މަސައްކަތް ނުކުރުވާ މުސާރަދޭ މައްސަލަ ބަލަން އެންގިން، "އަޕްޑޭޓެއް ނެތް": ރައީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނެގި މައްސަލައިގައި އެއްވެސް އަދާހަމައެއް އަދި ނުލިބޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމްއޭސީއެލްއަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަ ދޭކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެ ފަދަ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް މި ފަހުން ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައިވެއެވެ. އެ ލިސްޓާ އެކު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. https://sun.mv/220858 މިދިޔަ ހަފުތާގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެފަދަ ލިސްޓެއް އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ކަމާ ގުޅޭ ގޮތުން އެހުމުން ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅުން ހުރި ކަންކަން ބަލަން އަންގައިފައިވާ ކަމަށާއި، "އެކަމުގެ އަޕްޑޭޓެއް އަދި ނެތް" ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ. "އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި،" މިދިޔަ ހަފުތާގައި އެ މަނިކުފާނު ފުރަތަމަ ދެއްވި ޖަވާބަކީ އެއީއެވެ. ރައީސް ވިދާޅުވީ، ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބަލާފައި ހުރިހާ ކުންފުންޏަކަށް ވެސް އިސްލާހީ ބަދަލު ގެންނަން މިހާރު ސަރުކާރުން އަންގާފައިވާނެ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އެންގި އެންގުމަށެވެ. https://sun.mv/220483 އެ މަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ ކުންފުނިތަކަށް ވެސް އިސްލާހީ ފިޔަވަޅު އަޅައި، މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވާނެ ކަމަށެވެ. އެއްވެސް މަސައްކަތެއް ނުކޮށް އަދި އެއްވެސް ވަރަކަށް އޮފީހަށް ދާން ވެސް ނުޖެހޭ މުވައްޒަފުންތަކަކަށް ބޮޑެތި އަދަދުތަކުން މުސާރަ ދެމުންދާ ކަމަށް ބުނެ، އެ ފަދަ 85 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ލީކްކޮށްލީ 'ހަސަން ކުރުސީ'ގެ ނަމުގައި ކާކުކަން ނޭނގޭހެން ހިންގާ އެކްސް އެކައުންޓުންނެވެ. އެ ލިސްޓުގައި ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ކުރީގެ ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ. އެ ތުހުމަތާ ގުޅިގެން އެމްއޭސީއެލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެ ކުންފުނީގައި މަސައްކަތްކުރާ ބައެއް ސީނިއާ މުވައްޒަފުން ވަނީ އެ ފަދަ ތުހުމަތުތަކެއް އަމާޒުވާކަން ކަށަވަރުކޮށްދީފައެވެ. އަދި، ސޯޝަލް މީޑިއާގައި އާންމުވި ލިސްޓުގައި ހިމެނޭ ބައެއް މުވައްޒަފުންނަށް މުސާރަ ދޭކަން ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ