މި އަހަރު ވެސް މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރާނެ

މި އަހަރު ވެސް މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން  މިއަދު ބުނީ ފާއިތުވި އަހަރު ލިބުނު ތަރުހީބާ އެކު މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ތިން ދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ތަފްސީލް - 'އީދު ހަވީރު 1447'ގެ ނަމުގައި މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2ގެ އިތުރުން ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ގުޅިގެންނެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އީދު ދުވަހުގެ ހަވީރު 4 އިން ފެށިގެންނެވެ. އެގޮތުން:
އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6އަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެ
މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަހައްދު ހިމެނޭ ގޮތަށް
ހުޅުމާލޭގައި އީދު ހަަރަކާތްތައް ކުރިއަށް ގެންދާނީ ފޭސް 1ގެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކު ސަރަހައްދުގައި
ވިލިމާލޭގައި މި ހަރަކާތްތައް އޮންނާނީ ފުޓްބޯޅަ ދަނޑުގައި
އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އީދާ ދިމާކޮށް ސަލްޓަން ޕާކްހުޅުވާގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން:
މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެ
ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ
ސްޓޯލްތައް ތައްޔާރުކުރާނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން
'އީދު ހަވީރު 1447'ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ؛ އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ