ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

މާލެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާދަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު އާންމުކޮށްފިއެވެ. އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، އަންނަ ހޮނިހިރު ދުވަހުގެ 08:00އިން ފެށިގެނެވެ. މިގޮތުން، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އާ އުސޫލު ބުނާގޮތުން ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރާނެއެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދިނުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. ނޯތު ހާބަރުގައި އޮތް މަސްދޯނިތަކެއް: ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް އެ ކުންފުނިން ބުނި ގޮތުގައި، ސީ އަދި އޭ ޒޯންއިން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އެގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އޭގެއިތުރަށް، އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުންނެވެ. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރު ކަމަށްވާއިރު، ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އިތުރަށް ގެންނަ ބަދަލުގެ ތެރޭގައި، އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް ކުރުމެއް ނޯވެއެވެ. މިގޮތުން، އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރެވެ. މި ވަގުތަށް ކީވޯލް ޗާޖް ހިނގާއިރު، އެ ހަތަރު ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެއެވެ. އެއާއެކު، އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ ފަސް ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރާނެއެވެ. އަދި، މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މާލެ ނޯތު ހާބަރުގައި އޮތް އުޅަނދުތަކެއް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް ފާހަގަކުރެވޭ ގޮތުގައި، މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެ މަސައްކަތްކުރި އެމްޓީސީސީން ބުނީ، ބާޒާރުމަތި ސަރަހައްދުގައި 260 މީޓަރުގައި ތާރު އަޅައި، މަގުގެ ފުޅާމިން 14 މީޓަރަށް ފުޅާކޮށްފައިވާ ކަމަށެވެ. އަދި, ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް ހަ މީޓަރު ބޭރަށް ޖައްސައި އެ ސަރަހައްދު އެއްކޮށް ތަރައްގީކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަތޮޅު ފިހާރަތަކާއި ލޯކަލް މާރުކޭޓު ހުންނަ ބާޒާރުމަތި ސަރަހައްދު ތަރައްގީކުރަން ފެށީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު ތިން މަސްދުވަހަށް ފަހުން ހުޅުވައިލީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ