މާލެ ސަރަހައްދުގައި ކުލަގަދަކޮށް ތިން ދުވަހު ފިތުރު އީދު ފާހަގަކުރަނީ
މާލެ ސަރަހައްދުގައި ކުލަގަދަކޮށް، ތިން ދުވަހު ފިތުރު އީދު ފާހަގަކުރުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ، ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު 'އީދު ހަވީރު 1447' އޮންނާނެ ކަމަށެވެ. އެ ހަރަކާތްތައް ފަށާނީ، އީދު ދުވަހުގެ ހަވީރު 16:00ގައި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ. މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. އަދި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "ޢީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެ ހަރަކާތްތައް ބާއްވަން ފިތުރު އީދު ދުވަހު ސަލްޓަން ޕާކް ހުޅުވަން ސަރުކާރުން ވަނީ ނިންމާފައެވެ. އެމްއެންޑިއެފް އުޅަނދެއްގައި ކުޑަކުދިންތަކެއް: މާލެ ސަރަހައްދުގައި ކުލަގަދަކޮށް ތިން ދުވަހު ފިތުރު އީދު ފާހަގަކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. "ޢީދު ހަވީރު 1447"ގައި އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ބާއްވާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނީފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މި އަހަރުގެ ފިތުރު އީދު ދުވަސް ވަނީ، އަންނަ ހަފުތާގެ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ