ބައިވެރިޔާއާ ލޮކޭޝަން ޝެއާ ކުރުން ރަނގަޅުތަ؟

ގަޑިން ހަވީރު 4.30 އެވެ. ހަވާލު ކޮށްފައި އޮތް ސާވޭ ރިޕޯޓެއް ނިންމާފައި ނޫނީ އިބްރާހިމްއަށް އޮފީހުން ގެޔަށް ދެވޭކަށް ނެތެވެ.
"އަދި ދެ ގަޑިއިރު ވެދާނެ އޮފީހުގައި،" އޭނާގެ ބައިވެރިޔާ ފާތުމައަށް ޓެކްސްޓު ކުރި އެވެ.
ދެން އިބްރާހިމް 'ލައިފް 360' ނަމަކަށް ކިޔާ އެޕެއް ހުޅުވައި ފާތުމަގެ ލޮކޭޝަން ޗެކް ކޮށްލި އެވެ. އެ އެޕްގެ ޒަރިއްޔާއިން އެކަކު އަނެކަކުގެ 'ލައިވް ލޮކޭޝަން' ފެންނާނެ އެވެ. 
ފާތުމަ ބުނި ގޮތުގައި އޭނާ ގެއިން ނުކުތީ ފިހާރައިން ކިރު ޕެކެޓެކާއި ދެތިން އެއްޗެއް ގަންނާށެވެ. އެކަމަކު އެޕް އިން މިހާރު ދައްކަނީ އޭނާ ގޭދޮށުގައި ހުރި ކެފޭއަކަށް ވަދެ އިންކަމެވެ. އިބްރާހިމް ކަންބޮޑުވެއްޖެ އެވެ.
"ފިހާރައިން ބޭނުންވި އެއްޗެހި ލިބުނުތަ؟ ކެފޭގަ ކީއް ތިކުރަނީ؟" އިބްރާހިމް ފާތުމައަށް ގުޅާފައި ސުވާލު ކުރި އެވެ.
މިގޮތަށް އެކަކު އަނެކަކު ހުރި ތަނެއް ވަގުތުން މިހާރު ބަލައިލެވެ އެވެ. އަދި މޯބައިލް ފޯނުން 'ލައިފް360' ފަދަ އެކި ވައްތަރުގެ ޖީޕީއެސް ލޮކޭޝަން ޓްރެކިން އެޕްތައް ފަސޭހައިން ޑައުންލޯޑު ކުރެވެން އެބަހުއްޓެވެ. ދިވެިންގެ ތެރޭގައި، ވަކީން ހާއްސަކޮށް ލޯބީގެ ގުޅުން އޮންނަ ބައިވެރިންގެ ތެރޭގައި މި އެޕް އަންނަނީ މަގުބޫލުވަމުންނެވެ.
މޯބައިލް ފޯނު ބޭނުން ކޮށްގެން ލޮކޭޝަން ޓްރެކިން އެޕްއެއްގެ ގޮތުގައި ފުރަތަމަ އެންމެ މަގުބޫލުވީ އެޕަލް ކުންފުނިން 2011ގައި ތައާރަފު ކުރި 'ފައިންޑް މައި' އެޕް އެވެ. އޭގެ ފަހުން އެކި ވައްތަރުގެ ލޮކޭޝަން ޓްރެކިން އެޕްތައް ވަނީ ނެރެފަ އެވެ. މިހާރު ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ވަމުން އަންނަ އެޕަކީ ލައިފް 360 އެވެ.
މިދިޔަ އަހަރު ރަސްމީކޮށް މޯބައިލް ފޯނުން ބޭނުންކުރެވެން ފެށި ލައިފް 360 އަކީ އާއިލާތަކަށް ހާއްސަ ސޯޝަލް ނެޓްވޯކެކެވެ. އެ އެޕްގެ ޒަރިއްޔާއިން އެ މީހަކު ހުރި ތަނެއް ވަގުތުން ދައްކަ އެވެ. އަދި އެޕް ތެރެއިން ގުޅާ، މެސެޖު ވެސް ކުރެވެ އެވެ. 
ލައިފް 360 މައިގަނޑު ގޮތެއްގައި ޕްރޮމޯޓު ކޮށްފައި ވަނީ ބެލެނިވެރިންނަށް ބޭނުންތެރި އެޕްއެއްގެ ގޮތުގަ އެވެ. ދަރިން ގެއިން ބޭރަށް ނުކުތުމަށް ފަހު ނުވަތަ ރަށުން ބޭރަށް ފުރިކަމުގައިވިއަސް އެ ކުދިންގެ ހާލު އެ ޕް މެދުވެރިކޮށް ވަގުތުން ބަލާލެވެ އެވެ. 
އެކަމަކު މިއީ ރަހުމަތްތެރިންނާއި ލޯބިވެރިންގެ ތެރޭގައި ވެސް މަގުބޫލުވަމުން އަންނަ އެޕަކަށް ވެއްޖެ އެވެ. މި އެޕް މެދުވެރިކޮށް މީހެއްގެ ލޮކޭޝަން، ސައިކަލު ނުވަތަ ކާރު ދުއްވާ ބާރުމިން އަދި ބެޓެރީ ލެވެލްގެ 'ރިއަލް ޓައިމް އަޕްޑޭޓް' ފެންނާނެ އެވެ. 
ލައިފް 360 އެޕްގެ ވާހަކަ އަޅުގަނޑު އެންމެ ފުރަތަމަ އަޑުއަހަން ފެށީ އާއިލީ ބައްދަލުވުމެއްގައި ކޮއްކޮމެންގެ ފަރާތުންނެވެ. ދެން ރަހުމަތްތެރިން ގާތު މި އެޕްގެ ވާހަކަ އަހާލުމުން އެނގުނީ ރާއްޖޭގައި މި އެޕް ބޭނުންކުރާ ގިނަ ބަޔަކު އުޅޭ ކަމެވެ. 
މި އެޕް ގިނައިން ބޭނުންކުރަނީ އުމުރުން 20-27 އަހަރުގެ ޒުވާނުންނެވެ. އެއީ ޖެން-ޒީ ކެޓަގަރީގެ އުމުރުފުރައިގެ މީހުންނެވެ. އާއްމުކޮށް 30 އަހަރުން މަތީގެ ގިނަ މީހުންނަށް އެ އެޕް އަކީ ކޯއްޗެއްކަމެއް ނޭނގެ އެވެ. އެ އުމުރުގެ ގިނަ މީހުންނަށް ފުރަތަމަ ފަހަރަށް އެ އެޕްގެ ވާހަކަ އަޑުއިވުނީ އަޅުގަނޑު އެ އެޕްއާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. 
މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުރި ސާވޭއަކުން ދެއްކި ގޮތުގައި ކޮންމެ ފަސް ޒުވާނުން އެކަކު (18-24 އަހަރާ ދެމެދު) ބުނަނީ ބައިވެރިންގެ ލޮކޭޝަން ޓްރެކް ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އިންޓަނެޓްގެ އެހީގައި ބޮޑުވަމުން އައި ޖެން-ޒީ އަކީ އާންމު ގޮތެއްގައި އޮންލައިންކޮށް ޑޭޓާ ހިއްސާ ކުރަން އާދަވެފައިވާ ޖީލެކެވެ. އެގޮތުން ގިނަ ޒުވާނުން ބޮޑުވަމުން އައީ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓު ބޭނުންކޮށް އޭގެ ވާހަކަ އަޑުއަހަމުންނެވެ. ސްނެޕްޗެޓް އަކީ އޭގެ 'ސްނެޕް މެޕްސް' ފީޗާއާ އެކު ލޮކޭޝަން ޝެއާ ކުރެވޭ އެޕެކެވެ. 
ލައިފް360 ބޭނުންކުރާ ޒުވާނުން ރާއްޖޭގައި މަދެއް ނޫނެވެ. އެކަމަކު އެ އެޕްއާ ބެހޭގޮތުން އެ މީހުންގެ ވިސްނުން ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުންނަށް އެއީ ވަރަށް ބޭނުންތެރި ވަސީލަތެއް ކަމުގައި ވިއަސް، ލޯބިވެރިންގެ ތެރޭގައި އެއީ ވަރަށް 'ޓޮކްސިކް' އެޕްއެއްގެ ގޮތުގައި ދެކެ އެވެ.
އަޅުގަނޑު ސުވާލު ކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ޖަވާބު ތިރީގައި ހިއްސާކޮށްލަމެވެ. އެ ހިޔާލުތައް މި ގެނެސްދެނީ އެ މީހުންގެ 'ޕްރައިވަސީ'އަށް އިހުތިރާމު ކުރުމުގެ ގޮތުން ނަން ހާމަނުކޮށެވެ.
ލޮކޭޝަން ޓްރެކިން އެޕްތަކުން ކުރާ ނޭދެވޭ އަސަރުގެ ވާހަކަތައް 'ރެޑިޓް' ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަދެއް ނޫނެވެ. ގިނައީ އެޕްގެ ސަބަބުން ލޯބިވެރިންނާއި ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކުގެ ވާހަކަ އެވެ.
ބައިވެރިން އެކަކު އަނެކަކު ކުރާ ކަމެއް އަދި ހުރި ތަނެއް އަބަދު ހޯދައި ބެލުމަކީ ހަމައެކަނި އެ މީހެއްގެ ޒާތީ މިނިވަންކަމަށް އަރައިގަތުމެއް ނޫނެވެ. އެކަމަކު އެކަހަލަ އަމަލުތަކުގެ ސަބަބުން ވަރަށް އަވަހަށް އެކަކު އަނެކަކު ދެކެ ފޫހިވުން ވެސް އެކަށީގެން ވެ އެވެ. 
ލޮކޭޝަން ޝެއާ ކުރާ އެޕްތައް ބޭނުންކުރާނެ އުސޫލަކާ މެދު ދެ މީހުން ދުރާލާ ވާހަކަ ދައްކާފައި އޮތުން މުހިއްމެވެ. އެޕްގެ ބޭނުމަކީ އަބަދު ބައިވެރިޔާ ކުރާ ހުރިހާ ކަމެއް، ދާ ހުރިހާ ތަނެއް ބެލުމެއް ނޫނެވެ. މީގެ ސަބަބުން އެއް ބައިވެރިއެއްގެ ހާސްވުމާއި ކަންބޮޑުވުމުން އަނެކަކަށް ވެސް އަސަރުކޮށް އިތުރު މައްސަލަތައް އުފެދުމަށް ފުރުސަތު ލިބެ އެވެ. 
ލޯތްބާއި އެކުވެރިކަމުގެ ގުޅުމަކީ އެހާ ކަންތައް ބޮޑު ކުރާކަށް ނުޖެހެ އެވެ. އެޕްއަކުން ބައިވެރިޔާއަށް ގެޔަށް ދެވިއްޖެކަން 'ނޯޓިފައި' ވުމަށް ވުރެން ބައެއްފަހަރަށް ޓެކްސްޓެއް ކޮށްލާފައި ނުވަތަ ގުޅާލައިފައި ބުނެލުން ވެސް މާ 'ރޮމެންޓިކް' އެވެ.
މީހެއްގެ ރައްކާތެރިކަމަށް އެޕެއް ބޭނުންކުރުމާއި މީހަކު ކޮންޓްރޯލު ކުރަން އެޕެއް ބޭނުންކުރުމާ ދެމެދު ވަނީ ކުޑަ ފަރަގެކެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުން މިހާރު ވަނީ ވަރަށް އާންމުވެފަ އެވެ. އިނގިރޭސިވިލާތުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ 'ރެފިއުޖް' އިން 2019ގައި ރިޕޯޓު ކުރިގޮތުގައި އެ ޖަމިއްޔާއަށް އެހީ ހޯދަން އައި %72 އަންހެނުންނަށް އަނިޔާކޮށް ބިރު ދައްކަން ސްމާޓްފޯނު، ޓެބްލެޓް ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްފައިވެ އެވެ. އެގޮތުން ލޮކޭޝަން ޝެއާރިން އެޕްތަކުގެ ޒަރިއްޔާއިން އެހެން ބަޔަކު ނޭދެވޭ ފައިދާއެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ފަސޭހައިން ފޯނަށް އަޅާލެވޭ ލޮކޭޝަން ޓްރެކިން އެޕްތަކުގެ ޒަރިއްޔާއިން ބެލެނިވެރިންނަށް ކުދިން އުޅޭ ގޮތް އެ ކުދިން ގާތު ނާހާ ވެސް ކޮންމެ އިރަކު ބަލައިލެވެ އެވެ. އެއް ގޮތަކުން ވިސްނާއިރު މިއީ ދަރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ ރަނގަޅު ކަމެކެވެ. އެކަމަކު ފުރާވަރު ކުދިންނަށް އިހުސާސްކުރެވޭ ގޮތުގައި ބެލެނިވެރިން އެ މީހުންގެ ހުރިހާ ހަރަކާތެއް ބެލުމަކީ އެ ކުދިންގެ މިނިވަންކަމަށް އަރައިގަތުމެވެ. 
އެއީ ހަމައެކަނި އެ ކުދިންގެ އަހުލާގަށް އަސަރު ކުރާ ކަމެއް ނޫނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެ އުމުރުގެ ކުދިންގެ މިނިވަންކަމަށް މައިންބަފައިންގެ އިތުބާރު ނެތުމުގެ ސަބަބުން ކުދިންނަށް ރުޅިވެރިކަމާއި ކަންބޮޑުވުމާއި ހާސްކަން އިހުސާސު ކުރެވެ އެވެ. ބެލެނިވެރިންނާއި ދަރިންނާ ދޭތެރޭ އޮންނަންޖެހޭ އިތުބާރު ދެމެހެއްޓުން މުހިއްމެވެ. ލޮކޭޝަން ޓްރެކިން އެޕް ބޭނުން ކުރާނެ އުސޫލެއް ދަރިންނާ ވާހަކަދައްކައިގެން ގާއިމު ކުރުން ބުއްދިވެރި އެވެ. 
އަދި އަމުދުން މިކަހަލަ އެޕްތަކުން 'ފޭކް ލޮކޭޝަން' ދެއްކޭނެ އެކި އުކުޅުތައް އިންޓަނެޓުގައި މިހާރު ފެންނަން އެބަހުއްޓެވެ. ފުރާވަރު ކުދިންނަކީ އަމިއްލަވަންތަކަން ހޯދަން މަސައްކަތް ކުރާ ބަޔަކަށް ވެފައި، މައިންބަފައިން މާ ހަރުކަށި ނަމަ އެ ކުދިން މަސައްކަތް ކުރާނީ މައިންބަފައިންގެ އެ އަމަލުތަކާ ދެކޮޅަށެވެ.
އާއިލީ ނޫނީ ދެމަފިރިން ނުވަތަ ލޯބިވެރިންގެ ގުޅުމެއްކަމުގައިވިއަސް، މިކަހަލަ އެޕްތައް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތީން، އިތުބާރު ނުގެއްލޭ ގޮތަށް ބޭނުންކުރެވިދާނެ އެވެ.
ލައިފް 360 ފަދަ ލޮކޭޝަން ޓްރެކިން އެޕްތައް އިޝްތިހާރު ކުރަނީ އާއިލާއަށް ބޭނުންތެރި އެޕްއެއްގެ ގޮތުގަ އެވެ. އެކަމަކު މިކަހަލަ އެޕްތަކަކީ މީހުން ހީކުރާ ވަރަށް ވުރެ ބޮޑަށް ޒާތީ މައުލޫމާތުތަކަށް އަރައިގަންނަ އެޕްތަކެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައިބާސެކިއުރިޓީ މާހިރުން ވަނީ މި އެޕްތަކަށް ފާޑުކިޔައިފަ އެވެ.
ލައިފް 360އާ ބެހޭ ގޮތުން އެންމެ ކަންބޮޑުވާ އެއް ކަމަކީ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތާ މެދު އަމަލު ކުރާ ގޮތެވެ. މި އެޕުން ޑޭޓާ ބްރޯކަރުންނާއި 'ތާޑް ޕާޓީ' ކުންފުނިތަކަށް ލޮކޭޝަން ޑޭޓާ ވިއްކާ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ. އެއީ އެ މީހަކު ދިޔަ ތަންތަނާއި އެންމެ ގިނައިން ޒިޔާރަތް ކުރި ތަންތަނުގެ ޖީޕީއެސް ކޯޑިނޭޓްތައް އެ މީހުންގެ ހުއްދައާ ނުލައި ބަޔަކަށް ވިއްކާލުމެވެ. ލައިފް 360 އެޕަކީ އެމެރިކާގައި އެންމެ ގިނައިން ލޮކޭޝަން ޑޭޓާ ލިބެމުންދާ އެއް ވަސީލަތްކަން 2021ގައި ކުރި ތަހުގީގަކުން އެނގިފައިވެ އެވެ.
'ފިޝީ' ނަމަކަށް ކިޔާ ދިވެހި އިންޑިޕެންޑެންޓް ސެކިއުރިޓީ ރިސާޗަރަކު (އޭނާގެ އަސްލު ނަން ހާމަ ކުރާކަށް ބޭނުމެއް ނުވޭ) ބުނިގޮތުގައި ލޮކޭޝަން ޝެއާ ކުރާ އެޕްތައް ބޭނުންނުކޮށް އުޅެވޭތޯ އޭނާ އަބަދުވެސް ބަލަ އެވެ. ސަބަބަކީ އެ އެޕްތައް ބޭނުންކުރާއިރު ތިމާގެ ލޮކޭޝަން ހިއްސާ ކުރަނީ ދަންނަ މީހުންނާ އެކަންޏެއް ނޫނެވެ. އެ އެޕް އަދި އެޕްގެ ޑޭޓާ ހިއްސާކުރާ އެހެން ފަރާތްތަކާ ވެސް އަމިއްލަ ޒާތީ މައުލޫމާތުތައް ހިއްސާވެ އެވެ. މާނައަކީ، ތިމާ ދަންނަ ރަހުމަތްތެރިޔާއެކޭ އެއްގޮތަށް، ނުދަންނަ އެތަކެއް ބީރައްޓެހިންނަށް ވެސް އެ މައުލޫމާތުތައް ލިބޭނެ އެވެ. 
ފިޝީގެ ނަސޭހަތަކީ އެޕެއްގެ 'ޕްރައިވެސީ ޕޮލިސީ' ފުރަތަމަ ރަނގަޅަށް ކިޔާލުމެވެ. އޭގައި ބުނަނީ ކީކޭތޯ ރަނގަޅަށް ވިސްނައި ހަމަނުޖެހޭ ވާހަކަތަކެއް ހުރިތޯ ބެލުމެވެ. އެ ކަންކަމަށް އެއްބަސްވުމަކީ ތިމާގެ ޒާތީ މައުލޫމާތު އެ އެޕްތަކަށް ބޭނުންކުރަން ފުރުސަތު ދިނުމެވެ. އަދި ލައިފް 360 އެޕް އިން ބަޔަކު ކުރިން ޒިޔާރަތް ކުރި ތަންތަނުގެ މައުލޫމާތު ހިއްސާ ކުރަން ފައިސާ ނަގަ އެވެ. އެހެންކަމުން ތިމާގެ މައުލޫމާތު އެ ވިއްކަނީ ނުދަންނަ ބަޔަކަށް އެކަންޏެއް ނޫނެވެ. ދަންނަ މީހުންނަށް ވެސް ޒާތީ މައުލޫމާތުތައް ވިއްކަ އެވެ.
ލައިފް 360 އަކީ ރައްކާތެރި އަދި ބޭނުންތެރި ކަންކަމުގެ ނަމުގައި އިޝްތިހާރު ކުރާ އެޕެއް ނަމަވެސް، އެ ރައްކާތެރިކަން ފޯރުކޮށްދެނީ އެ އެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ހޯދައިގެންނެވެ. މިކަހަލަ އެޕްތަކުގެ ނޭދެވޭ ޑޭޓާ ޓްރެކިން އުސޫލުތަކާއި ނަފްސާނީ ސިއްހަތަށް ކުރާ އަސަރާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ވަސީލަތަކަށް ވުމަކީ މިކަހަލަ އެޕްތައް އަމިއްލަ މޯބައިލް ފޯންއަށް އެޅުމުގެ ކުރީން ރަނގަޅަށް ވިސްނާލަން ބުއްދިވެރި ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ