ވޭތުވެދިޔަ 2 އަހަރު އެކި ރަށްރަށަށް މުޅިން އައު 93 ޖެނެރޭޓަރު ފެނަކައިން ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މުޅިން އައު 93 ޖެނެރޭޓަރު ފޮނުވާފައިވާ ކަމަށެވެ. މިކަން ހާމަކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
ނަޖާޙް ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި 93 ޖެނެރޭޓަރުގެ ތެރެއިން 2023 ވަނަ އަހަރު 57 ޖެނެރޭޓަރު ވަނީ ރަށްރަށަށް ފޮނުވާފައެވެ. އަދި މިއަހަރުގެ ތެރޭގައި މިހާތަނަށް 36 ޖެނެރޭޓަރު ފޮނުވާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. މިކަމުގެ ސަބަބުން ގިނަ ރަށްރަށެއްގެ ކަރަންޓުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް ފެނަކައިން ދަނީ ކުރަމުންނެވެ. ނަޖާޙް ވިދާޅުވީ، ރަމަޟާން މަހު ކަރަންޓުގެ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭތީ، މިހާރު 48 ޖަނަރޭޓަރު ގެނައުމަށް ޢިއުލާންކޮށްފައިވާ ކަމަށެވެ. މި ޖެނެރޭޓަރުތައް ގެނެވުމުން ރަމަޟާން މަހުގެ ބޮޑު ޑިމާންޑަށް ފެނަކައަށް ތައްޔާރުވެވޭނެ ކަމަށް ލަފާކުރެވެއެވެ.
ކަރަންޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން، ފެނަކައިން ދަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 48 ރަށެއްގެ ފެނުގެ ޚިދުމަތް ވަނީ ގުޅާދީފައެވެ. އަދި 28 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، އެކި ރަށްރަށުގެ 13 ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ