ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން، ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅެންޖެހޭ: އެމްޑީއޭ

ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން ކަމަށާއި، ކުޑަކުދިން ހިންގާ އަނިޔާވެރި ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގާނޫނުގައި ސާފު އުސޫލުތައް ކަނޑައަޅާފައިވާއިރު، އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ބުނެފިއެވެ. އެމްޑީއޭއިން އެފަދައިން ބުނެފައިވާއިރު މެދުރާއްޖެ ތެރޭ ރަށެއްގައި އެންމެ 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ ބަލަން ފަށައިފައެވެ. އިއްޔެއާއި މިއަދު، މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކަކަށް އަމާޒުކޮށްގެން ދެވުނު ހަމަލާތައް އެމްޑީއޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި އެ ހާދިސާތަކުގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށް އެ ޕާޓީން ވަނީ އެފަދަ ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލައިފައެވެ. އެމްޑީއޭއިން ބުނި ގޮތުގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކު މަޣުރިބު ނަމާދަށް މިސްކިތަށް ދަނިކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 އަހަރުގެ ދެ ކުއްޖަކު ވަނީ ހަމަލާދީފައެވެ. މި ހަމަލާގައި އެ ކުއްޖާ ލައްވާ ގަދަކަމުން ސިނގިރޭޓު ބޯން މަޖުބޫރު ކުރުވަން މަސައްކަތްކޮށް، ސިނގިރޭޓު އެ ކުއްޖާގެ ގައިގައި ޖެއްސުމަށްފަހު ފިއްސާލާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެ ވާހަކަ ދައްކައިފިނަމަ އެ ކުއްޖާ މަރާލާނެ ކަމަށް ބުނެ ބިރުވެސް ދައްކާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އެކަމުގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއްކޮށް، ބިރުން އެއްވެސް ވާހަކައެއް ދެއްކުމަށް ނުކުޅެދިފައި ކަމަށް ބުނެ އެމްޑީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ހަމައެހެންމެ މިއަދު ހެނދުނު، އިއްޔެގެ ހަމަލާގައި ބައިވެރިވި އެއް ކުއްޖަކު ވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ ކްލާސްރޫމެއްގެ ތެރޭގައި އެހެން ދަރިވަރެއްގެ ކަރުގައި ހިފައި އަނިޔާކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި. ދެވަނަ ފަހަރަށް އަނިޔާ ލިބުނު ކުއްޖާއަކީ، އިއްޔެ މަޣުރިބު ނަމާދަށް ދިޔަ ކުއްޖާއާއެކު ދިޔަ [އެހެން] ކުއްޖެއް،" އެމްޑީއޭއިން ބުންޏެވެ. އެމްޑީއޭއިން ބުނީ އެފަދަ ނުރައްކާތެރި އަނިޔާވެރި އަމަލުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ. "ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ފަރާތުން މިފަދަ މައްސަލަތައް ތަކުރާރުކޮށް ފެންނަމުންދިޔުން މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމާއި، އެކުދިންގެ ކަންކަން މޮނިޓާކޮށް، އެކުދިން އަލުން މުޖުތަމައަށް އަނބުރާ ގެނައުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވާ ކަމެއް،" އެމްޑީއޭއިން ބުންޏެވެ. ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކޮށް އެމްޑީއޭއިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުނުވެ، އެކަށީގެންވާ ގޮތެއްގައި އެފަދަ ކުދިން ބަލަހައްޓަމުން ގެންދިޔުމަކީ އަދި އެހެން ފަރާތްތަކަށް އެކުދިންގެ ފަރާތުން ނުރައްކަލެއް ވުމުގެ ފުރުސަތު ނުދިނުމަކީ ދައުލަތުގެ ގާނޫނީ އަދި އަޚުލާގީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ޖެންޑާ މިނިސްޓްރީން އެކަމުގެ ޒިންމާ އަވަހަށް ނަގައި، ކުދިން ބެލެހެއްޓުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް އެމްޑީއޭއިން ވަނީ ގޮވާލައިފައެވެ. އެމްޑީއޭއިން ވަނީ އެ ދެ ހާދިސާ ވެސް ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަވަސް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ގޮވާލައިފައެވެ. ވަކިން ޚާއްސަކޮށް ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށާއި، ކުޑަކުދިން ހިންގާ އަނިޔާވެރި ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގާނޫނުގައި ސާފު އުސޫލުތައް ކަނޑައަޅާފައިވާއިރު އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެ ޕާޓީން ބުންޏެވެ. "މި ނުތަނަވަސް ދަނޑިވަޅުގައި މިކަމުގައި އަނިޔާ ލިބުނު ކުދިންނާއި އެކުދިންގެ އާއިލާތަކާއެކު މި ޕާޓީން ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. އަދި އަނިޔާ ލިބުނު ކުދިންނަށް ވަގުތުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ޕާޓީން އިލްތިމާސްކުރަން،" އެމްޑީއޭއިން ބުންޏެވެ. https://www.sun.mv/214279 މި ހާދިސާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގެ ރިޕޯޓު ލިބި، ސޯޝަލް މީޑިއާގައި މި މައްސަލައިގެ ވާހަކަ ދެކެވުމުގެ ކުރިން، މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ކުޑަކުދިންނާ ގުޅޭ މި ފަދަ މައްސަލަތަަކަކީ މިނިސްޓްރީން އިސްކަންދީގެން ބަލާނެ ކަންކަން ކަމަށެވެ. އަދި އަބަދުވެސް ހުރިހާ ކުޑަކުދިންގެ ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ބުންޏެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަތޮޅުތެރޭ ރަށެއްގައި, ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ދާ ކުދިންތަކެއް, އެ ރަށު, އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް އިއްޔެ އިރުއޮއްސި 18:35 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް, އޮފިޝަލް ވިދާޅުވިއެވެ. ފުރާވަރަށް އަރަމުން އަންނަ ކުޑަކުދިންގެ ފަރާތުން އެ ކުދިންނަށްވުރެ ހަގު ކުދިން ބުލީކުރުން ފަދަ ކަންކަން ރާއްޖޭގައި މަދުން ނަމަވެސް، އަންނަނީ ފެންމަތިވަމުންނެވެ. ސްކޫލު މާހައުލާއި، މިސްކިތް ފަދަ ތަންތަނުގައި ވެސް މިފަދަ ކަންކަން ދޭތެރެދޭތެރެއިން ހިނގައެވެ. އަދި މައްސަލަ ބަލައި އެ ކަންކަމުގައި ހިމެނޭ ކުދިންނަށް ނަފްސާނީ އެހީ ފަދަ ކަންކަން ފޯރުކޮށްދެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ