. އެއްޗެކޭ ނޫން. ދީބަލަ އެ ހެދުން ބަލާލަން." ޝާފިޔާ ބުނެލިއެވެ. ***** ރިހާމް ތިރިއަށް ގޮސް ގަރާޖުގައި ބާއްވާފައި އޮތް ކާރަށް އަރާ އިށީނުމަށްފަހު ސްޓާރޓްކޮށްލިއެވެ. އެއަށްފަހު ގަރާޖުން ކާރު ނެރިލުމަށްފަހު ދުއްވައިލީ ދާނިޔާމެން ގެއާ ދިމާލަށެވެ. އެހިސާބަށް ގޮސް މަޑުކޮށްލިއިރު، ދާނިޔާ އޭނަގެ އިންތިޒާރުގައި ހުއްޓެވެ. ރިހާމްގެ ކާރު ފެނުމާއެކު ދާނިޔާ އައިސް ކާރަށް އަރާ އިށީނެވެ. "ރިހާމް! އަނެއްކާ ކިހިނެއްވީ؟ ކީއްވެ މި ގަޑީގައި ބައްދަލުކުރަން ބުނީ؟" ދާނިޔާއަށް އަހައިލެވުނެވެ. ރިހާމްގެ މޫނުމަތީގައި ވި އަސަރުތަކުން އޭނައަށް ވެސް ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ. އަނެއްކާ ރިހާމްގެ ޚިޔާލު ބަދަލުވީހެއްޔެވެ؟ "ރިހާމް...." "ދާނިޔާއަށް އެނގޭދޯ އަހަރެންގެ އަނތްބަކު ހުންނަކަން؟" ރިހާމް ސުވާލުކޮށްލިއެވެ. އެއީ ދާނިޔާއަށް އެނގޭކަމެއްކަމުގައި ވީނަމަވެސް، އޭނަ އަދިވެސް ޔަޤީންކުރަން ބޭނުންވެފައިވާ ފަދައެވެ. "ކިހިނެއްވީ؟ ކީއްވެ ކުއްލިއަކަށް؟" ދާނިޔާއަށް ބުނެވުނެވެ. ރިހާމް އެއްޗެއް ނުބުނެ ދާނިޔާއަށް ބަލަހައްޓައިގެން އިން ގޮތުން އޭނަ ބޭނުންވަނީ ކުރިން ކުރި ސުވާލުގެ ޖަވާބުކަން ދާނިޔާއަށް ޔަޤީންވި ހިނދު އޭނަ ވާހަކަ ދެއްކިއެވެ. "އާނ. އެނގޭ. އެކަން އެނގިހުރެ އަހަރެން މި ކައިވެންޏަށް އެއްބަސްވީ... ރިހާމްގެ ޚިޔާލު... އަނެއްކާ ބަދަލުވަނީތަ؟" ދާނިޔާގެ އަޑު ކުޑަކޮށް މަޑުވިއެވެ. މިހާ ހިސާބަށް ހުރިހާކަމެއް ގޮސް އޮއްވާ ކައިވެނި ނުކުރަން ރިހާމް ނިންމައިފިނަމަ އޭނަގެ ހިތް ހަލާކުވާނެއެވެ. އޭނައަށް ރިހާމްއާ ނުލާ ނޫޅެވޭނެއެވެ. މިއީ ހާދަ ދުވަހެއްގެ އިންތިޒާރެކެވެ. "އަހަރެން ބުނީމެއްނު އޭނަ ވަރިއެއް ނުކުރާނަމޭ. ހަނދާން އެބަ ހުރިތަ؟" ރިހާމްގެ އެ ވާހަކައާއެކު ދާނިޔާ ހުއްޓުން އަރާގޮތްވިއެވެ. އޭނައަށް ރިހާމްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެހެންނަމަވެސް އަމިއްލަ މީހާގެ އިޙްސާސްތައް ހަމައަކަށް އަޅުވާލަމުން ދާނިޔާ ވާހަކަ ދެއްކިއެވެ. "އަހަރެން ބުނީމެއްނު ދެ އަނތްބަށްވިޔަސް އެންމެ ރަނގަޅޭ... ރިހާމް. ކީއްވެތަ ކުއްލިއަކަށް މިގަޑީތަ ބައްދަލުކޮށްފަ ތި ކަހަލަ ވާހަކަ ތި ދައްކަނީ؟" ދާނިޔާއަށް ބުނެވުނެވެ. "ކޮންމެ ގޮތެއްވިޔަސް ދާނިޔާ އަހަންނާ އިންނާނަންތޯ އަދިވެސް ޔަޤީންކުރަން ބޭނުންވީ. ދާނިޔާއެކޭ އެއްގޮތަށް އަހަންނަށްވެސް ދާނިޔާ ކަމުދާކަން އެނގޭ ދޯ." ރިހާމް ސުވާލުކޮށްލިއެވެ. ދާނިޔާ ބޯ ޖަހައިލިއެވެ. އެއާއެކު ރިހާމް ދާނިޔާގެ އަތުގައި ހިފައްޓައިލިއެވެ. އޭނަ ހިނިތުންވެލިއެވެ. ދާނިޔާވެސް ހީނލިއެވެ. އެހެންނަމަވެސް އެއީ ގަދަކަމުންނެވެ. "އަހަރެން ރިހާމްގެ ހަޔާތަށް ދިޔުމަށްފަހު އެ އަންހެނާ ތި ދިރިއުޅުމުން ނެރެ އެއްލައިލާނަން." ހިތާ ހިތުން ދާނިޔާއަށް ބުނެވުނެވެ. އޭނައަށް ރިހާމްގެ އަންހެނުން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އޭނަ ރާއްޖޭން ބޭރުގައި ހުރެފައި، އައިއިރު ރިހާމްވަނީ އޭނަގެ އަންހެނުން އެހެން ގެއަކަށް ވަކީން ބަދަލުކޮށްފައެވެ. ދާނިޔާގެ ހިތުގައިވަނީ ނުގުޑާ ފަދަ އަޒުމެކެވެ. ރިހާމްއަކީ ހަމައެކަނި އޭނަގެ ހައްޤެކެވެ. ދާނިޔާ ހަނދާންވީ އެންމެ ފުރަތަމަ ރިހާމް އޭނައާ އެކަން ހާމަކުރި ދުވަސްމަތިންނެވެ. އޭނަ ރިހާމް ދެކެ ހިތްހަމަނުޖެހުނީ ކައިވެނީގެ ވާހަކަތައް ދެކެވެމުން ދަނިކޮށް އެކަން އެނގުމުންނެވެ. ރިހާމްއާއެކު އޮތް ގުޅުން ނިންމާލަންވެސް ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. ދެވަނަ އަނތްބެއްގެ ދަރަޖައިގައި ހުންނަން ރުހެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެހެންނަމަވެސް އެ ޚިޔާލު ބަދަލުވީ އޭނައާ ބައްދަލުކޮށްފައި ޝާފިޔާ ދެއްކި ވާހަކަތަކުންނެވެ. އޭނައަށް ރިހާމްގެ އަންހެނުން ކަމުނުދާ ކަމަށާއި އެއީ ބައްޕަ ނެތް ކުއްޖެއްކަމަށާއި، އޭނަ އުޅެނީ ރިހާމްގެ މުދާގަނަޑަށް ދަހިވެތިވެގެންކަމުގައި ޝާފިޔާ ވަނީ ބުނެފައެވެ. އަދި އޭނަގެ މަންމައަކީ ހަށިވިއްކަމުން ދިޔަ އަންހެނެއްކަމަށާއި، އޭނަ ރިހާމްއާ އިނީ، އަރާމު ދިރިއުޅުމެއް ބޭނުންވެގެންކަމުގައިވެސް ޝާފިޔާ ވަނީ ބުނެފައެވެ. އޭނަ ބޭނުންވަނީ އެ އަންހެން ކުއްޖާ ރިހާމްގެ ޙަޔާތުން ދުރުކުރުމަށް ކަމަށާއި އެކަމުގައި ދާނިޔާގެ އެހީ ބޭނުންވާކަމުގައި ޝާފިޔާ ބުންޏެވެ. އޭނަގެ ޅީ ދަރިއެއްގެ މަޤާމު ހަމައެކަނި ދޭން ބޭނުންވަނީ ދާނިޔާއަށްކަމުގައިވެސް މެއެވެ. އެ ހުރިހާ ވާހަކަތަކަށްފަހުވެސް ދާނިޔާ އޭރު އެއްބަސްވާން އުޒުރުވެރިވިއެވެ. އޭނަ ދެވަނަ އަންތްބެއްގެ ގޮތުގައި ހުންނަން ބޭނުންނުވާތީއެވެ. "ދާނިޔާއަށް ރިހާމްއާ ނުލާ އުޅެވިދާނެތަ؟ ވިސްނާލަބަލަ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރިހާމްއާ ކައިވެނިކުރުން. އެއަށްފަހު އެ ދެމީހުން ވަކި ކުރެވިދާނެ.... ބުނެބަލަ! މީގެ ކުރިން ރިހާމް ދާނިޔާއަށް ޝައުޤުވެރިވިތަ؟ ނޫނެއްނު. އެކަމަކު މިހާރު އޭނަ އެހުރީ ދާނިޔާއާ އިންނަންވެސް ތައްޔާރަށް. ވީއިރު، ކީއްވެ އޭނަ އަބަދަށް ހަމައެކަނި ދާނިޔާގެ މީހަކަށް ނުހެދެންވީ. ދާނިޔާގެ ހިތްވަރެއް ހުރިއްޔާ އެ އަންހެނާ ރިހާމްގެ ޙަޔާތުން ފައްސާލެވިދާނެ." ދާނިޔާގެ ސިކުނޑީގައި ގުގުމަން ފެށީ، އޭނަ ގާތު އޭރު ޝާފިޔާ ދައްކާފައިވާ ވާހަކަތަކެވެ. އެ ހުރިހާ ވާހަކަތަކަށްފަހު، ދާނިޔާވެސް އެކަމާ އެއްބަސްވީއެވެ. އޭނަ އިންތިހާއަށް ރިހާމް ދެކެ ލޯބިވެއެވެ. ވީއިރު ރިހާމްއާ ވަކިން އުޅުމަށް އުނދަގޫވާނެއެވެ. އެހިތަކަށް ކެތެއް ނުވާނެއެވެ. ރިހާމްއާ ވަކިވާން ޖެހޭނީ އޭނައެއް ނޫނެވެ. ރިހާމްގެ މިހާރު އަންހެނުންނެވެ. އޭނައަށް އެ އަންހެނާގެ ނަމެއްވެސް ނޭނގެއެވެ. ޝާފިޔާ އޭނައާ ވާހަކަ ދައްކާއިރު މުޅިންވެސް ނިސްބަތްކުރަނީ އެ އަންހެނާގެ ނަމުންނެވެ. ހީވަނީ އެ ނަން ކިޔަންވެސް ޝާފިޔާ ފަކުރު ގަންނަހެންނެވެ. ރިހާމްވެސް އޭނަގެ އަންހެނުންގެ ނަމެއް ދުވަހަކުވެސް ބުނެފައެއް ނުވެއެވެ. އެކަމަކުވެސް ހެވެ. އޭނައަކީވެސް ފިސާރި އަންހެނެއްކަން ދައްކާލާނެއެވެ. އައިރާއާއި ރިހާމްއާ އަބަދުގެ އަބަދަށް ވަކިކުރުމަކީ އޭނަގެ ހަމައެކަނި އުންމީދެވެ. "ކިހިނެއްވީ؟" ދާނިޔާ ވިސްނުމަށް ގެއްލިފައި އިންހެން ހީވާން ފެށުމުން ރިހާމް ސުވާލުކޮށްލިއެވެ. "ނޫން. ނުވޭކަމެއް.." އޭނަ ރިހާމް ހިފާފައި އޮތް އަތުގެ މަތީގައި އަނެއް އަތް ބާއްވައިލިއެވެ. ދާނިޔާ ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރިހާމްވެސް މެއެވެ. އެވަގުތު ރިހާމްގެ ފޯނު ރިންގުވުމުން ދާނިޔާގެ އަތުން ދޫކޮށްލަމުން އޭނަ ޖީބުގައި އޮތް ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލައިލިލިއެވެ. "އަންހެނުން ދޯ!" ދާނިޔާ ސުވާލުކޮށްލުމާއެކު ރިހާމް ބޯ ޖަހައިލަމުން އާއެކޭ ބުނެލިއެވެ. "ފޯނު ނަގާބަލަ ދެން." ދާނިޔާ އެހެން ބުނެލިއިރު އޭނަގެ މޫނުމަތި މިލައިގެން ދިޔައެވެ. ނުރުހުންވި ނަމަވެސް ރިހާމްއަށް އެ އަސަރުތައް ވަންހަނާކުރަން އޭނަ މަސައްކަތްކުރިއެވެ. "އެހާ މުހިންމެއް ނޫން." އެހެން ބުނެލާފައި ރިހާމް ފޯނު ކަނޑާލާފައި ސައިލެންޓަށް ލަމުން ޖީބަށް ލިޔެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ