ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތ. ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކަނޑޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ހުރިހާ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ، ބައްލަވަމުން ގެންދަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު އަޅުގަނޑުމެންނަށް މި ރަށަށް ހެނދުނުގެ ވަގުތު އާދެވުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ކަނޑޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މި ރަށުގެ ތަރައްޤީއާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް އަޅުގަނޑު ވާނެ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބައެއް ވަޢުދުތައްވެފައި. އަދި އޭގެ އިތުރަށްވެސް، ފަހުންވެސް އެކަމާ ގުޅޭގޮތުން އަޅުގަނޑުވާނެ ކަންތައްތައް ކޮށްދިނުމާ ބެހޭގޮތުން ވަޢުދުތައްވެފައި.
މި ރަށުގައި މައިގަނޑު ގޮތެއްގައި މިހިރީ އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ކޮންމެވެސްވަރަކަށް ކުރިއަށްގޮސްފައި ހުއްޓިފައި ހުރި މަޝްރޫޢުތަކަކާއި، އަލަށް ފަށާ މަޝްރޫޢުތަކަކާ. ހުއްޓިފައި މިހިރީ އެންމެ އުނދަގޫވާ އެއް ކަންތައް. އެއީ، ފެނާއި ނަރުދަމާގެ މައްސަލަ. މިކަމާ ގުޅޭގޮތުން އަޅުގަނޑު ޔަޤީންކަން ފުރަތަމަ ދޭން ބޭނުންވަނީ، މިކަމަށް އަޅުގަނޑުމެން ވަރަށް އަވަހަށް މައްސަލަ ހައްލުކޮށްދޭނަމޭ. މިކަމުގައި، މި މަޝްރޫޢުގައި ވެފައި އޮތް ގޮތަކީ، މި ގޮތަށް ހަމަ މި ރަށުގައި މަސައްކަތްކުރާ ކުންފުނިން، ރާއްޖޭގެ ހަމަ ވަރަށް ގިނަ އެހެން ރަށްތަކުގައިވެސް މަސައްކަތްތައް އޭރު އޮތީ ފަށާފައި. ދެން އެކި ސަބަބުތަކާ ހެދި، އެ ބޭފުޅުންގެ މަސައްކަތްތައް، ވެރިކަން ބަދަލުވުމާ ގުޅިގެން މަޑުޖެހެމުންގޮސް، ދެން އޭރުގައި ވަރަށް ގިނަ ރަށްރަށުގައި މިދިޔަ އަހަރުގެ ކުރީކޮޅު، މެދުތެރެއަކާ ހަމައަށް ދަންދެން، އަދި ބައެއް ރަށްރަށުގައި، އަހަރުގެ ފަހުކޮޅަށް ދަންދެން ހަމަ ހުއްޓިފައި ހުރީ. ސަރުކާރުން ކޮންމެވެސްވަރަކަށް މީގެ ބައެއް މަޝްރޫޢުތަކުގައި ޕޭމަންޓްތައް ދޭން ހުރި. އަދި ޕޭމަންޓްތައް ދޫކުރަމުންގޮސް، ބައެއް ރަށްރަށުގައި މަސައްކަތްތައް މިހާރު ފެށި، ނިމުމަކާ ހަމައަށްވެސް އެބަދޭ.
އެހެންވީމާ، އަޅުގަނޑުމެން މި ރަށުގައިވެސް ފުރަތަމަ ބެލީ ހަމަ އެގޮތަށް ކުރިއަށް ގެންދަން. ޓާރމިނޭޓް ކުރުމަކީ، އާ ބަޔަކަށް ހަވާލުކުރުމަކީ، އެންމެ ރަނގަޅުގޮތް ކަމަށް ނުވާތީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދެނީ، އެ ބަޔަކު ލައްވައި މަސައްކަތް ނިންމޭތޯ. މި ރަށުގެ ޞިއްޙީ މަރުކަޒަށްވެސްވީ އެގޮތަށް.
ނަމަވެސް، އަޅުގަނޑުމެން މިހާރު ޑިޒިޝަނެއް މޭކްކުރާ ހިސާބަށް ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެން ދާދި އަވަހަށް ހަމަ މި ދަތުރަށްފަހު، ޙަޤީޤަތުގައި މި ދަތުރުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކަންތައްތަކެއް އެނގިއްޖެ. އަޅުގަނޑުމެންނާ އެ ކުންފުނިން ސަރުކާރަށް، ކަމާބެހޭ ވުޒާރާއަށް، ރައީސް އޮފީހަށް ލިބިފައިހުރި މަޢުލޫމާތާއި، މި ތަނުގައި މަސައްކަތް ހިނގާފައި އޮތްވަރާ، ވަރަށް ތަފާތު. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތަށް ދަންނަވާލާނަން. ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށްވެސް އަދި ރައީސް އޮފީހަށްވެސް މަޢުލޫމާތު ލިބިފައި އޮތީ، 96 ޕަސެންޓް މަސައްކަތް ނިމިފައި ކަމަށް. އެހެންވީމާ، އަޅުގަނޑުމެން ބެލީ އެ މީހުން ލައްވައި މަސައްކަތް ނިންމައި، ކޮމިޝަން ކުރަން.
އެހެންނަމަވެސް، އަޅުގަނޑުމެން އައިމާ، މިއަދު އެނގިގެން ހިނގައްޖެ ހަމަ ވަރަށް ބޮޑުތަނުން އަދި އެއަށްވުރެ މާ ފަހަތުގައިކަން އުޅެނީ. އެއީ ދެން ހަމަ އަޅުގަނޑުމެން ވަރަށް ސީރިއަސް ގޮތެއްގައި އެކަން ނަގައި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ފައިނަލް ޑިޒިޝަނަކަށް ދާނަން. މާނައަކީ، ޓާރމިނޭޓް ކުރަންޏާ ކޮށްފައި، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ.އާ ހަވާލުކޮށްގެން، އަވަހަށް މޮބިލައިޒްކޮށްގެން، ބާކީ މަސައްކަތް ނިންމާލުން. ނުވަތަ އެމީހުން ކުރާކަމަށްވަންޏާ، އެމީހުން ލައްވައި ހަމަ ގެންގޮސް ނިންމުން. މި ދެ ގޮތުންކުރެ ކަމެއް، ވަރަށް އަވަހަށް، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުމުގެ ހުރިހާ ޑިޒިޝަންތަކެއް ނަގައި އެކަން ކުރުވާނަން.
އެހެންވީމާ، އަޅުގަނޑުމެން މިކަމަށް، މި ދެންނެވި ގޮތަށް ސަމާލުކަން ދޭނަން އެކަން ކުރުމުގައި. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރާނީ މި ގޮތަށް. އެހެންވީމާ، މިކަން ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ސާފުކޮށްލަދިނީ. އިރާދަކުރެއްވިއްޔާ، އެކަން ރަނގަޅުކޮށްދޭނަން.
ދެން މިއޮތީ ޞިއްޙީ މަރުކަޒުގެ ވާހަކަ. މިކަންވެސް ފުރަތަމަ ބެލީ، ކުރަމުންދިޔަ ފަރާތް ލައްވައި މަސައްކަތް ކުރެވޭތޯ. ދެން އެހެންނަމަވެސް، އެކަމެއް ނުވި. ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސް މި ބެލީ، ކޮންޓްރެކްޓަރު ލައްވައި މަސައްކަތް ކުރަން. ޢިމާރާތް ކުރުމުގެ މިކަހަލަ މަޝްރޫޢުތަކުގައި ހުރީ ފައިސާދިނުމުގެ މައްސަލައެއް ނޫން ދިމާވެފައި. މީގެ ގިނަ ރަށްރަށުގައި ހުރީ ހަމަޔަށް ފައިސާ ދީފައި. އަދި ބައެއް ރަށްރަށުގައި މަސައްކަތަށްވުރެ އިތުރަށްވެސް ފައިސާދީފައި އެބަހުރި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި. މަސައްކަތް ހިނގާފައި އޮތް ޕަސެންޓޭޖަށްވުރެ އިތުރަށް ފައިސާ ދީފައި.
އެހެންވީމާ، ވަރަށް ބޮޑަށް އޮޅުންބޮޅުންތަކުގައި މިކަހަލަ މަޝްރޫޢުތައް ހުރީ. ކޮންސްޓްރަކްޝަން، ޢިމާރާތް ބިލްޑިންގ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި. ދެން އެހެންވީމާ، އަދި އަމުދުން ދަތިވެގެން ގޮސްފައިވަނީ، އެމީހުން ލައްވައި މަސައްކަތް ކުރުވަންވެސް. އެއީ، އެމީހުންނަށް ފައިސާ ލިބިފައި ހުރީމަ. ކޮންޓްރެކްޓަރ ދެން ފިލަނީ، އާދައިގެ ގޮތަކަށް ދަންނަވަންޏާ. ނޫނީވިއްޔާ ދެން ޚަބަރެއް ނުވަނީ.
އެހެންވީމާ، މިކަމުގައި ތާށިވެފައި އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށުގައި ސްކޫލް، ހެލްތު ސެންޓަރ، މަޝްރޫޢުތައް ހުރީ. ދެން މިހާރު އަޅުގަނޑު މިއޮތީ ޓާރމިނޭޓް ކޮށްފައި މިހާރު. ކޮންމެގޮތެއްވިޔަސް، ޤާނޫނުގައި އޮންނަ އުޞޫލުތަކުގެ ތެރެއިން. މާގިނަދުވަސްވީމަ. މިހާރު ސަރުކާރުން އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރަން ނިންމާފައި މިއޮތީ. އެމް.ޓީ.ސީ.ސީ. އިން މި ރަށުގައި އެހެން މަސައްކަތަކަށް މިއަދު އެ މަސައްކަތް ފަށައިގަންނަން ސޮއިކުރެވިގެން ދިޔުމާ އެކީގައި، އާރު.ޑީ.ސީ.ވެސް މި ރަށުގައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުގެ ކުންފުންޏަކުން މިތަނުގައި މޮބިލައިޒްވެގެން ފަސޭހަކަމާއެކީ ކުރެވޭނެތީ. މިހާރު މިއޮތީ އެމް.ޓީ.ސީ.ސީ.އިން ހަވާލުވާން ނިންމާފައި.
އެހެންވީމާ، ދާދި އަވަހަށް ފިޒިކަލް ވަރކް ރީސްޓާޓްވާނެ. ދެން މިހާރު އެހެރަ ހަދަން ފަށާފައި އޮތް ސްކޯޕަށްވުރެ އިތުރަށް، އަޅުގަނޑުމެން ފުރިހަމަކުރާނަން. އެ ދެ ބުރިއަށް ހުރި ތަނެއް، އެއް ބުރިއަށް ކުރުކުރުމެއް މިކަހަލަ އެއްވެސް ކަމެއް ނުހިނގާ. އެކަހަލަ ވާހަކައެއްވެސް އަޑުއިވުނު. އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑުމެން ކުރާ މަސައްކަތެއްވިއްޔާ ކުރިއަށްވުރެ ފުރިހަމަ މި ކުރަނީ.
މިސާލަކަށް، ދަނޑުތައް. ދަނޑުތައް މިއީ ދެން ކޮންމެހެން މި ރަށާ ގުޅޭ ވާހަކައަކަށް ނުވެދާނެ. ދަނޑުތަކުގައިވެސް ހުރީ ކުރީގައި، އެއްބަޔަކަށް ސަބްބޭސް ހަދަންދީފައި ހުރެދާނެ. އަނެއް ބަޔަކަށް ޓާރފް އަޅަންދީފައި ހުރެދާނެ. ދެން އަދި އެހެން ބަޔަކަށް ފެންސްޖަހަން. އަދި އެހެން ބަޔަކަށް ލައިޓްޖަހަން. އަދި ގިނަ ތަންތާނގައި ފެންސާއި ލައިޓާ ހަވާލުކޮށްފައިވެސް ނެތް.
އަޅުގަނޑުމެން މިހާރު މި ހަދާގޮތަކީ، ހުރިހާ ދަނޑެއް ނިންމަނީ، ރޭގަނޑުވެސް ކުޅެވޭގޮތަށް ފެންސުޖަހާ. މި ކަހަލަ ގޮތަކަށް ހުރީ މަޝްރޫޢުތައް. އެހެންވީމާ، މި އޮޅުންބޮޅުންގަނޑުގެ ތެރޭގައި، ނޫނީވިއްޔާ އާންމުކޮށް އޮންނަ ބެސްޓް ޕްރެކްޓިސްއިން ނޫންގޮތަށް ހުރީމާ ހަމަ ވަރަށް ދަތިވެގެންދިޔަ، އަޅުގަނޑުމެން އުޞޫލު ތެރެއިން ކަންކަންކުރުމުގައި ކުރާ ބައެއްވީމާ، މިކަންކަން ރީސްޓާޓް ކުރުމުގައި. އެހެންވީމާ، މި ރަށުގައިވެސް މި ދެންނެވިހެން އަޅުގަނޑުމެން ދަނޑުތައްވެސް އިތުރަށް ފުރިހަމަކުރާހެން ހެލްތު ސެންޓަރުވެސް އިތުރަށް ފުރިހަމަކުރާނެ ކޮންސެޕްޓް.
އެހެންވީމާ، އަޅުގަނޑު ހަމަ ކުރު ޖަވާބަކަށް، އޭގައި ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ މަރުކަޒުގެ މަޝްރޫޢު ދާދި އަވަހަށް ފެށިގެންދާނެ. އެމް.ޓީ.ސީ.ސީ.އިން މަސައްކަތް ފަށާނެ. ފަށައި އިރާދަކުރެއްވިއްޔާ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމައި، ތިޔަބޭފުޅުންނަށް ހެލްތު ސެންޓަރ ހަވާލުކުރާނަން.
އާދެ، ދެން ސްކޫލްގެ ވާހަކަ، އަޅުގަނޑު ހަމަ އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްލާނަން. ސްކޫލްގައި ޖާގަ ވަރަށް ދަތި. އަޅުގަނޑުމެން ކްލާސްރޫމާއި، ސްޓާފް ރޫމާއި، ލެބާއި، އަދި މަލްޓި ޕަރޕަސް ހޯލާއި، ލައިބްރަރީއާއި، އަދި ވަށާފާރާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް މަޝްރޫޢެއް، މި އަހަރު ތެރޭގައި ޢަމަލީގޮތުން ފަށަން ނިންމާފައި ވަނީ. އެގޮތަށް އެކަން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވަން.
އާދެ، މިއީ ޙަޤީޤަތުގައި އަޅުގަނޑު ހިތުން، އެންމެ ބޮޑަށް ރައްޔިތުން ބޭނުންވާނެ ތިން ކަންތައް. ފެނާއި ނަރުދަމާ މައްސަލަ ޙައްލުވުން، ރަނގަޅު ފެންވަރުގެ ސްކޫލެއް އެޅިގެންދިޔުން، ނޫނީވިއްޔާ މި ދެންނެވި ފެސިލިޓީޒްތައް ޤާއިމުވެގެން ދިޔުން، ޞިއްޙީ މަރުކަޒު އެޅިގެންދިޔުން. އިރާދަކުރެއްވިއްޔާ، މިކަންކަން މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
މިއަދު އަޅުގަނޑުމެން ވާނީ، ފުލުހުންގެ ޚިދުމަތް ފަށާފައި. އަދި ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތްވެސް ފަށާފައި. މިއީވެސް ހަމަ ޔަޤީނުންވެސް ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ސިޔާސަތަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ފުލުހުންގެ ޚިދުމަތް، މި އަހަރުގެ ނިޔަލަށް ދިޔުމުގެ ކުރިން ޤާއިމުކޮށް ނިންމުން. އަދި ފުލުހުންގެ މަރުކަޒުތައް އަޅަން ފެށުން. ވަރަށް ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒު ނެތް. ނޫނީވިއްޔާ، ކޮންމެވެސް ތަނެއް ވަގުތީގޮތުން ނަގައިގެން، ބޭނުންކުރަމުން ދަނީ، އަމިއްލަ އިމާރާތެއް ނެތި، ގިނަ ރަށްރަށުގައި ހަމަ ހުރީ. އެހެންވީމާ، މިއަދު މި ފެށީ ދެ ކަންތައް. ފުލުހުންގެ ޚިދުމަތް ދޭން ފެށުމާއި، އަދި ދާއިމީ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިފައި މިއަދު މިވަނީ.
ކައުންސިލް އިމާރާތްވެސް ގިނަ ރަށްރަށުގައި ނެތް، ނޫނީވިއްޔާ ހަލާކުވެފައި، ވީރާނާވެފައި. ކައުންސިލަކީ، ޑޭ ޓު ޑޭ، ރައްޔިތުންނަށް ޚިދުމަތްދޭ މަރުކަޒު. އެހެންވީމާ، ދުވަހުން ދުވަހަށް ޚިދުމަތްދޭ މަރުކަޒު ރަނގަޅު ފެންވަރެއްގައި ނެތީވިއްޔާ، ކައުންސިލަކަށް ރަނގަޅު ޚިދުމަތެއް ނުދެވޭނެ. އެހެންވީމާ، އެ އިމާރާތް އެޅުމުގެ މަސައްކަތްވެސް މިއަދު މި ފެށުނީ.
އޭ.ޓީ.އެމް.އަކީ، ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. މި ރަށުގައި، އަޅުގަނޑު ހިތުން ދަނޑުވެރިކަމުގައި މިހާ ކުރިއަރާފައިވާ ރަށެއްގައި، ވަރަށް ބޮޑަށް ފައިސާ ޖަމާކުރަން ބޭނުންވާނެ. ނެގުމަށްވުރެ ބޮޑަށް. ދެން، ނަގަންވެސް ހަމަ ބޭނުންވާނެ. އެކަމަކު، އެހެން ރަށަކަށް ދާންޖެހޭ ދިޔުން، ޚަރަދު، ވަގުތު، ހުރިހާ ތަކުލީފެއް އިރާދަކުރެއްވިއްޔާ ނިމުމަކަށް އައިސް، ޖަމާކޮށް، ނެގުމުގެ ކަންކަން މިހާރު އިރާދަކުރެއްވީތީ، ފަހިވެގެން މި ދިޔައީ.
އާދެ، މިކަހަލަ މުހިންމު މަޝްރޫޢުތަކެއް މިހިރީ ކުރިއަށް. އާދެ، މިއަދު މި ސޮއިކުރެވުނު ބަނދަރުގެ، ޖެޓީގެ މަޝްރޫޢުގެ އިތުރަށްވެސް، އަޅުގަނޑުމެން ބަލާނަން، ބަނދަރުތެރެ މިހާރަށްވުރެ ފަސޭހަކުރުމަށްޓަކައި ގެނެވެންހުރި ބަދަލުތައް. ނެރުފައިކަށި ދިގުކުރުން، ނޫނީވިއްޔާ ތޮށްޓަށް ގެންނަންޖެހޭ ބަދަލެއް ގެނައުން ކަމުގައިވިޔަސް. މިނިސްޓްރީގެ ފަރާތުން ފަންނީ ގޮތެއްގައި މި ރަށަށް ޓީމެއް އައިސް، އިތުރަށް ބަލާނެ ކުރިއަށް އޮތް ދުވަސްތަކަށް، މި ބަނދަރު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް. ބަލައި، އެކަން ކުރެވޭނެ ގޮތްތަކެއް އައިޑެންޓިފައި ކޮށްފައި، މަޝްރޫޢެއް ރާވާނަން. އެހެންވީމާ، އެވެސް އަޅުގަނޑު ހަމަ ދަންނަވާލީ.
އާދެ އެހެންވީމާ، ޖުމްލަކޮށް މިހިރަ ހުރިހާ މަޝްރޫޢުތަކެއް މިގޮތަށް ދާނެ. ކުޅިވަރުގެ ދާއިރާއިން މިހާރު ހަދަމުންދާ، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު، އެއީ އިންޑޯ ޖިމާއި، އިންޑޯ އެކިކަހަލަ ކަންތައްތައް ކުރެވޭ މަރުކަޒެއް. މި ރަށުގައި އައުޓްޑޯ ޖިމް އެބަހުރި. އެހެންވީމާ، ދެވަނަ އައުޓްޑޯ ޖިމެއް ނަހަދާނެ. އެހެންވީމާ، އިންޑޯ ގޮތަށް ބޭނުންކުރެވޭ މަރުކަޒެއް އެއީ. އެހެންވީމާ، އެގޮތަށް އެކަންވެސް ކުރިއަށްދާނެ.
އާދެ، އަޅުގަނޑުމެން މި އަތޮޅުގައި އާރު.ޓީ.އެލް.ގެ ޚިދުމަތް، މިރޭ ރަސްމީކޮށް އެބަ އިފްތިތާޙުކުރަން. މާދަމާއިން ފެށިގެން ޚިދުމަތް ދޭން ފަށާނެ. އާރު.ޓީ.އެލް.އަކީ، ނޫނީވިއްޔާ މި ޚިދުމަތަކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަކަން ލިބިގެންދާ ޚިދުމަތަކަށްވީމާ، އަޅުގަނޑުމެން މި ހުރިހާ އަތޮޅެއްގައި، ޤާއިމުކޮށް ނިންމުމުގެ މަސައްކަތް މި ކުރަނީ، ކުރިއަށް އޮތް ފަސް މަސްދުވަސް، ނޫނީވިއްޔާ ހައެއްކަ މަސްދުވަހުގެ ތެރޭގައި. އެހެންވީމާ، މި އަތޮޅުގައި، މިރޭ މި ރަސްމީކޮށް، މާދަމާ ދެން ދުއްވަން ފަށާނެ. ދެން މީގައި، މި ރަށަށް ފަސޭހަވާނެ ގޮތަކަށް، ޖިއޮގްރަފިކަލީ މި އޮންނަ ލޮކޭޝަންގެ ގޮތުން ހުރި ޑިފިކަލްޓީޒް، ދަތުރުގެ ދުރުމިން، ލަސްމިނުގެ މައްސަލަ ޙައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެކަމަށް އަޅުގަނޑުމެން ބަލައި، ޝެޑިއުލް ކުރެވޭނެ ގޮތް، ވީހާވެސް ރަނގަޅަށް ތިޔަބޭފުޅުންނަށް އޭގެ ބޭނުންހިފޭނެ ގޮތަށް، އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން. އެކަމުގައި ތިޔަބޭފުޅުން މާބޮޑަށް ކަންބޮޑުވެލައްވާކަށް ނުޖެހޭނެ. އެހެންވީމާ، އާރު.ޓީ.އެލް. ޚިދުމަތް ވެގެންދާނީ، ތިޔަބޭފުޅުންނަށް އޭގެ ލުއިފަސޭހަ ލިބޭ ކަމަކަށް. އެހެންވީމާ، އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން.
އާދެ، މިއީ ބައެއް ކަންކަން އަޅުގަނޑު މިއަދު މި ޙިއްޞާކޮށްލީ. ދަނޑުވެރިކަމުގެ ވަރަށް މުހިންމު ރަށެއް، މިރުސް ހެއްދުމުގައި. އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް. އަޅުގަނޑަށް ވަރަށް މީރު ތިޔަބޭފުޅުންގެ މިރުސް. ދެން، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ވަކި އަޅުގަނޑު ކުޅިކޮށް ކާތީކީ ނޫން. މި ރަށުގެ މިރުސް މިއީ، މާލޭގެ މާކެޓުގައި ޑޮމިނޭޓްކުރާ ފަރާތްތަކަކީ. އަޅުގަނޑުމެން މިދޭތެރެއިން، އެސް.ޓީ.އޯ. މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި، ރެގިއުލަރ ބޭސިސްގައި އިމްޕޯޓްކޮށް، ވިއްކަން ނިންމި ނިންމުމުގެ ތެރޭގައި މިރުސް ހިމެނޭނެ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ވަރަށް ވަރަށް ޔަޤީންކަމެއް ދެން، ތިޔަބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއް ނުވާގޮތަށް އެކަން ކުރާނީ. އެސް.ޓީ.އޯ.އިން ތިޔަބޭފުޅުންގެ އަގުގައި، ތިޔަބޭފުޅުންނަށް އޭގައި ފައިދާވާ، ހަމަ ރަނގަޅު އަގުގައި އެ މިރުސް ގަނެގެން، ތިޔަބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭގޮތަށް، އެކަން ހަމަޖައްސައިގެން ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އޭގެ އެއްވެސް ގެއްލުމެއްނުވާ ގޮތަށް، އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން. އެހެންވީމާ، އެއްގޮތަކަށްވެސް ކަންބޮޑުނުވާތި ގެއްލުންވާނެ ކަމަށް، ނޫނީވިއްޔާ މިހާރަށްވުރެ ފައިދާ ކުޑަވެގެންދާނެ ކަމަށް. އިތުރަށް ރަނގަޅުކޮށްދޭން އަޅުގަނޑު މަސައްކަތް ކޮށްދޭނަން.
މި ރަށަށް އެބަ ބޭނުންވޭ، ޚަރަދު ކުޑަކުރާނެ ގޮތްތައްވެސް. ތިޔަބޭފުޅުން މިރުސް ހެއްދުމުގައި، ފަރޓިލައިޒަރ ހޯދުމާއި، މިކަހަލަ ކަންކަމުގައިވެސް ދަތިތައް އެބަހުރި. އަޅުގަނޑުމެން އެގްރިކަލްޗަރ މިނިސްޓްރީން ވަރަށް އިސްކަމެއްދޭނެ، މި ރަށުގައި މިކަމަށް އިތުރަށް ފަސޭހަކޮށްދޭން، ފެސިލިޓޭޓް ކޮށްދޭން. އެ ބޭފުޅުންގެ ޓީމެއް މި ރަށަށް ވަރަށް އަވަހަށް އަޅުގަނޑުމެން ފޮނުވާނަން. ތިޔަބޭފުޅުންނާ އެކީގައި އިށީނދެ، މިކަމާ ބެހޭގޮތުން މަޝްވަރާކޮށް، ރަނގަޅު ގޮތްތަކެއް ހޯދައިދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް އަޅުގަނޑުމެން ގެންދާނަން.
އަޅުގަނޑުމެން ބޭނުންވަނީ، އެގްރިކަލްޗަރ އިންޑަސްޓްރީ ވަރުގަދަކުރަން. ފުޑް ސެކިއުރިޓީ ޤާއިމުކުރުމަކީ، ރާއްޖޭގައި އުފެއްދެންހުރި ހުރިހާ އެއްޗެއް ރާއްޖޭގައި އުފެއްދުން. އަޅުގަނޑުމެން ކެމްޕެއިންގައި އެގޮތަށް ވަޢުދުވިން. މެނިފެސްޓޯގައި ލިޔެފައި އޮންނާނެ. ރާއްޖޭގައި އުފެއްދޭ ބާވަތްތައް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާވަރަށް އުފެއްދޭނެ، ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމޭ، އަޅުގަނޑުމެންގެ ސިޔާސަތަކީ. މިހާރު މާލެ ސަރަޙައްދުގައި، އަދި ބޮޑެތި ބިންހުރި ބައެއް ރަށްރަށުގައި، އެގްރޯނެޓާއި އަދި ބޭރުގެ ފަރާތްތަކަށް ފުރުޞަތުދީގެން، މި އިންވެސްޓްމަންޓްތަކަށް މަސައްކަތް ކުރަމުން މިދަނީވެސް އެ ބޭނުމުގައި. އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް އެ ފުރުޞަތު އެބައޮތް، މިހާރަށްވުރެ ފުޅާކުރުމުގައިވެސް. އެހެންވީމާ، އަޅުގަނޑުމެން އެކަމުގައި، ތިޔަބޭފުޅުންނަށް އެހީވާނަން.
އާދެ، އަދިވެސް އެއްފަހަރު، ކަނޑޫދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީއަށް ހުރި މިކަހަލަ މުހިންމު ކަންކަމުގައި، އަދި ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން، ފުރިހަމަ ބައިވެރިވުން ލިބިގެންދާނެ. އަޅުގަނޑުމެން ތިބޭނީ، ތިޔަބޭފުޅުންނާއެކު. ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަކީ، އަޅުގަނޑުގެ ޒިންމާއެއް. އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އެގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނަން.
އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރިއްޔާ!
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ