ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހުބު އެއް ދުވަހަކު ބޭއްވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މިއީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް ވޯޓުލާން ދާންޖެހުމުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް މީގެ ސަބަބުން ލުޔެއް ލިބޭނެ ކަމަށް ވެސް އެ ފަރާތްތަކުން ވަކާލާތު ކުރެ އެވެ. ވަސީލަތްތައް މަދު، ކުޑަ ގައުމަކަށް ބަލާއިރު މިއީ ބުއްދިވެރި ހުއްޖަތްތަކެއް ކަމަށް ފެނިދާނެ އެވެ.
ނަމަވެސް، މި ބަހުސަކީ މިއަށް ވުރެ ފުން، ދުސްތޫރީ ސުވާލުތަކެއް އުފެދޭ ކަމެކެވެ. އިންތިހާބު ބާއްވާ ވަގުތު ކަނޑައެޅުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ސިޔާސީ ބާރުތައް ބެހިގެންދާ ގޮތަށް ނުފޫޒު ފޯރުވާ ކަމެކެވެ. މިކަމުގައި އޮތް އަސްލު މައްސަލައަކީ، އިންތިހާބުތައް އެއްކޮށްލުމުން ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެތޯ ނުވަތަ އެ ނިޒާމުގެ އެންމެ މުހިންމު އެއް ރައްކާތެރިކަމުގެ ފިޔަވަޅު ކަމުގައިވާ، މިނިވަންކަމާ އެކު ފާރަވެރިވެ ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޮންނަ ދައުރާއި އިހްތިޔާރު ހީނަރުވެގެންދާނެތޯ އުފެދޭ ސުވާލެވެ.
ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށީއްސުރެ، ރާއްޖޭގައި ހިނގަމުންދަނީ ދައުލަތުގެ ބާރުތައް، ވެރިކަން ހިންގާ ބާރު، ގާނޫނު ހަދާ ބާރު އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށް ބެހިފައިވާ ރިޔާސީ ނިޒާމެކެވެ. މިގޮތަށް ބާރުތައް ބަހާލުމުގެ ބޭނުމަކީ ކޮންމެ ބާރަކުން ވެސް މިނިވަންކަމާ އެކު މަސައްކަތްކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުން ކަށަވަރުކުރުމެވެ. އެހެން ނަމަވެސް، އަމަލީ ގޮތުން ބަލާއިރު މި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ނުވަތަ "ޗެކް އެންޑް ބެލެންސް" ގިނަ ފަހަރަށް އޮންނަނީ ނާޒުކު ފާލެއްގެ މަތީގަ އެވެ.
ފާއިތުވި 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިކަން ހިނގަމުންދާ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެގޮތުން، 2009 ވަނަ އަހަރު ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފިޔަވައި، އޭގެ ފަހުން ރާއްޖޭގައި ބޭއްވުނު ކޮންމެ އާންމު އިންތިހާބެއްގައި ވެސް، އޭރު ވެރިކަމުގައި އޮންނަ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ވަނީ ލިބިފަ އެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީ މަޝްރަހު ތަފާތު ގޮތްގޮތަށް ބަދަލުވަމުންދިޔަ ކަމުގައިވީ ނަމަވެސް، އިންތިހާބު ބާއްވާ ތަރުތީބާއި ވަގުތަކީ މިފަދަ ނަތީޖާތަކެއް ނުކުތުމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ސަބަބެކެވެ.
މިހާރު އޮންނަ ގޮތުން މަޖިލިސް އިންތިހާބު ބާއްވަނީ ރިޔާސީ އިންތިހާބަށް ފަހު، އާ ސަރުކާރެއް އެކުލަވާލެވޭތާ މަދު މަސްތަކެއްގެ ތެރޭގަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ސިޔާސީ ފޯރިއާއި ޖޯޝް ގަދަކޮށް އޮންނަ ދުވަސްވަރެވެ. އަލަށް އެކުލާވާލި ސަރުކާރާ މެދު ރައްޔިތުންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ދުވަސްވަރެވެ. ރިޔާސީ އިންތިހާބުގައި ރައީސަކު ހޮވުމަށް ވޯޓުދޭ ފަރާތްތަކުން، އާންމު ގޮތެއްގައި އެމީހުންގެ ތާއީދު ދެން ދެނީ އެ ރައީސަކު ތަމްސީލުކުރައްވާ ސިޔާސީ ފިކުރުގެ ނުވަތަ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުންނަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަލަށް ހޮވޭ ރައީސަށް ގިނަ ފަހަރަށް ދައުރުގެ ކުރީކޮޅު މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންދެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ މި ދެންނެވި އޮއިވަރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ. ސިޔާސީ އިލްމީ ދިރާސާތަކުގައި މިކަން ސިފަކޮށްފައިވަނީ 'ކޯޓެއިލް އިފެކްޓް'ގެ ގޮތުގަ އެވެ. އެއީ ރައީސަކަށް ތާއީދުކުރާ މީހުން، ހަމަ އެ ރައީސް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލީހަށް ވެސް ވޯޓު ދިނުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބާއްވާ ގައުމުތަކުގައި، ރައީސްގެ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑެވެ. ރާއްޖެ ފަދަ، މިހާރު ވެސް މަޖިލިސް އިންތިހާބުގެ ނަތީޖާ ސަރުކާރަށް ބުރަވާ ގައުމެއްގައި، މިދެ އިންތިހާބު އެއްކޮށްލުމުން މި އާދަ އިތުރަށް ވަރުގަދަވެ، ދާއިމީ ސިފައެއްގައި މިކަން އަށަގަނެގެން ހިނގައިދާނެ އެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ، މިނިވަންކަމާ އެކު ދައުލަތުގެ ވަކި ބާރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމާ ތަނަކަށް މަޖިލިސް ބަދަލުވެގެން ދިއުމެމެވެ.
މީގެ ސަބަބުން ދުސްތޫރީ މުހިންމު ސުވާލެއް އުފެދެ އެވެ. އެއީ ޑިމޮކްރެޓިކް ނިޒާމެއްގައި މަޖިލީހުގެ ދައުރަކީ ކޮބައިތޯ އެވެ؟ މަޖިލިސް އިންތިހާބަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ވެރިކަން ހިންގުމުގެ ބާރުތައް އިތުރަށް ވަރުގަދަކޮށްދޭ ކަމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ މަޖިލީހަކީ ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވައި، އެ ބާރުތައް ހަމަ މަގުން ހިނގާތޯ ފާރަވެރިވާ މުއައްސަސާއެއްގެ ގޮތުގައި އޮންނަންޖެހޭ ތަނެއް ހެއްޔެވެ؟
ޑިމޮކްރެޓިކް ނިޒާމުތަކަކީ ހަމައެކަނި އިންތިޚާބުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ދައުލަތުގެ ބާރުތަކުގެ މެދުގައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ގާބިލުކަން ވެސް ލިބިގެންވާ ނިޒާމުތަކެކެވެ. ދައުލަތުގެ ބާރުތައް ވަކިކުރެވިފައި އޮންނަނީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް އެއް މުއައްސަސާއެއްގެ ތެރެއަށް ޖަމާވިޔަ ނުދިނުމަށްޓަކަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އޮނިގަނޑު ރޭވިފައިވާ ގޮތުން، އެ މަޖިލީހަކީ ވެރިކަން ހިންގާ ބާރުގެ ނުފޫޒުގެ ދަށުގައި އޮންނަ ނުވަތަ އެ ބާރާ އެއްގަލަކަށް އަރާތަނަކަށް ވެއްޖެ ނަމަ، މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެގެންދެ އެވެ.
އިންތިހާބުތައް އެއްކޮށްލުމަށް (ނުވަތަ އެއް ތާރީހެއްގައި ބޭއްވުމަށް) ތާއީދުކުރާ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ، އޭގެ ސަބަބުން އިންތިޚާބުތަކަށް ކުރާ ހަރަދާއި އިދާރީ ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ކަމެވެ. ހަގީގަތުގައި ވެސް، އިންތިހާބުތައް ބޭއްވުމަކީ އިދާރީ ގޮތުން ގިނަ ކަންތައްތަކެއް ރާވަންޖެހޭ އަދި ދައުލަތުން ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހިންގުންތެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސީ މަގްސަދެއްކަން ވެސް ގަބޫލުކުރަންޖެހެ އެވެ. އެހެން ނަމަވެސް، މިފަދަ ކަންބޮޑުވުންތަކަށް އޮތް އެންމެ އެކަށީގެންވާ ހައްލަކީ އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުންތޯ، މިއީ ފުންކޮށް ވިސްނާލަންޖެހޭ ސުވާލެކެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ އެންމެ އިސް އަމާޒު ކަމުގައިވާ ނަމަ، މިކަމަށްޓަކައި ގެންނަންޖެހޭ އެހެނިހެން އިސްލާހުތަކަށް މިއަށްވުރެ ބޮޑު ސަމާލުކަމެއް ދިނުން މުހިންމެވެ. މިސާލަކަށް، ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު ނިސްބަތުން ގިނަކަން ފާހަގަކުރެވެ އެވެ. އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނެސް، މަޖިލީހުގެ ގޮނޑިތަކުގެ އަދަދު މަދުކުރުމަކީ، މަޖިލީހުގެ ހިންގުމަށް ކުރާ ދިގު މުއްދަތުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން، އިންތިހާބީ ވާދަވެރިކަމުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
އިންތިހާބީ ދާއިރާތައް ކުޑަވުމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ހިންގުމުގައި އޭގެ ޒާތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. މިފަދަ ގިނަ ދާއިރާތަކަކީ ނިސްބަތުން މަދު އަދަދެއްގެ ވޯޓުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވިދާނެ ފަދަ ދާއިރާތަކެކެވެ. އަދި ވޯޓު ގަތުމުގެ ފުރުސަތު ވެސް މި ދާއިރާތަކުގައި ބޮޑެވެ. ދާއިރާތައް ބޮޑުކުރުމުން، އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ވޯޓުގެ އަދަދު އިތުރުވެ، ފައިސާގެ ނުފޫޒު ކުޑަވުމަށް މަގުފަހިވާނެ އެވެ.
ކެމްޕޭން ފައިނޭންސް ރެގިއުލޭޓް ކުރުމަކީ ވެސް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީވުން ހަރުދަނާކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ މުހިންމު ދާއިރާއެކެވެ. އިންތިހާބުތަކާ ބެހޭ މިހާރުގެ ގާނޫނުތައް އޮތް ގޮތުން، ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބަށް ފަހު އެމީހެއްގެ މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ. ނަމަވެސް، މިގޮތަށް ހުށަހަޅާ ރިޕޯޓުތައް އެކަށީގެންވާ ގޮތެއްގައި ބަލައި ދިރާސާކޮށް، ގާނޫނީ ފިޔަވަޅު ނޭޅޭ ނަމަ، މިއީ ހަމައެކަނި ފުރިހަމަކޮށްލަންޖެހޭ އިޖުރާއީ ކަމެއްގެ ގޮތުގައި އޮންނަ ކަމެކެވެ. އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް ވުރެ، ކެމްޕޭނަށް ކުރާ ހަރަދުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމުން، އިންތިހާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުވެ، އިންސާފުވެރިކަން ކަށަވަރުކުރުމަށް ބާރު ލިބިގެންދާނެ އެވެ.
ވޯޓުލާ މީހުންނަށް ފަސޭހަކުރުމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ބަލާއިރު، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން މިހާރު ވެސް ވަނީ ފަސޭހަ ނިޒާމުތަކެއް ގާއިމުކޮށްފަ އެވެ. މިގޮތުން، ވޯޓުލާ މީހާގެ ދާއިމީ އެޑްރެސް އޮތް ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ނަމަ، އެ މީހަކު މިހާރު ދިރިއުޅޭ ރަށެއްގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންތިހާބީ ނިޒާމުގެ ތެރެއިން ފަހިކޮށްދީފައިވެ އެވެ. ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި ވެސް ވޯޓުލާ މަރުކަޒުތައް ގާއިމުކުރެވެ އެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، ވޯޓުލުމަށް ބޭނުންވާ އެކަށީގެންވާ އަދަދަކަށް މީހުން ރަޖިސްޓަރީވާ ސިޓީތަކުގައި ވެސް ވޯޓުފޮށި ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިދެވެ އެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން، ދުރު ރަށްރަށަށް ދަތުރުކުރުމުގެ ތަކުލީފެއް ނެތި، ފަސޭހަކަމާ އެކު އިންތިހާބުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެފައި އޮވެ އެވެ.
ހަރަދު ކުޑަކުރަން ބޭނުން ނަމަ، ރިޔާސީ އިންތިހާބުގެ ނިޒާމަށް ވެސް ބަދަލެއް ގެނެވިދާނެ އެވެ. މިހާރު އޮންނަ ގޮތުން %50އަށް ވުރެ ގިނަ ވޯޓު ހޯދަންޖެހޭތީ، ގިނަ ފަހަރަށް ދެވަނަ ބުރަކަށް ދާންޖެހެ އެވެ. ބައެއް އެހެން ޑިމޮކްރެޓޮކް ގައުމުތަކުގައި ބޭނުންކުރާ 'ޕްރިފަރެންޝަލް ވޯޓިން' ނުވަތަ 'ރޭންކްޑް ޗޮއިސް ވޯޓިން' ނިޒާމުގެ ދަށުން، ދެވަނަ ބުރެއްގައި ވޯޓްލާން ނުޖެހި އިންތިހާބުގެ ނަތީޖާ ނެރެވިދާނެ އެވެ. މީގެ ސަބަބުން ދެވަނަ ބުރަކަށް ހިނގާ ބޮޑު ހަރަދު ސަލާމަތް ކުރެވޭނެ އެވެ.
އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ކުރެވޭ ބަހުސްތަކަކީ، ދުސްތޫރީ މުއައްސަސާތަކުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުރި ފުޅާ ކަންބޮޑުވުންތަކާ ވަކިކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ގާނޫނުއަސާސީއެއްގެ ވެސް ނަތީޖާ ނެރެދިނުމުގެ ބާރު ބިނާވެފައިވަނީ ހަމައެކަނި އޭގައި ލިޔެވިފައިވާ މާއްދާތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ މުއައްސަސާތަކުން އެ ފަރާތްތަކަށް ލިބިދޭ ބާރުތައް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ތަންފީޒުކުރުމުގެ އިހްލާސްތެރިކަމާއި ގާބިލުކަން ހުރި މިންވަރުގެ މައްޗަށް އެކަން ނުހަނު ބޮޑަށް ބިނާވެގެންވެ އެވެ.
ވޭތުވެދިޔަ ދެ ދަހަރެއްގެ ތެރޭގައި، ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަމާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. ވަކިން ހާއްސަކޮށް، ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތަށް އެކި ފަހަރުމަތިން ގެނެވުނު ބަދަލުތަކާ ގުޅިގެންނާއި، ފަޑިޔާރުން ވަކިކުރުމަށް މަސައްކަތްތައް ހިނގާފައިވާ ގޮތްތަކާ މެދު، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްތައް ކުރެވިފައިވެ އެވެ. މީގެ އިތުރުން، ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާ އެކު ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެމްބަރުން ބަދަލުވާންޖެހުމުން، އެ މުއައްސަސާތަކުގެ މަސައްކަތްތައް މެދުނުކެނޑި ހަރުދަނާކަމާ އެކު ކުރިއަށްދިއުމާ މެދު ވެސް ވަނީ ސުވާލުތައް އުފެދިފަ އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކަކީ، ޢާންމު މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ އިދާރާތަކެއްގެ ގޮތުގައި އުފައްދާފައިވާ ތަންތަނެވެ. މި މުއައްސަސާތަކަށް އޮންނަ އިތުބާރު ދެމެހެއްޓޭނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮވެގެންނެވެ. އަދި ސިޔާސީ ގޮތުން އަންނަ އެކި ބަދަލުތަކާ ގުޅިގެން އެ ތަންތަނުގެ އިސްވެރިން ބަދަލުނުވެ، ހިންގުމުގެ ސާބިތުކަން ދެމެހެއްޓުމަކީ ވެސް އެ ތަންތަނުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ވެރިކަން ބަދަލުވާއިރު މުއައްސަސާތަކުގެ ވެރިން ވެސް ބަދަލުވާ ނަމަ، އެ މުއައްސަސާތަކުގެ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ ގާބިލުކަމާ މެދު އާންމުން ކުރާ އިތުބާރު ކުޑަވެގެންދެ އެވެ. މިފަދަ މާހައުލެއްގައި، ސިޔާސީ ބާރުތައް އެއްފަރާތަކަށް ނުވަތަ އެއް މުއައްސަސާއަކަށް ޖަމާވެދާނެ ފަދަ އިސްލާހުތަކަކީ ވަރަށް ބޮޑަށް ވިސްނައި، ފުންކޮށް ދިރާސާކުރަންޖެހޭ ކަންކަމެވެ.
މީގެ މާނައަކީ އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި ނުވަތަ ނުގުޅޭ ކަމެކޭ ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ގައުމީ ފެންވަރުގެ އެކި އިންތިހާބުތައް އެކުއެކީގައި ބާއްވަމުންދެ އެވެ. މިކަމުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ، އެ ގައުމެއްގެ މުއައްސަސާތަކުގެ އޮނިގަނޑަކީ ބާރުތައް ވަކިވެފައިވާ، އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭ (ޗެކްސް އެންޑް ބެލެންސް) ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިނގާ ތަންތަންތޯ ބެލުމެވެ.
ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށިތާ ގާތްގަނޑަކަށް ދެ ދަހަރާއި ގާތްވަމުންދާއިރު، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އަމަލީގޮތުން ހިނގަމުންދާ ގޮތާ މެދު މުރާޖައާކޮށް، ފުންކޮށް ވިސްނާލެވޭނެ ފަދަ ތަޖުރިބާތަކެއް ދިވެހިންނަށް މިހާރު ވަނީ ލިބިފަ އެވެ. އެހެންކަމުން، އިންތިހާބީ ނިޒާމަށް ގެންނަ އިސްލާހުތައް ވަޒަންކުރަންވާނީ ހަމައެކަނި އިދާރީ ގޮތުން ހިންގަން ފަސޭހަވުމަށް ބަލައިގެންނެތް ނޫނެވެ. އެއާ ހިލާފަށް، އެފަދަ ބަދަލުތަކުން ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަހަމަކަމަށް (ޗެކްސް އެންޑް ބެލެންސަށް) ދިގު މުއްދަތުގައި ކުރާނެ އަސަރުތަކަށް ވެސް ރިއާޔަތްކުރަން ޖެހެ އެވެ.
އިންތިހާބުތަކަކީ ހަމައެކަނި އިދާރީ ގޮތުން ހިންގާލެވޭ ކަންތައްތަކެއް ނޫނެވެ. އެއީ ދައުލަތުގެ ތެރޭގައި ސިޔާސީ ބާރުތައް ބެހިގެންދާނެ ގޮތް ކަނޑައެޅުމުގައި ރައްޔިތުން ބައިވެރިވާ އެންމެ މުހިންމު ވަސީލަތެވެ.
އިންތިހާބުތައް އެއްކޮށްލުމަކީ އިންތިޚާބީ ކަލަންޑަރަށް ލުއިތަކެއް ލިބި، ކަންކަން ސާދާވެގެންދާނެ ކަމަކަށް ވެދާނެ އެވެ. ނަމަވެސް، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ބުރޫއަރައި، މަޖިލީހުގެ ބާރު ކުޑަވާ ނަމަ، އިދާރީ ގޮތުން ލިބޭ ލުޔަށް ވުރެ، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމަށް ހުރަސްއެޅުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ އެވެ.
އެޑިޓަރުގެ ނޯޓް: އަހްމަދު މުހައްމަދަކީ ޕަބްލިކް ޕޮލިސީ އާއި އިގްތިސާދީ ދާއިރާގެ އިތުރުން ގައުމީ ތަރައްގީއާ ގުޅޭ ގޮތުން ލިޔުއްވާ ބޭފުޅެކެވެ. މީގެ ތެރެއިން ވެސް، ކުދި ގައުމުތަކުގެ މުއައްސަސާތަކާއި ހިންގުމުގެ ނިޒާމުތަކަށް އޭނާ ހާއްސަ ޝައުގުވެރިކަމެއް ދެއްވަ އެވެ.
ބޭނުމީ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ މަޖިލީހެއްތޯ ނޫނީ ޒިންމާދާރުކުރުވައި ފާރަވެރިވާނެ މަޖިލީހެއްތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ