ބިލުކުރުމުގައި މައްސަލައެއް ނެތްކަން ޔަގީން، ހޫނާއެކު ކަރަންޓު އުފައްދަންޖެހުނުވަރު ހަމަ އިތުރީ: ފެނަކަ

މިދިޔަ މަހުގެ ބިލުތައް ލިބުނުއިރު އާންމުކޮށް އަރާ އަގަށްވުރެ މަތިވީ، ބިލުކުރުމުގެ މައްސަލައަކުން ނޫންކަން ޔަގީންވާކަމަށާއި، އެއީ ހަމަ ކަރަންޓު އުފެއްދި މިންވަރު އިތުރުވުމުން ކަމަށް ފެނަކައިން ބުނެފިއެވެ. މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯގެ ކަސްޓަމަރުންނާއި، ފެނަކައިގެ ޚިދުމަތް ހޯދާ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު އެންމެ 400 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު، މި މަހުގެ ބިލު މިހާ ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް އަންނަނީ ބިލު ބޮޑުވި ގޮތާމެދު ސުވާލު އުފައްދަމުންނެވެ. https://sun.mv/221129 ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކައިން ބޭނުންކުރާ މީޓަރުތަކަކީ ރަނގަޅަށް މިންކުރެވިގެން ރީޑިންތައް ނެގޭ މީޓަރުތަކެއްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ހޫނު ދުވަސްވަރަކީ މާޗު މަހާއި، އެޕްރީލް މަސް ކަމަށެވެ. މީގެ ކުރިއަށް ބަލާއިރު ވެސް ކޮންމެ ހޫނު މޫސުމެއްްގައި، ހޫނުވާ މިންވަރަކުން ބިލް ބޮޑުވާކަން ފާހަގަވާކަމަށް ނާޝިތު ވިދާޅުވިއެވެ. "ދެން އޭގައި ހަމަ އަޅުގަނޑުމެންނަށް ރަނގަޅު ކޮރިލޭޝަނެއް އެބައިން ބިލްޑުވެފައި ޕާސްޓް ސެވަން ޓު ޓެން އިޔާޒް [މިދިޔަ 10ވަރަކަށް އަހަރު] ތެރޭގައި މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ. އެއާއެކު ހޫނު މޫސުމުގައި މިދިޔަ އަހަރު ވެސް ބިލު ބޮޑުވުމުގެ ޝަކުވާ ލިބުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބިލު ބޮޑުވަނީ ބިލުކުރުމުގައި ހުރި މައްސަލައަކުން ނޫން ކަމަށާއި އެއީ ކަރަންޓު ބޭނުންކުރުން އިތުރުވެ، ޖަނަރޭޓަރުތައް މަސައްކަތްކުރާ މިންވަރު އިތުރުވާތީ ކަމަށް ވިދާޅުވިއެވެ. "އެ އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ސަބަބަކީ، ޕަވާ ހައުސްގެ ޖަނަރޭޝަނަށް ބަލާއިރު ވެސް، ޑީސަލް ޖަނަރޭޝަނަށް ބަލާއިރު ވެސް ހަމަ ކޮންމެ ރަށެއްގައިހެން 25 ޕަސެންޓު އެބަ އިތުރުވޭ ހޫނުމޫސުމަށް. ޑީސަލް ޖެނެރޭޝަނަށް ބަލާއިރު، ޑީސަލް ކޮންސަމްޕްޝަން ވެސް ނޫނިއްޔާ އަޅުގަނﷲިމެން އަންދާ ތެޔޮ އެބަ އިތުރުވޭ އެ ނިސްބަތުން،" ބިލިންގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ