ބޭހަށް ޚާއްސަ ކުންފުނި އުފެއްދިތާ ދެ މަސް, ބޭސް ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް ބޮޑު!

މިއަދު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައްކަނީ ތުއްތު ކުއްޖަކަށް ބޭސް ހޯދުމަށް ފަނަރަ ފާމަސީއަކަށް ގޮސްގެން ވެސް އެއްވެސް ތަނަކުން އެކުއްޖާއަށް ބޭނުންވާ ބޭސް ނުލިބުނު ވާހަކައެެވެ. މި ޕޯސްޓު ލިޔުނު މޯލްޑިވިއަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނީފާ ވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގެ ފާމަސީތަކުން ވެސް ހޯދަން އުޅުނު ބޭސް ނުލިބުނުކަން ފާހަގަކޮށްފައެވެ. ޖެނީފާ ގޮތަށް އެހެން މީހުން ވެސް ދަނީ އެކި ވައްތަރުގެ ބޭސްތައް ނުލިބިގެން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ހަކުރު ބަލީގެ ބަލި މީހުންނާއި އެހެނިހެން ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުން، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތައް ހިމެނެއެވެ. https://x.com/JenniferAishath/status/1992475730048160065 އޮޓޯ އިމިއުން ބައްޔަކަށް ފަރުވާ ހޯދަމުންދާ ބަލިމީހެއް މައުލޫމާތުދިން ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ 'ސިމްޕޮނީ' ބްރޭންޑްގެ 'ގޮލިމުބެބް' އިންޖެކްޝަން ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ކުރިން އެސްޓީއޯއިން ހަ މަހުން ގެންނަ ބޭސް މިހާރު އެތެރެކުރަނީ އަށް މަހުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެސްޓީއޯ އިން އެ ބްރޭންޑުގެ 'ގޮލިމުރެލް' ވިއްކި ފަހުން އޭނާގެ ހާލަތު ގޯސްވެ، އިންޑިއާއަށް ދާން ޖެހުނު ކަމަށް ބަލިމީހާ ބުންޏެވެ. އިންޑިއާއަށް ދިއުމުގެ ތެރެއިން މި ބޭހަކީ ފޭކު ބޭހެއްކަން އެތަނުގެ ޑޮކްޓަރުން އެންގި ކަމަށް އެ ބަލިމީހާ ބުންޏެވެ. އަދި އެ މައްސަލަ އެސްޓީއޯއަށް ހުށަހެޅި ކަމަށް ވެސް އޭނާ ބުންޏެވެ. ކަން މިހެން އޮތްއިރު، ރާއްޖެއަށް ޔޫރަޕުން ބޭސް ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޒައާމަތުގެ ކުރީކޮޅުގައި ވެވަޑައިގަތް ވައުދުފުޅެކެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަކޮށް ސަރުކާރުން ވަނީ ނިމުނު ސެޕްޓެމްބަރު މަހުގައި ކުންފުންޏެއް ވެސް އުފައްދާފައެވެ. https://www.sun.mv/212484 "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު "ސަން" އަށް ވިދާޅުވީ އެކުންފުނީގެ މަސައްކަތްތައް ފަށަން އަދި ތިން މަސް ވަރު ނަގާނެ ކަމަށެވެ. ޝާހު ވިދާޅުވީ، މި ވަގުތު ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި، މި ވަގުތު ކުރިއަށް ދަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. ޝާހު ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ގިނަ މަސައްކަތްތަކެއް ކުރާއިރު ބޭސް އެތެރެކުރުމުގެ މަސައްކަތަށް މުޅިން ސަމާލުކަން ނުދެވޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، ބޭހުގެ މަސައްކަތަށް ވަކި ކުންފުންޏެއް އޮތުމުގެ ސަބަބުން ބޭހުގެ އަގުތައް ރަނގަޅުވެ، ބޭސްތައް ލިބުން ކުރިއަށްވުރެ އަވަސްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކުންފުނިން ބޭހުގެ އެންމެހާ ކަންކަމާ ހަވާލުވުމުން، ފާމަސީތައް ހިންގުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ. https://sun.mv/212402 އެންސްޕާއިން "ސަން" އާ ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި، ބައެއް ހާލަތުގައި ބޭސް ނުލިބެން ދިމާވާ އެކި ސަބަބުތައް ހުރެއެވެ. އޭގެތެރެއިން އެއް ސަަބަބަކީ، ޑޮކްޓަރު ލިޔެދޭ ބޭހަކީ ރާއްޖޭގައި ނެތް ބޭހަކަށް ވުމެވެ. ނުވަތަ އެ ބޭހެއް ރާއްޖޭގައި ރެޖިސްޓާކޮށްފައި ހުއްޓަސް، ބޭހެއް ލިބެން ނެތުމެވެ. އޭގެ އިތުރަށް، ރެޖިސްޓާކޮށްފައި، ބޭސް ލިބެން ހުއްޓަސް އާސަންދަ ނުލިބޭ ބޭސްތައް ވެސް އެބަހުރެއެވެ. އަދި އާސަންދަ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް ފާމަސީތަކުން ލިބެން ނުހުންނަ ބޭސް ވެސް ހުރެއެވެ. ބޭސް ނުލިބުމުގެ މައްސަލައާ ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު "ސަން" އަށް ވިދާޅުވީ މިހާރު އެކުންފުނިން ދަނީ އެކަންތައް ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތައް ކަމުގައިވާ އެސްޓީއޯ ފާމަސީއާއި އެންސްޕާއާ ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ/ ރައީސް އޮފީސް ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ. އާ ކުންފުންޏެއް އުފެއްދިއިރު، މިކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި މީހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުން އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށާއި، ލިބޭނީ ވެސް އިތުރު އުނދަގޫކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ވިދާޅުވެފައެވެ. ރެޖިސްޓާކޮށްފައި، ބޭސް ލިބެން ހުއްޓަސް އާސަންދަ ނުލިބޭ ބޭސްތައް ވެސް ހުރެއެވެ. އަދި އާސަންދަ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް ފާމަސީތަކުން ލިބެންނުހުންނަ ބޭސް ވެސް ހުރެއެވެ. އެހެންކަމުން ރައްޖެއިން ނުލިބޭ ބޭސް ރައްޔިތުންނަށް ފޯރުކޮށްދެމުން ދަނީ އެސްޓީއޯ މެދުވެރިކޮށް، އެންސްޕާއިން ފަންޑުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ