ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް 2026 ފޯރީގައި ކުރިއަށް

ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާތަކެވެ. މުބާރާތުގައި ހިމެނޭ މައިގަނޑު ދެ ގިންތިއަކީ 10 މީޓަރު އެއަރ ރައިފަލް އަދި 10 މީޓަރު އެއަރ ޕިސްޓަލްއެވެ. މި ދެ ބައިންވެސް އަންހެން އަދި ފިރިހެން ކެޓެގަރީތަކުގެ އިތުރުން ޓީމް އިވެންޓްތަކާއި މިކްސްޑް ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ. ކޮންމެ ސްކޫލަކުންވެސް ކޮންމެ ކެޓެގަރީއަކަށް ގިނަވެގެން އަށް ޝޫޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޝޫޓިން އެސޯސިއޭޝަން މިއީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކުރާ ވަރަށް މުހިންމު މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ހިމެނޭ ޝޫޓިންގ ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރާނެ ފަޚްރުވެރި ޒުވާން އެތްލީޓުންތަކެއް ބިނާކުރުމެވެ. މުބާރާތުގެ ކޮލިފިކޭޝަން ބުރުތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ކޮންމެ ޝޫޓަރަކަށްވެސް 10 މިނެޓުގެ ތެރޭގައި 10 ޝޮޓް ޖެހުމުގެ ފުރުސަތު ލިބެއެވެ. މުބާރާތުގެ ފައިނަލް ބުރުތައް ކުރިއަށްދާނީ ވަރަށް ފޯރިގަދަ ފޯމެޓަކަށެވެ. ރާއްޖެ ޖޫނިއާ ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޝޫޓިން އެސޯސިއޭޝަން އެގޮތުން އިންޑިވިޖުއަލް ފައިނަލްތަކުގައި އެންމެ ދަށްކޮށް ސްކޯކުރާ ޝޫޓަރުން އެލިމިނޭޓްވަމުން ގޮސް، އެންމެ ފަހުން މެޑަލްތަކަށް ވާދަކުރާނެއެވެ. ޓީމް އިވެންޓްތަކުގެ ފައިނަލްގައި އެންމެ ފުރަތަމަ 16 ޕޮއިންޓް ހޯދާ ޓީމަކަށް ކާމިޔާބީ ލިބޭނެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ރަން، ރިިހި އަދި ލޯ މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންމެ އުމުރުފުރާއަކުންވެސް އެންމެ މޮޅު ސްކޫލް ހޮވައި، އެ ފަރާތްތަކަށްވެސް ޚާއްޞަ އެވޯޑްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތަކީ ރާއްޖޭގެ ޝޫޓިންގގެ މުސްތަޤްބަލަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެސޯސިއޭޝަނުން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ