އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބެނީ އަދުލު އިންސާފު ހޯދައި ނުދޭތީ: ކުޑޫ

އާ ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވަނީ އަދުލު އިންސާފު ހޯދައިނުދޭތީ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އަދުލު އިންސާފު ގާއިމުކުރުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، މެންބަރުންގެ ޚިޔާލު ހޯދަން ގަރާރެއް ހުށަހަޅުއްވާފައެވެ. ގަރާރަށް ބަހުސްކުރައްވަމުން ކުޑޫ ވަނީ އެއްވެސް ސަރުކާރެއްގައި އަދުލު އިންސާފު ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން ނިޒާމުތައް ރާވަނީ ވެސް ބޮޑެތި ކުށްވެރިންނަށް ސަލާމަތްވެވޭ ގޮތަށް އަދި ވެރިން ބޭނުންފުޅުވާ ބަޔަކު ސަލާމަތްކުރެވޭ ގޮތަށެވެ. https://sun.mv/214463 "ގާނޫނު ހުރި ގޮތަށް ހުއްޓައި ކޮންމެ ކަމެއް ކޮށްފައި ވެސް ސަލާމަތްވުމުގެ އުންމީދު އަޅުގަނޑުމެންގެ އޮވޭ. ވައްކަމެއް ކޮށްފައި ވެސް ސަލާމަތްވާންވީ. ކުޑަކުއްޖަކާ ބެހިފައި ވެސް ސަލާމަތްވާންވީ. މިއީ އަޅުގަނޑުމެން މިހާރު ވެސް ދެކެމުންދާ މަންޒަރުތައް،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ. "ދައުލަތުގެ ފައިސާއަށް މިލިއަނުން ޚިޔާނާތްތެރިވާ މީހުން އަވައްޓެރި ގައުމުތަކުގައި ބޮޑެތި ސިންގާ އެޕާޓްމަންޓްތައް ހިފައިގެން އުފަލުގައި ދިރިއުޅެމުން ދަނީ،" އޭނާ ވިދާޅުވީ، މިއީ ލަދުހުތުރު މަންޒަރެއް ކަމަށެވެ. އެކަމަކު، ކުރާނެ ކަމެއް އަދި ދާނެ ތަނެއް ވެސް ނެތް ކަމަށް ކުޑޫ ގަބޫލުކުރައްވައެވެ. އެއަށް ފަހުގައި އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިހާރު ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ޖުމުލަ ހަ ބޭފުޅުން ދުނިޔޭގައި ތިއްބެވި ކަމަށެވެ. އެކަމަކު، އެއިން އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވީ އިންސާފު ހޯދައި ނުދޭތީ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މެންބަރު ކުޑޫ: އޭނާ ވަނީ އިންސާފު ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލީސް "ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު،" އޭނާގެ ޚިޔާލު ފާޅުކުރެއްވިއެވެ. "އުޑުގެ ވާހަކަ ގޮވާ ހިސާބަށް އިމާރާތެއް އެޅުއްވީ [ކުރީގެ] ރައީސް [އަބްދުﷲ] ޔާމީން. ނުހޮވިއެއްނުންތޯ؟ [ކުރީގެ ރައީސް] އިބްރާހިމް މުހައްމަދު ޞާލިޙް 9،000 ގޯތި ދެއްވީ. ނުހޮވި އެނގޭތޯ. މިއަދު އަޅުގަނޑުމެން ކީއްތޯ މި ކުރަނީ؟" އޭނާ ވިދާޅުވީ، ތާރީޚަށް ބަލާއިރު ރައީސް މުއިއްޒަށް ވެސް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ، ދެއްކުންތެރިކަމުގެ ބަދަލުގައި 'ކަމަކަށް ވާކަހަލަ ކަމެއް' ކުރަން އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ. އާ ގާނޫނުއަސާސީގައި ދަށުން ރާއްޖޭގައި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައެއް ނުގަންނަވައެވެ. އެގޮތުން، 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންއިރު، އެ މަނިކުފާނުގެ ވެރިކަން 2012 ގައި ވެއްޓުނެވެ. އެއަށް ފަހު ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަން ކުރެއްވިއިރު ދެ ބޭފުޅުން ވެސް 2013 ގައި ވާދަކުރެއްވިއެވެ. އެކަމަކު، އެ ފަހަރު ވެރިކަމަށް ވަޑައިގަތީ ޔާމީނެވެ. އޭގެ ފަހުން 2018 ގައި ޔާމީނަށް ނާކާމިޔާބުވިއިރު ވެރިކަމަށް ވަޑައިގެންނެވީ ޞާލިޙެވެ. އެ މަނިކުފާނަށް ވެސް 2023 ގައި ނާކަމިޔާބުވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ