ސަރުކާރުން ޓެކްސީގެ ހިދުމަތް ނުފެށުމަށް އަނެއްކާވެސް ގޮވާލައިފި

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ޓެކްސީގެ ހިދުމަތްދޭ މިހާރު ދެމުން އަންނަ ފަރާޔްތަކުގެ އިތުރުން އެކަމުން ދައުލަތުގެ މާލިއްޔާ އަށް ވެސް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުން ލިބޭނެ ބުނެ، އެކަން ހުއްޓާލަބް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން މަސައްކަތް ކުރާއިރު އެކަން ކުރަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ނުވާތީ އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ތައްޔާރުވާއިރު ޓެކްސީގެ ހިދުމަތް މިވަގުތު ފޯރުކޮށްދޭ އަމިއްލަ ސެންޓަރުތަކާއި އެޕްތައް ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ހިޔާލު ހޯދަންޖެހޭ މިންވަރަށް ހޯދާފައި ނުވާ ކަމަށްވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ."[ސަރުކާރުން ފަށާ] ޓެކްސީ ފްލީޓުގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ހާސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރުކޮށް އަދި ދިވެހި މާލިއްޔާއަށް އިއާދަކުރަން ދަތި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދޭނެ،" ސިޓީގައިވެ އެވެ.ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފަށައިފިނަމަ ފުރަތަމަ އަހަރުވެސް މުސާރައާއި މެއިންޓެނަންސަށް 150-200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ އެވެ. ސިޓީގައި ބުނީ ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމުގައި 3،000 އެއްހާ ޑްރައިވަރުން މި ވަގުތު ވެސް ހަރަކާތްތެރިވަމުން އަންނަ އިރު، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ އާއި މާކެޓް އެސެސްމެންޓްތަކެއް ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމުން ދޭހަ ވަނީ ޓެކްސީ ޑްރައިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބިދާނެ އަނިޔާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާކަން ކަމަށް ވެސް ބުންޏެވެ.ދުނިޔޭގެ އެކި ކަންކޮޅުގައި ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ސަރުކާރުގެ ޓެކްސީ ލައިނެއް އުފައްދައި ހިދުމަތް ދިނުމުގެ މަސައްކަތް ފެށި ނަމަވެސް، އެކަން ކުރިއަށް ގެންދެވިފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ކެންޔާ، މެކްސިކޯ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދޭން ފެށުމަށްފަހު ހުއްޓާލަން ޖެހިފައިވާ ކަމަށް ސިޓީގައިވެ އެވެ.ނަމަވެސް، މި ކަންކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މުވައްޒަފުން ހޯދަން އިއުލާންކޮށްފައި ވާތީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.މި ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމުމާ ގުޅިގެން މީގެ ކުރިން ވެސް ޑްރައިވަރުންނާއި އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށް، މިނިސްޓަރު އަމީން އިސްތިއުފާ އަށް ވެސް ގޮވާފައިވެ އެވެ.މާލެ ސަރަހައްދުގައި ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ. މިއީ މި ހިދުމަތް ފަށަން ސަރުކާރުން ދިން 3 ވަނަ ތާރީހެވެ.އެންމެ ފުރަތަމަ މި ހިދުމަތް ފެށުމަށް ސަރުކާރުން ދިން ތާރީހަކީ ޖުލައި މަސް ތެރޭގަ އެވެ. ނަމަވެސް ސަރުކާރުން ބުނި ގޮތަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ހިދުމަތް ނުފެށި އޮގަސްޓް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ހިދުމަތް ފަށާފައި ނުވާ އިރު މިކަމާއި ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ