ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 8.7ރ. ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ހޮޓެލް ޖެންގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ.
ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 265 ހިއްސާދާރުން ވަނީ ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފަ އެވެ. މީގެ ތެރޭގައި، 136 ހިއްސާދާރުން އަދި 129 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނެ އެވެ.
ޖުމްލަ 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާ އެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ފަސް ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ތަފްސީލް - މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %1.8 އިތުރު އަދަދެކެވެ.
އެގޮތުން، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ %1.9ގެ ކުރިއެރުމަކާ އެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި 2024އަށް ވުރެ %0.4ގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.7ރ. ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66ރ. އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04ރ. ހިމެނެ އެވެ.
މިދިޔަ އަހަރު ދިރާގުން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލާއިރު:
ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމަށްވާ ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައި ނ. ވެލިދޫގައި ދިރާގުގެ 3 ވަނަ ޑޭޓާ ސެންޓަރު ހުޅުވުން
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 ހައި-ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ސަރުކާރުގެ ފަރާތުން ހަދާނީ ފިލައެއް އެރުވުން؛ މިއާ އެކު، ދުނިޔޭގެ ނިސްބަތުން މި ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
93% މުވައްޒަފުންގެ ބައިވެރިވުމާ އެކު، 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓިފިކޭޝަން ހާސިލުކުރުން
ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބަ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާ އެކު، ކްލައުޑް ކޮމްޕިއުޓިން، ސައިބަ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ހަރުދަނާކުރުން
ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ގޮތުން، ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަޝްރޫއުގައި ބައިވެރިވުމާއި ގޫގަލް އާއި ގުޅިގެން އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު
ދިރާގުގެ ހިއްސާދާރުންނަށް ހިއްސާއަކަށް 8.7ރ. ދޭން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ