ކުޅުދުއްފުށިން މަލާމާތެއް: ކުރިއަށް ނުދާ ކަމަށް ބުނެ ހައުސިން މަޝްރޫއު 'ވަޅުލައިފި'

ސިޔާސީ ކަންކަމަށް ފާޑުކިޔައި ޖޯކު ޖެހުމަށް މަޝްހޫރު ހދ. ކުޅުދުއްފުށީގެ ބަޔަކު، އެ ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ނުދާ ކަމަށް ބުނެ، އެ މަޝްރޫއުގެ ބިންގާ 'ވަޅުލައިފި' އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުޅުދުއްފުށީ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގައި 2،000 ހައުސިން ޔުނިޓު އެޅުމެވެ. އެކަމަކު އެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ތިން ދުވަސް ކުރިން މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ހައުސިންގެ ބޮޑު މަޝްރޫއުގެ ބިންގާ އަޅާފައިވަނީ، އެ ރަށުގެ ހިއްކި ބިމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ އިތުރުން އެޗްޑީސީގެ ވެރިންނެވެ. އެކަމަކު މިއަދު އެ ރަށުގެ ބަޔަކު ވަނީ ބިންގާގެ އިމާރާތް، 'މަހާނަ'އަކަށް ބަދަލުކޮށްލާފަ އެވެ.
ތަފްސީލް - އެގޮތުން، ހިމަކޮށް ދިގުކޮށް ހުރި އެ ބިންގާގެ ދެކޮޅުގައި ދެ މަހާނަގާ އިންދައި ދިދަ ޖަހާފައި ވެ އެވެ. މަހާނަ ގަލުގައި ޖަހާފައި އޮތީ 'ކުޅުދުއްފުށީ ސިޓީ ޑރ. މުހައްމަދު މުއިއްޒުގެ 2،000 ހައުސިން ޔުނިޓް ވައުދުފުޅު' އެވެ.
އެ މީހުން ދައްކަން ބޭނުންވީ، އެ މަޝްރޫއު މަރުވީ ކަމަށެވެ.
ފުލުހުން މިއަދު ހެނދުނު ވަނީ އެތަނަށް ގޮސް މަހާނަ ގަލާއި ދިދަތައް ނަގާފަ އެވެ.
ކުޅުދުއްފުށީ މީހުން ބުނާ ގޮތުގައި، އެ ރަށަށް މިހާރު އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ އެކަން ކޮށްދޭނެކަމުގެ ވައުދުފުޅުގައި ނަމަވެސް، މިހާތަނަށް އައިއިރު އެކަމުގެ އަމަލީ މަސައްކަތެއް ފެށިފައި ނެތުން އެއީ އެ މީހުންގެ އެންމެ ބޮޑު ޝަކުވާ އެވެ.
އެ ރަށުގެ މީހުންގެ ވާހަކަތަކަށް ބަލާއިރު ރައީސްގެ މި ވައުދުފުޅަށް މާ ބޮޑު އިތުބާރެއް މިހާރަކު ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް އެ ރަށަށް ވަޑައިގެން ވެސް، 2024 ވަނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރު އެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށް، އަހަރު ނިމުމުގެ ކުރިން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު އޭގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުގޮސް، އަނެއްކާވެސް އާ އިންތިހާބަކާ ދިމާކޮށް، ބިންގާ އެޅުމުން ރުޅި އައީ ކަމަށް އެ މީހުން ބުނެ އެވެ.
"އެއީ އަމަލީ މަސައްކަތެއް ނުފެންނަ ބިންގަލެއް،" ފޭސްބުކްގައި ހިޔާލުފާޅުކުރި އެ ރަށުގެ މީހަކު ބުންޏެވެ.
ފާހަގަކޮށްލެވޭ - ކުޅުދުއްފުށީ ހައުސިން މަޝްރޫއު ހިންގަނީ، މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ގޮތުގައި، 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާ ގޮތަށެވެ. އެޗްޑީސީގެ ބަދަލުގައި މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 'ޓީމްވަން އިންޑިއާ' ކިޔާ ކުންފުންޏަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ