ހަނގުރާމައިގެ ސަބަބުން އެއާލައިންތަކުން ޓިކެޓް އަގު ބޮޑު ކުރަނީ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލެމުން އަންނައިރު، ބައެއް އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑުކޮށްފިއެވެ. އެގޮތުން އޮސްޓްރޭލިއާގެ ކަންޓަސް އެއާވޭސް، ސްކެންޑިނޭވިއާގެ ސާސް އަދި އެއާ ނިއުޒީލެންޑުންވެސް ވަނީ ޓިކެޓް އަގު ބޮޑުކޮށްފައެވެ. އީރާނަށް ހަމަލާ ދިނުމުގެ ކުރިން ޖެޓް ފިއުލް ފީފާއެއްގެ އަގު ގާތްގަނޑަކަށް 85 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަގަކަށް ހުރިއިރު، މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. ލުފްތަންސާ އާއި ރަޔަންއެއާ ހިމެނޭ ގޮތަށް އޭޝިއާ އާއި ޔޫރަޕްގެ ބައެއް އެއާލައިންތަކުންވެސް އަންނަނީ ތެޔޮ ސަލާމަތް ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ހޮންކޮން އެއާލައިނުގެ ބޯޓެއް-- ފޮޓޯ/ސިމްޕަލް ފްލައިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުން އަންނައިރު، ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކަށް އެންމެ ގިނައިން ޖެޓް ފިއުލް އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ކުވޭތުގެ އުފެއްދުންތައް މަދުކުރަން ވަނީ ނިންމާފައެވެ. އެއީ ސަޕްލައި ކުރަން ހުރި ދަތިތަކުގެ ސަބަބުންނެވެ. ތެލުގެ ދަތިކަމުގެ އިތުރުން ވައިގެ ސަރަހައްދު ބަންދުވުމާއި ކެޕޭސިޓީގެ ދަތިކަމުގެ ސަބަބުންވެސް އޭޝިއާ-ޔޫރަޕްގެ ދަތުރުކުރާ އެއާލައިންތަކުން ވަނީ ޓިކެޓް އަގުބޮޑުކޮށްފައެވެ. އެއާ ނިއުޒީލެންޑުން ބުނީ ޑޮމެސްޓިކް ރޫޓުތަކުގައި އެއްކޮޅު ޓިކެޓެއްގެ އަގަށް ހަ ޑޮލަރު އިތުރުކޮށްފައިވާ ކަމަށާއި ކުރު ދަތުރުތަކަށް 12 ޑޮލަރު އަދި ދިގު ދަތުރުތަކަށް 53 ޑޮލަރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ޖެޓް ފިއުލްގެ އަގު ބޮޑުވެއްޖެނަމަ އަގުތަކާއި ޝެޑިއުލްތަކަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ. ހޮންކޮންގް އެއާލައިންސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ފިއުލް ސާޗާޖު 35.2 ޕަސެންޓާ ހަމައަށް ބޮޑުކުރާނެ ކަމަށާއި އެންމެ ބޮޑަށް އިތުރުކޮށްފައި ވާނީ ހޮންކޮންގް އާއި ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ނޭޕާލާ ދެމެދު ކުރާ ދަތުރުތައް ކަމަށެވެ. ތެލުގެ ހަރަދު ބޮޑުވުމުގެ އިތުރުން ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތް ވެސް ދަށަށްދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ބައެއް އިގްތިސާދީ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ