ކުރީގެ މެންބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި ޖަމީލް އުސްމާން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ކުރި އިއުލާނުގައި ބުނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރު 10718، އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަނުކޮށްފައިވާ ކަމަށެވެ. ޖަމީލް އުސްމާނަކީ މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ ޓިކެޓުގައި ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. https://x.com/pcb_gov/status/1992541234221691357 އެމްއޭސީއެލްގެ ހިންގުން ހަރުދަނާ ކުރުމަށް މިފަހުން ވަނީ އެމްއޭސީއެލްގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކުން ނުވަޔަކަށް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ޖަމީލް އުސްމާނާއެކު އެމްއޭސީއެލް ބޯޑުގައި އަށް މެންބަރުން ތިއްބަވައެވެ. އެއީ: އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ނޮން-އެގްޒެކެޓިވް ޑައިރެކްޓާ ސަހާ ވަހީދާއި ނޮން-އެގްޒެކެޓިވް ޑައިރެކްޓާ އިބްރާހިމް ސިޔާދު ގާސިމް އެގްޒެކެޓިވް ޑައިރެކްޓާ މުހައްމަދު މިހާދު ނޮން-އެގްޒެކެޓިވް ޑައިރެކްޓާ އިބްރާހިމް މަހުދީ އެގްޒެކެޓިވް ޑައިރެކްޓާ މުޖުތަބާ ލަތީފް މިވަގުތު ބޯޑުގައި އަށް މެންބަރުން ތިއްބެވިއިރު އެމްއޭސީއެލް ބޯޑަށް އަދި އެއް ބޭފުޅަކު އައްޔަނުކުރަން ޖެހޭނެއެވެ. އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައިއިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެމްއޭސީއެލްގެ މެންޑޭޓާ އެއްވެސް ގުޅުމެއް ނެތް ޕްރޮޖެކްޓުތަކެއް ހިންގަން ހަވާލުކުރުމުގެ ސަބަބުން އެ ކުންފުންޏަށާއި ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ