ޓޫރިޒަމްގައި ގިނަ ދުވަސްވީ 4 ބޭފުޅެއްގެ އަގުވަޒަންކޮށްފި

ހޮޓެލިއާ މޯލްޑިވްސް އިން މިރޭ ނިވާ ކުރުނބާ މޯލްޑިސްގައި ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަތަރު ބޭފުޅެއްގެ އަގުވަޒަންކޮށް އެވޯޑް ދީފި އެވެ.
ވީ ކިހިނެއް؟ - ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ހުށަހަޅައިދިން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަކީ މި އެވޯޑް ބޭއްވި ތިންވަނަ އަހަރެވެ. މިއީ ރިސޯޓު މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަން ގައުމީ ފެންވަރުގައި ބަލައިގަތުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އެވޯޑެވެ.
'ޑެޑިކޭޓެޑް ސާވިސް އެވޯޑް'އަކީ ހޮޓެލިއާ މޯލްޑިވްސްގެ ޓީމުން ހޮވާ ހާއްސަ އެވޯޑެކެވެ. މިރޭގެ ހަފުލާގައި 23 ފަރާތަކަށް ދިން އެވޯޑާއި 12 ޓީމަކަށް ދިން އެވޯޑުގެ އިތުރުން، މި ޝަރަފުވެރި އެވޯޑަކީ ދިވެހި ފަތުރުވެރިކަން ތަރައްގީކުރުމުގައި ދިގު މުއްދަތަކަށް، ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދިން އެވޯޑެކެވެ.
ތަފްސީލް - މިއަހަރު މި އެވޯޑް ހާސިލުލުކުރެއްވި ބޭފުޅުންނަކީ:
ބަނޑޮސް މޯލްޑިވްސްގެ އާދަމް ސައީދު
އިކުއޭޓާ ވިލެޖްގެ މުހައްމަދު ވަހީދު
ބަނިޔަން ޓްރީ ވައްބިންފަރުގެ މުހައްމަދު ނައީމް 
ކްލަބް މެޑް މޯލްޑިވްސްގެ އަބްދުއްސަމަދު އިބްރާހީމް
އާދަމް ސައީދު ވަނީ ހިއުމަން ރިސޯސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާގައި 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ގަވާއިދުތަކަށް އަމަލުކުރުމުގައި އޭނާ އަދާކުރައްވާ ދައުރު ފާހަގަކޮށްލެވެ އެވެ. ވަކިން ހާއްސަކޮށް ބިދޭސީ މުވައްޒަފުންގެ ލިޔެކިޔުންތަކާއި ވިސާގެ ކަންކަން އިންތިޒާމުކުރުމުގައި އޭނާއަކީ އިތުބާރުހުރި، ތެދުވެރި ހިދުމަތްތެރިއެކެވެ.
އިކުއޭޓާ ވިލެޖްގެ ރިސޯޓް މެނޭޖަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 1986 ވަނަ އަހަރު ވިލިނގިލި ބީޗް ރިސޯޓުން މަސައްކަތް ފެއްޓެވި ވަހީދަކީ، މިހާރު ރާއްޖޭގައި ތިއްބެވި މަދު ދިވެހި ރިސޯޓް މެނޭޖަރުންގެ ތެރެއިން އެކަކެވެ. އޭނާ އަންނަނީ އައްޑޫ އަތޮޅުގެ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، މުޖުތަމައުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިދިޔަ އަހަރު ބަނިޔަން ޓްރީ ވައްބިންފަރުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރުގެ މަގާމުން ރިޓަޔާ ކުރެއްވި މުހައްމަދު ނައީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި 40 އަހަރުގެ ތަޖުރިބާއެއް ހުރި ބޭފުޅެކެވެ. އެގޮތުން، 1980ގެ އަހަރުތަކުން ފެށިގެން އޭނާ ކުރެއްވި މަސައްކަތުން، ތިމާވެށި ހިމާޔަތްކުރުމާއި މުވައްޒަފުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރުމުގެ އާ އުސޫލުތަކެއް ސިނާއަތަށް ތައާރަފުވެގެން ދިޔަ އެވެ.
ކްލަބް މެޑް ކަނިގެ ޖެނެރަލް އެފެއާޒް މެނޭޖަރު އަބްދުއްސަމަދު އިބްރާހީމަކީ 40 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި މި ދާއިރާގައި ހިދުމަތް ކުރައްވަމުންދާ ބޭފުޅެކެވެ. އެގޮތުން، 1980 ވަނަ އަހަރު މި ދާއިރާއަށް ނުކުންނެވި ސަމަދަކީ ކްލަބް މެޑް ބްރޭންޑް ރާއްޖޭގައި ފުޅާވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް ފްރާންސާއި ޗައިނާގެ ކްލަބް މެޑްގެ ފަރާތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ވެސް ވަނީ އެވޯޑްތައް ލިބިވަޑައިގެންފަ އެވެ.
ފާހަގަކޮށްލެވޭ - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ ބީބީއެމް އެވެ. މި އެވޯޑްގެ އެހެނިހެން ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޕްލެޓިނަމް ސްޕޮންސަރުން - ދިރާގު، އެސްޓީއޯ އެނާޖީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) 
ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) 
ބެވަރޭޖް ޕާޓްނަރަކީ މާލޭ އެއިރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) 
އެސޯސިއޭޓް ސްޕޮންސަރުން - އެލިއާ އާއި މެޓަލް ސައިންސް 
ޓްރާންސްޕޯޓް ޕާޓްނަރަކީ ސުވެނިއާ މެރިން 
އޮގަނައިޒިން ޕާޓްނަރަކީ ސްޓޯމް އިވެންޓްސް 
އެސޯސިއޭޓް ޕާޓްނަރުން - ސެޝަން ބައި އޫފީ، ލައިޓްސްއައުޓް ސްޓޫޑިއޯސް، ބްލޫ އެންޑް ވައިޓް އަދި މޯލްޑިވްސް އިންސައިޑާ 
ބްރޯޑްކާސްޓް ޕާޓްނަރަކީ މޯލްޑިވްސް ޓީވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ