ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: 1,368 ވަނަ ދުވަހާ ހަމައަށް އައިއިރު ހިނގި މުހިންމު ހާދިސާތަކުގެ އަދާހަމަ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: 1,368 ވަނަ ދުވަހާ ހަމައަށް އައިއިރު ހިނގި މުހިންމު ހާދިސާތަކުގެ އަދާހަމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނީ ފެބުރުއަރީ 24، 2022 ގަ އެވެ. ޔޫކްރެއިންގެ އެތައް ފަރާތަކުން އެއްފަހަރާ ހަމަލާދީ ރަޝިއާއިން ޔޫކްރެއިންއަށް ވަދެގަތީ ޔޫކްރެއިންއަކީ ނޭޓޯގެ މެންބަރަކަށް ވުމަށް ކުރި މަސައްކަތް ހުއްޓުވުމަކީ ރަޝިއާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށް ބުނެ އެވެ. ހަނގުރާމައިގެ ކުރީކޮޅު ދުނިޔޭގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، ރަޝިއާއަށް އެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ނުކުރި އެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުމުގެ ސަބަބުތަކުގައި ނޭޓޯ އަދި އެމެރިކާގެ ބައިވެރިވުން ބޮޑު ނަމަވެސް، ހަނގުރާމައިގެ ތެރޭގައި ނޭޓޯއާއި އެމެރިކާގެ އެހީތެރިކަން ޔޫކްރެއިންއަށް ލިބޭ މިންވަރު ކުޑަކަމަށް ފާހަގަކުރެވެ އެވެ. ހާއްސަކޮށް، އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އައި ފަހުން ޔޫކްރެއިންއަށް އެހީތެރިކަން ދިނުން ވަނީ މަޑުޖައްސާލާފަ އެވެ.
މިއަދަކީ އެ ހަނގުރާމަ ފެށުނު ފަހުން 1368 ވަނަ ދުވަހެވެ. މި މި ލިޔުމުގައި މި ބަލާލަނީ މިހާރުގެ ހާލަތެވެ.
ޔޫކްރެއިން، އެމެރިކާ، އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮފިޝަލުން ޖެނީވާގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގެ މަގްސަދަކީ ރަޝިޔާއާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 28 ނުކުތާގެ ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
އެމެރިކާގެ 'ތޭންކްސްގިވިންގ' ގެ ކުރިން ޔޫކްރެއިނުން މި ޕްލޭން ގަބޫލުކުރުމަށް ގޮވާލެއްވި ޓްރަމްޕް، ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއީ އޭނާގެ ފަހު ހުށަހެޅުން ނޫން ކަމަށެވެ. "އަހަރެމެން ބޭނުންވަނީ ސުލްހަ ގާއިމުކުރަން. ކޮންމެވެސް ގޮތަކުން އަހަރެމެން މިކަން ނިމުމަކަށް ގެންނާނަން،" އޭނާ ވިދާޅުވި އެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރިވާ ކީވްގެ ވަފުދު އެކުލަވާލުމުގެ ގަރާރެއްގައި އޭނާ ސޮއިކުރައްވާފައިވާ ކަމަށެވެ. "ޔޫކްރެއިންގެ ގައުމީ މަސްލަހަތުތައް ދިފާއުކުރާނެ ގޮތާއި ރަޝިޔާއިން ތިންވަނަ ފަހަރަށް އަރައިގަތުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން އަހަރެމެންގެ މަންދޫބުންނަށް ވަރަށް ރަނގަޅަށް އެނގޭނެ،" އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވެ އެވެ. އަދި ރަޝިޔާގެ "ޖަރީމާތަކަށް" ދުނިޔޭގެ ރުހުން ދީގެން ނުވާނެ ކަމަށްވެސް އޭނާ އިތުރުކުރެއްވި އެވެ.
ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ޓްރަމްޕްގެ ޕްލޭނަށް މަރުހަބާ ކީ ނަމަވެސް، އެ ޑްރާފްޓަށް "އިތުރު މަސައްކަތް" ބޭނުންވާ ކަމަށް ވިދާޅުވެފައި ވެ އެވެ. އެ ޕްލޭންގެ ބައެއް ކަންކަމާ ވަރަށް ގިނަ ބޭފުޅުން ދެކޮޅު ހެއްދެވި އެވެ. އޭގެ ތެރޭގައި ރަޝިޔާއަށް ބިން ދޫކޮށްލުމާއި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސައިޒު ކުޑަކުރުން ހިމެނެ އެވެ. "ބާރުގެ ބޭނުންކޮށްގެން ސަރަޙައްދީ ރޮނގުތައް ބަދަލުކޮށްގެން ނުވާނެ ކަމުގެ އުސޫލުގެ މަތީގައި އަހަރުމެން ދެމިތިބެންޖެހޭ،" އެ ބޭފުޅުން ވިދާޅުވި އެވެ.
ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ވަނީ ހަނގުރާމައިގެ ކޮންމެ ހައްލެއްގައިވެސް ޔޫކްރެއިން ބައިވެރިކޮށް، އެ ގައުމުގެ މުސްތަގުބަލު ނިންމުމުގެ އިހުތިޔާރު އެ ގައުމަށް ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. "މި ނިންމުންތަކުގެ އަސަރުކުރާ ގައުމުތަކުގެ ބޮލަށް އަރައިގެން ބޮޑެތި ބާރުތަކަކަށް ހަނގުރާމަތައް ނިންމައެއް ނުލެވޭނެ،" އެމެރިކާގެ ހުށަހެޅުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.
ނޯޑިކް-ބޯލްޓިކްގެ އަށް ގައުމެއްގެ ލީޑަރުން ވަކި ބަޔާނެއް ނެރެ، ޔޫކްރެއިންއަށް އަސްކަރީ އެހީތެރިކަން ދިނުން ހުއްޓާނުލައި، އެގައުމަށް އެއްބާރުލުން ދިނުން މަތީ ދެމިތިބުމަށް ނިންމާފައިވާކަން އިއުލާނުކުރި އެވެ. "ރަޝިޔާއިން ފެށި އަރައިގަތުމުގެ ހަނގުރާމައިގެ ފެށުނީއްސުރެ އަހަރެމެން ތިބީ ޔޫކްރެއިންއާ އެކު. އަދި އަހަރެމެން ދެމިތިބޭނީވެސް އެގޮތުގައި،" އެބޭފުޅުން ވިދާޅުވި އެވެ.
ވޮޝިންޓަން ޑީސީގައި، ކޮންގްރެސްގައި ތިއްބަވާ ޑިމޮކްރެޓުންނާއި ބައެއް ރިޕަބްލިކަން މެންބަރުންގެ ފަރާތުން ވެސް ޓްރަމްޕްގެ ހުށަހެޅުމަށް ދެކޮޅު ހައްދަވަ އެވެ. ސެނެޓަރ އެންގަސް ކިންގް އެ ހުށަހެޅުން ސިފަކުރެއްވީ، އޭނާ ދެކެވަޑައިގެންނެވި އެންމެ ނުބައި އެއް "ޖިއޯޕޮލިޓިކަލް ގޯސް" ގެ ގޮތުގަ އެވެ.
ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ދްނިޕްރޮޕެޓްރޮވްސްކް ސަރަހައްދުގެ ނިކޮޕޮލް ޑިސްޓްރިކްޓަށް މެދުކެނޑުމެއް ނެތި ދިން 60 އަށް ވުރެ ގިނަ ހަމަލާގައި އެކަކު މަރުވެ، ފަސް މީހުން ޒަހަމްކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެ އެވެ. އެ ހަމަލާތަކުގައި އެތައް އިމާރާތެއް ސުންނާފަތިކޮށްލާފައި ވެ އެވެ.
ރަޝިޔާއިން ޔޫކްރެއިންގެ ޒަޕޮރީޒިއާގައި ހުރި ފިހާރައަކަށް ދިން އިތުރު ހަމަލާއެއްގައި ފަސް މީހަކު ޒަހަމުވި އިރު، ރަޝިޔާގެ ބޮމުގެ ހަމަލާތަކުގައި ޚެރްސޮންގައި ދެ އަންހެނުންނާއެކު ތިން މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނީ، ނޮވެމްބަރު 19 ވަނަ ދުވަހު އެ ގައުމުގެ ހުޅަނގުގައިވާ ޓާނޮޕިލްއަށް ރަޝިޔާއިން ދިން ނުރައްކާތެރި މިސައިލް ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ރެސްކިއު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. އެ އޭޖެންސީން ބުނާ ގޮތުގައި، އެ ހަމަލާގައި މަރުވި މީހުންގެ އަދަދަކީ ހަ ކުޑަކުދިންނާއެކު 33 އެވެ. އަދި އިތުރު 94 މީހަކު ޒަހަމުވި އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ، އެ ގައުމުގެ ސިފައިން ޔޫކްރެއިންގެ އިރުމަތީގައިވާ ދެ އަވަށެއް ކަމަށްވާ، ޑޮނެޓްސްކްގެ ޒްވާނިވްކާ އާއި ޒަޕޮރީޒިއާ ސަރަހައްދުގެ ނޯވް ޒަޕޮރީޒިއާ ހިފާފައިވާ ކަމަށެވެ. މި ދައުވާ ކޮށްފައިވަނީ، ރަޝިޔާގެ ސިފައިން ޒަޕޮރީޒިއާގެ 15 އަށް ވުރެ ގިނަ އަވަށް ހިފާފައިވާ ކަމަށް ޔޫކްރެއިންގެ ކީވް އިންޑިޕެންޑެންޓް ނޫހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެ ނޫހުން މި މައުލޫމާތު ނަގާފައިވަނީ ފިންލޭންޑްގެ އޯޕަން-އިންޓެލިޖެންސް ކޮލެކްޓިވް، ބްލެކް ބާޑް ގްރޫޕާ ހަވާލާދީ އެވެ.
ޑޮނެޓްސްކްގެ ޕޮކްރޮވްސްކް ރަށަށްޓަކައި ހިނގަމުންދާ މަސްތަކެއް ވެފައިވާ ހަނގުރާމަވެސް ކުރިއަށް ދިޔައިރު، ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ސިފައިން ވަނީ އެ ރަށުގެ އެކި އަވަށްތަކުގައި ޔޫކްރެއިންގެ ސިފައިންގެ ފައުޖުތައް 'ވަށާލައި ރަހީނުކޮށްފަ' އެވެ.
އެހެންނަމަވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ، އެ ރަށުގެ މެދަށް ދިއުމަށް ރަޝިޔާއިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި، ޕޮކްރޮވްސްކްގެ އުތުރުގައި އެ ގައުމުގެ ސިފައިން ވަނީ ކަނޑައެޅިފައިވާ ސަރަހައްދުތައް ދިފާއުކުރަމުން އަންނަ ކަމަށެވެ.
ރަޝިއާ އަދި ޔޫކްރެއިން ހަނގުރާމައިގައި ބައިނަލްއަގުވާމީ މުޖުތަމައުއަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ގޮންޖެހުމަކީ ސައްހަ މައުލޫމާތު ނުލިބުމެވެ. ހަނގުރާމަ ކަވަރު ކުރުމަށް މިނިވަން މީޑިއާތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ހަނިކޮށްފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުއިން ބަރޯސާވަމުން ދަނީ ދެ ގައުމުގެ ރަސްމީ މީޑިއާތަކުން ފަތުރާ ހަބަރުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ