ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ވެސް ބާއްވަނީ އެކީ، މައްސަލައެއް ނުޖެހޭ: ޚަލީލް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އިދިކޮޅު ފަރާތްތަކުން ނޫނެކޭ ބުނާއިރު، ރާއްޖޭގައި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުވެސް ބާއްވަނީ އެއްކޮށް އެއް ދުވަހެއްގައި ކަމަށާއި ނަމަވެސް މައްސަލައެއް ނުޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެއެވެ. ޚަލީލް މިފަދައިން ވިދާޅުވެފައި ވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީއިން ހުޅުމާލެ މެދު ކެމްޕެއިން ޖަގަހަ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޚަލީލް ވިދާޅުވީ، މިހާރު އެންމެ ވަރުގަދައަށް އިވޭ އެއްވާހަކައަކީ އިންތިޚާބުތައް އެއްކޮށްލާ ވާހަކަ ކަމަށެވެ. އަދި އެ ވާހަކަދައްކަވާ ބޭފުޅުންނަށް، ލޯކަލް ކައުންސިލް އުފެދުނީއްސުރެ ގާނޫނަކުން ކަނޑައަޅައި އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވާކަން ނޭނގެނީތޯ ޚަލީލް ވަނީ ސުވާލު އުފައްދަވާފައެވެ. ކައުންސިލް އިންތިޚާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު، ގައިމުވެސް މިއީ ދެ އިންތިޚާބެއް. ދެ އިންތިޚާބެއް ދެ ކަރުދާސްކޮޅެއް ތިބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނީ. އެހެންވީމަ މި ބޭފުޅުންނަށް މިހާރު ވިސްނިވަޑައިގަންނަވަން ވާނެ އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން މިހާހިސާބަށް މި ޤައުމުގައި މައްސަލައެއް ނުޖެހޭކަން. ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިނިސްޓަރު ވިދާޅުވީ ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން މިހާރުދަނީ، އެއް ދުވަހެއްގައި އިތުރު އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންގެ ރައުޔު ހޯދުމަށް މަސައްކަތްކުރަމުން ކަމަށެވެ. ދެ އިންތިޚާބު އެއްކޮށް ލާވާހަކަ ދައްކާއިރު ފުރަތަމަވެސް ވިސްނަންވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިޚްލާސްތެރިކަން ކަމަށާއި، މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއެކު ގާނޫނުއަސާސީއަށް ބަދަލުގެނެސްގެން ރައްޔިތުންނާއި ހަމައަށް ނުގޮސް މައި ދެ އިންތިޚާބު އެއްކޮށްލެވެން އެބައޮތްކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ރައްޔިތުންކުރެ ރައްޔިތުން ބޭނުންވާ ގޮތް އަހަމުންދާ ކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އޭޕްރިލްމަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އިދިކޮޅުފަރާތްތަކުން އެ ވޯޓަށް ނޫނެކޭބުނެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާއިރު ސަރުކާރުން އަންނަނީ ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމެއް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ