މައްސަލަތަކާއި ދަތިތަކުގެ ވާހަކަ ކިޔައިދިނުން: ލީޑަރުންގެ ސިފައެއްނޫން

މުއައްސަސާއެއް ކުރިއަރައި ދިއުމުގެ އެންމެ ބޮޑު ސިއްރަކީ އެ ތަނެއްގެ ލީޑާޝިޕެވެ. ލީޑަރެއްގެ މަސްއޫލިއްޔަތަކީ ހަމައެކަނި ކަންކަން ހިންގުމެއް ނޫނެވެ. އެއީ އުންމީދެއް ނެތް ތަނަކަށް އުންމީދު ގެނެސްދީ، ދަތިތަކުގެ ތެރެއިން މަގު ދައްކައިދޭ މީހާއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަ ބައެއް ލީޑަރުންނަކީ ހަމައެކަނި ހުރި މައްސަލަތަކާއި ދަތިތަކުގެ ވާހަކަ ދައްކައި، ޝަކުވާކުރުމުގައި ވަގުތު ހޭދަކުރާ މީހުންނެވެ. މިފަދަ މީހުންނަކީ ލީޑަރުންނަށް ކަމުދާ މީހުންނެއް ނޫނެވެ. ކާމިޔާބު ލީޑަރުންގެ ވިސްނުން ހުންނަނީ މައްސަލަތަކަށްވުރެ ބޮޑަށް ހައްލުތަކަށެވެ. އެމީހުންނަށް ދަތިތަކާ ކުރިމަތިވުމުން އެއީ ކުރިއަށް ދިއުމަށް އޮތް ހުރަހެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އާ ކަންތައްތަކެއް ދަސްކޮށް، ހަރުދަނާވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކެއެވެ. މިސާލަކަށް، ކުންފުންޏެއްގެ ބަޖެޓު ކުޑަވުމުން، ނާގާބިލުމީހުން މުވައްޒަފުންގާތު ބުނާނީ "ބަޖެޓެއް ނެތް، އެހެންވީމާ އެއްވެސް ކަމެއް ނުވާނެ" ކަމަށެވެ. ނަމަވެސް، ހަގީގީ ލީޑަރަކު ވިސްނާނީ ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން ނަތީޖާ ނެރެވޭނެ އާ ގޮތްތަކަކަށެވެ. ހަރުދަނާ ލީޑަރުން ކަންކުރާ ގޮތަށް ބަލާއިރު، އެމީހުންނަކީ އިސްނަގައިގެން އަމަލީ ގޮތުން ކަންކަމުގައި ބައިވެރިވާ ބައެކެވެ. ހަމައެކަނި އަމުރުކުރުމާއި، މައްސަލަ އުފެއްދުމުގެ ބަދަލުގައި އެމީހުންނަކީ ނަމޫނާ ދައްކާ ބައެކެވެ. އެފަދަ ލީޑަރުން، ދަތި ހާލަތެއް ދިމާވުމުން މުވައްޒަފުންނާއެކު ކުރީގައިތިބެ، އެ މައްސަލައަކުން އަރައިގަތުމަށް މަސައްކަތް ކުރާނެއެވެ. https://sun.mv/220409 މުއާމަލާތު ކުރުމުގައި ލީޑަރުން ގެންގުޅެނީ ހިތްވަރުދޭ، އުންމީދު އާކޮށްދޭ ގޮތްތަކެވެ. އެމީހުން މައްސަލައެއްގެ ވާހަކަ ދައްކާއިރުވެސް، އެކަމުގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި މާޔޫސްކަން އުފެދުމުގެ ބަދަލުގައި، އެކަން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އުފައްދައެވެ. އަޅުގަނޑަށް ފެނުނުތަނުގައި ކާމިޔާބުކަމާއެކު މުވައްސަސާތައް ހިންގި ވެރިންނަކީ އެމީހުންނާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޑުއަހާ އެމީހުންނާއި އެކުގައި އަގުހުރި އެތައް ވަގުތެއް ހޭދަކުރާ މީހުންނެވެ. އަދި އެމީހުންގެ ޚިޔާލާއި މަޝްވަރާއަށް އިހުތިރާމްކޮށް – ތިމާއަކީ ހުރިހާކަމެއްގެ އެދުރެއް ނޫންކަމުގައި ދެއްކި މީހުންނެވެ. އޭގެ ސަބަބުން މީހުން އެމީހުންނާއިއެކުގައި މަސައްކަތްކުރަނީ ޖޯޝާއި ފޯރިއާއެކުގައެވެ. ކާމިޔާބު ލީޑަރުންގެ ސިފަތަކާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، "ރެޒިލިއަންސް" (ވިލުންވެރިވުން) ނުވަތަ ކެތްތެރިކަމާއެކު ކަންކަމާ ކުރިމަތިލުމަކީ ހަރުދަނާ ލީޑަރުންގެ އެންމެ މުހިންމު އެއް ސިފައެވެ. މީގެ އިތުރުން "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ ތިމާގެ އަމިއްލަ އިހުސާސްތަކާއި އެހެންމީހުންގެ އިހުސާސްތައް ދަނެގަނެ، އެ އިހުސާސްތަކަށް އިހުތިރާމްކުރާ މީހަކަށްވުމަކީ ވެސް އެހާމެ މުހިންމު ސިފައެކެވެ. މައްސަލަތައް އެކަނި ކިޔައިދޭ މީހުންނަށް މި ސިފަތަކެއް ލިބިގެނެއް ނުވެއެވެ. އެމީހުންގެ ސަބަބުން މުވައްޒަފުންގެ ހިތްމަރުވެ، މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަން ފެތުރިގެންދެއެވެ. އަޅުގަނޑުގެ ލީޑަރޝިޕް މެންޓަރ އަކާ "ބޮޑުކަންތައްގަނޑެއް" ލައިގަތް އިރެއްގައި އަޅުގަނޑަށް ވަރަށް ގާތުން އެމަންޒަރު ބަލަން ހުރެވުނެވެ. އޭނާގެ ފަރާތުން އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ ފަތިހުފަތިހާ ތެދުވެ ނަމާދުކޮށްލައިގެން އައިސް ބަގީޗާގެ ގަސްތަކަށް ފެންދިނުމާއި ބަގީޗާގެ ކަންކަން ބެލެހެއްޓުމެވެ. ފަހުން ވިސްނާލިއިރު އަޅުގަނޑުމެން މިހާރުގެ ގޮތަށް ބުނާނަމަ "އިމޯޝަނަލް ރެގިއުލޭޝަން" އަށް އޭނާ ކުރެއްވި ކަމެކެވެ. އެހެންކަމުން، ނުތަނަވަސްކަން އިންތިހާއަށް ދިޔައިރުވެސް – އަޑުގަދަކޮށް މީހުންނާދިމާއަށް ހަޅޭއްލަވާ، ތަނުގެ ތެރޭގައި ނުތަނަވަސްކަމެއް ނުފެތުރެއެވެ. ކެތްތެރިކަމާއެކު ދިމާވެގެންއުޅޭ މައްސަލައާއި ކުރިއަށްދާންވީގޮތް އެންމެނަށް ކިޔާދިނުމުން – ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާއެއްކަމުގައި ދެކިގެން، އެނުތަނަވަސް ދަނޑިވަޅުގައި ކުރަންޖެހުނު ކަންތައް ބަރާބަރަށް ކުރިއަށް ގެންދިޔައެވެ. https://sun.mv/214017 ކާމިޔާބު ލީޑަރުންގެ ސިފައެއްކަމުގައި ދިރާސަތުގައި ބުނެފައިވާ އަނެއް ސިފަޔަކީ، "ސްޓްރެޓެޖިކް ތިންކިންގ" ނުވަތަ ހަމައެކަނި މައްސަލަތައް ދިރާސާކުރުމުގެ ބަދަލުގައި – މުޅި މަގުސަދާއި ނަތީޖާއަށް ވިސްނާ، ހުރި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ނެރުމުގެ ގާބިލުކަން ހުރުމެވެ. އެފަދަ ލީޑަރުން ސުވާލުކުރާނީ، "މިމައްސަލައިން އަހަރެމެން ކުރިއަށް ދިޔުމަށް ލިބޭ ފިލާވަޅަކީ ކޮބައިތޯ؟" އެވެ. އެސުވާލުގެ ޖަވާބު ކާމިޔާބު ލީޑަރުން ހޯދާނީ އެންމެނާ އެކުގައެވެ. މިގޮތުން ބަލާއިރު، ލީޑަރުން ކަންކަން ނިންމުމުގައި ގެންގުޅެންޖެހޭ ހަމައިގެ މުހިންމު އިރުޝާދެއް ކީރިތި ގުރުއާނުގައި ވެއެވެ. މާތްﷲ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ""އަދި ކަންތައްތަކުގައި އެބައިމީހުންނާ (މުއުމިނުންނާ) މަޝްވަރާކުރައްވާށެވެ! ފަހެ، ކަމަކަށް ކަނޑައަޅުއްވައި އަޒުމް ކަނޑައަޅުއްވައިފިނަމަ، މާތްﷲ އަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ މާތްﷲ ލޯބިވެވޮޑިގެންވެއެވެ." (އާލްޢިމްރާން 159) ލީޑަރެއްގެ ހަގީގީ ފެންވަރު ވަޒަންކުރެވެނީ ހުރިހާކަމެއް ބަރާބަރަށް ހިނގާއިރަކު ނޫނެވެ. ހަގީގީ ލީޑަރަކީ، ދަތިތަކާއި މައްސަލަތައް ކުރިމަތިވާއިރު، އެކަންކަމާ ޝަކުވާކުރުމުގެ ބަދަލުގައި، ހިކުމަތްތެރިކަމާއެކު ހައްލު ހޯދައިދޭ މީހާއެވެ. މައްސަލަތަކުގެ ލިސްޓެއް ހިފައިގެން ތިބޭ މީހުން ރަނގަޅުވާނީ ސިޑިބަރީގައި ކުޅިބަލަން ތިބޭށެވެ. މައްސަލަތަކުގެ ތެރެއިން، ހައްލުހޯދާދިނުމަށް މަގު ކޮށައިދޭ މީހުންނަކީ ހަރުދަނާ ލީޑަރުންނެވެ. މައްސަލަތަކުގެ ވާހަކަ ކިޔައިދީ، އެކަމުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި ނުވަތަ ތިމާގެ ބާރުނުފޯރާ ކޮންމެވެސްކަމަކާ އަޅުވާ މީހުންނަށް ތަބާވާނެ ބަޔަކު މުޖުތަމަޢަކުން ނުފެންނާނެއެވެ. ތަބާވާނެ ބަޔަކު ނެތްމީހަކަށް ލީޑަރަކަށް ނުވެވޭނެއެވެ. މިއީ މުއައްސަސާތައް ހިންގުމަށް ވެރިން އިޚުތިޔާރުކުރާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ނުގުތާތަކެވެ. އެއީ ވަޒީރަކަސް ފަގީރަކަސް – ނުވަތަ ސީއީއޯއަކަސް ޕިޔޯނަކަސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ