އުމުރުން ދުވަސްވީ މީހުންނަށް އާއްމުކޮށް ދިމާވާ ބޯ އެނބުރުމުގެ މައްސަލައިން ރައްކާތެރިކަން ހޯދާނެގޮތް
އަޅުގަނޑުމެންގެތެރެއިން އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އެންމެ ގިނައިން ލިބޭ އެއް ޝަކުވާ އަކީ ނޭނގިހުއްޓާ ކުއްލިގޮތަކަށް ބޮލަށް އެނބުރުން އަރައި ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއްވާ ކަމުގެ ޝަކުވާއެވެ. ބޮލަށް އެނބުރުން އެރުނުން ނުވަތަ ވާޓިގޯ (Vertigo) އަކީ ތިމާ ހުންނަ މާހައުލު ނުވަތަ ތިމާ އަމިއްލައަށް އެނބުރޭ ފަދަ އިހުސާސެއް ކުރެވޭ ހާލަތެކެވެ. މިއީ ހަމައެކަނި ބޯ އެނބުރުމެއް ނޫނެވެ. މިއީ ހަށިގަނޑުގެ ބެލެންސް ނުވަތަ ހަމަ ހިފަހައްޓައިދޭ ނިޒާމަށް ދިމާވާ މައްސަލައެއްގެ ސަބަބުން، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫއަރުވާލާ ކަމެއް ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއަގެ ނިއުރޮލޮޖިސްޓް ޑރ.ދެވަންތާ ސެމްބިރިންގް.އެސްޕީ.އެން ވިދާޅުވެފައިވެއެވެ. އުމުރުން ދުވަސްވީ މީހުންނަށް މި މައްސަލަ ދިމާވަނީ ހަށިގަނޑުގެ ބެލެންސް ހިފަހައްޓައިދޭ ގުނަވަންތަކުގެ މަސައްކަތް ބަލިކަށިވުމާއި، އެކި މީހުން ތަހައްމަލު ކުރަމުންދާ ތަފާތު ބަލިތަކުގެ ސަބަބުންނެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ހަމަ ހިފެހެއްޓުމުގެ ގާބިލުކަން ކުޑަވެގެންދެއެވެ. އެހެންކަމުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، މިކަމުގެ ސަބަބުތަކާއި، ހުރި ނުރައްކާތަކާއި، އަދި މީގެ ހައްލުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ވާޓިގޯގެ އަސަރެއް ފެނުމާ އެކު ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން އަވަސްވެގަތުމަށް ސިއްހީ މާހިރުން ލަފާދެއްވާ--ފޮޓޯ/އީއެމްސީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ވާޓިގޯ އަކީ ކޮބާ؟ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް، އެއްވެސް ހަރަކާތެއް ނެތް ނަމަވެސް، ތިމާ ނުވަތަ ތިމާގެ ވަށައިގެންވާ މާހައުލު އެނބުރޭ ކަމުގެ އިހުސާސް ކުރެވުމަކީ ވާޓިގޯއެވެ. މިކަން މެދުވެރިވަނީ ހަށިގަނޑުގެ ބެލެންސް ނިޒާމަށް، ހާއްސަކޮށް ކަންފަތުގެ އެތެރޭގެ ނިޒާމަށް ނުވަތަ ނާރުގެ ނިޒާމަށް ދިމާވާ މައްސަލައެއްގެ ސަބަބުންނެވެ. އުމުރުން ދުވަސްވުމުން ބެލެންސް ހިފަހައްޓައިދޭ ގުނަވަންތަކުގެ މަސައްކަތް ދަށްވުމާއި، ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން މި މައްސަލަ ދިމާވުން އިތުރުވެއެވެ. މިއީ ކުއްލިއަކަށް ދިމާވާ ކަމަކަށް ވާއިރު، މީގެ އިތުރުން މޭނުބައިކުރުމާއި، ހޮޑުލެވުމާއި، ބެލެންސް ގެއްލުމާއި، އަދި ހިނގާބިނގާވެ އުޅުމަށް ދަތިވުން ފަދަ އަލާމާތްތައް ފެނެއެވެ. މީގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ހުރަސްއެޅި، ވެއްޓި އަނިޔާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑރ.ދެވަންތާ ވިދާޅުވެފައިވެއެވެ. ވާޓިގޯ އާއި އާއްމުކޮށް ބޮލަށް އެނބުރުން އަރާ ގޮތްވުމުން އެ ކުރެވޭ ތަޖުރިބާ އަކީ އެއް ކަމެއް ކަމަށް ހީވި ނަމަވެސް އެއީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ޑރ.ދެވަންތާ ވިދާޅުވެއެވެ. ޑރ.ދެވަންތާ ވިދާޅުވާ ގޮތުގައި، އާއްމުކޮށް ބޮލަށް އެނބުރުން އަރާއިރު އެކުރެވޭ އިހުސާސަކީ ބޮލަށް ލުއިކަމެއް އިހުސާސްކުރެވި ނުވަތަ ހަށިގަނޑަށް އުނދަގޫވުމެވެ. މިފަދަ ހާލަތެއްގައި ތިމާ އެ ހުންނަ ތަން އެނބުރޭ ކަމުގެ އިހުސާސެއް ނުކުރެވޭނެ ކަމަށް ޑރ.ދެވަންތާ ވިދާޅުވެއެވެ. ނަމަވެސް، ވާޓިގޯގައި، ބެލެންސް ގެއްލުމާއި، މޭނުބައިކުރުން ފަދަ ކަންކަން އިހުސާސް ކުރެވޭނެއިރު މި ތަފާތު ދެނެގަތުން މުހިންމީ، ވާޓިގޯ އަކީ ބެލެންސް ނިޒާމުގެ މައްސަލައަކަށް ވެފައި، ހާއްސަ ފަރުވާތަކެއް މިކަމަށް ބޭނުންވާތީއެވެ. އުމުރުން ދުވަސްވީ މީހުންނާ އެކު އަބަދުވެސް އާއިލާގެ މެމްބަރަކު ނުވަތަ އެފަދަ މީހަކު ހުރުމަކީ މުހިއްމު އަދި ރައްކާތެރި ކަމެއް--ފޮޓޯ/އީއެމްސީ ވާޓިގޯ މެދުވެރިވާ ބައެއް ސިއްހީ ސަބަބުތަކުގެތެރޭ: ބީޕީޕީވީ: މިއީ އުމުރުން ދުވަސްވީ މީހުންނަށް ވާރޓިގޯ ދިމާވާ އެންމެ އާންމު ސަބަބެވެ. މިއީ ކަންފަތުގެ އެތެރޭގައި ހުންނަ ކެލްސިއަމް ކްރިސްޓަލްތަކެއް އޭގެ އަސްލު މަގާމުން ކެހިގެން ދިއުމުގެ ސަބަބުން ބެލެންސް ނިޒާމަށް ބުރޫއެރުމެވެ. މީގެ ސަބަބުން، ނިދާފައި ހޭލާއިރު ނުވަތަ ކުއްލިއަކަށް ބޯ އަނބުރާލާއިރު ބޯއެނބުރުން މެދުވެރިވެއެވެ. މެނިއަސް ބަލި: މިއީ ކަންފަތުގެ އެތެރޭގައި ދިޔަވަރު ގިނަވުމުގެ ސަބަބުން ބެލެންސް ކުރުމަށާއި އިވުމަށް އަސަރުކުރާ ބައްޔެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ކަންފަތް ބޮލިވުމާއި، އިވުން ދަށްވުމާއި، އަދި ކަންފަތް ބެދިފައި ހުންނަ ކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ. ނާރުގެ ނިޒާމުގެ މައްސަލަތައް: ސިކުނޑީގެ ނާރުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ވެސް ވާޓިގޯ މެދުވެރިވެއެވެ. މިސާލަކަށް ކުޑަ ސްޓްރޯކެއް ޖެހުން ނުވަތަ ސިކުނޑިއަށް ލޭ ދައުރުވުމުގައި ހުރަސްތަކެއް ހުރުމެވެ. މިފަދަ ހާލަތްތަކުގައި ވާހަކަދައްކަން އުނދަގޫވުމާއި ހަށިގަނޑުން ވަރުދެރަވުން ފަދަ އަލާމާތްތައް ފެނިދާނެއެވެ. ބޭހުގެ ނޭދެވޭ އަސަރު ކުރުން: އުމުރުން ދުވަސްވީ މީހުން ބޭނުންކުރާ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ބޯ އެނބުރުން މެދުވެރިވެދާނެއެވެ. އެހެންކަމުން ބޭހެއް ބޭނުންކުރަން ފެށުމަށްފަހު ބޯ އެނބުރުން ދިމާވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. ވާޓިގޯ އަކީ ފަރުވާކުޑަކޮށްލެވޭނެ ކަމެއް ނޫނެވެ. މީގެ ސަބަބުން ވެއްޓި، ކަށި ބިނދުމާއި ނުވަތަ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި މިކަމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ބިރުގަނެ، ނަފްސާނީ ގޮތުން ނުތަނަވަސްކަން އިހުސާސް ކުރަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވާޓިގޯއަށް ދެވޭނެ ފަރުވާތައް: ޑޮކްޓަރީ ބެލުންތައް ބަލައި، ބޮލަށް އެނބުރުން އަރާ ސީދާ ސަބަބު ދެނެގަތުން. ބޯއެނބުރުމާއި މޭނުބައިކުރުން ކުޑަކުރުމަށް ބޭސް ބޭނުންކުރުން. ބެލެންސް އިތުރުކުރުމަށްޓަކައި ހާއްސަ ތެރަޕީ ނުވަތަ ކަސްރަތުތައް ކުރުން. އޮށޯވެގެން ނުވަތަ އިށީނދެގެން އިންނައިރު ބޯ އަދި ހަށިގަނޑުގެ 'ޕޮޒިޝަން' ނުވަތަ މަގާމު ކުއްލިއަކަށް ބަދަލުކުރުމުން ދުރުހެލިވުން. ވެއްޓި އަނިޔާވުން ކުޑަކުރުމަށްޓަކައި ގޭތެރޭގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުން. ބޮލަށް އެނބުރުން އަރައި އެކަން ތަކުރާރުކޮށް ދިމާވަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. ޚާއްޞަކޮށް ބޯއެނބުރުމާއެކު ބޮލުގައި ރިއްސުން، ފެނުމަށް ބަދަލު އައުން، ނުވަތަ ހިނގަން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަނަމަ ވަގުތުން ފަރުވާ ހޯދުން މުހިންމެވެ. މިއީ ނާރުގެ ނިޒާމުގެ ނުވަތަ ސިކުނޑިއަށް ލޭ ދައުރުވުމުގެ ސީރިއަސް މައްސަލައަކަށް ވެދާނެއެވެ. އެކަށީގެންވާ ޑައިގްނޯސިސްއަކާއެކު، ރައްކާތެރި އަދި ފައިދާހުރި ފަރުވާއެއް ހޯދުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ