ބަޖެޓުން ހޭދަކޮށްގެން މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލޭގައި ވެސް އަޅަނީ

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ތެރެއިން ހަރަދުކޮށްގެން އިމާރާތްކުރާ ގޮތަށް ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި ވެސް އިމާރާތް ކުރަން ސަރުކާރުން ނިންމައިފި އެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމަކީ ވައުދެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލް އިމާރާތްކުރަން ކުރިން ނިންމީ ބޭރުގެ އެހީގައި ކަމަށެވެ. އެ ގޮތުން ބޭރުގެ ލޯނުގެ އެހީގައި އެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.ނަމަވެސް ލޯނު ހަމަޖެހި މި މަސައްކަތް ފެށުން ލަސްވަމުން ދިއުމާއި ރާއްޖޭގައި މެންޓަލް ހެލްތުގެ މައްސަލަ ބޮޑުވަމުންދާތީ ސަރުކާރުގެ ބަޖެޓުން މި ހޮސްޕިޓަލް އިމާރާތް ކުރަން ނިންމީ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ ލޯނު އެހީ ލިބުމުން ސިއްހީ ދާއިރާގެ އެހެން ކަމަކަށް ވިޔަސް ހަރަދު ކުރާނެ ކަމަށެވެ. ނަމަވެސް، އެއަށް ހަދާނެ ސީދާ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. "އޮރިޖިނަލީ ލޯނު އެހީގައި އަޅަން ނިންމާފައި އޮތް ހޮސްޕިޓަލް އަޅަން އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓު ހަމަ އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި އެ ކެންސަލް ނުކޮށް، މި ދެންނެވިހެން އެއަށް ފަހުން ގޮތެއް ނިންމާނީ، މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރު،" ރައީސް ވިދާޅުވި އެވެ.އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާށެވެ.މި ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރަން މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފަ އެވެ. ހެލްތް މިނިސްޓްރީން އޭރު ބުނި ގޮތުގައި، އެ ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖައްސަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ