ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަކީ އުފަލެއް: ހަލީލް

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މަޝްވަރާ ކުރުމަކީ އަބަދުވެސް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު ހަލީލް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންޖަރު ވަނީ ބައްދަލުވެފަ އެވެ.
ތަފްސީލް - ދެ ބޭފުޅުން ބަައްދަލުވުމާ ގުޅޭ ގޮތުން ޖައިޝަންކަރު ވިދާޅުވީ ފޮރިން މިނިސްޓަރު ހަލީލްއާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ދޭ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ދެ ބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއަކާ އެކު ޖައިޝަންކަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ފޮޓޯ، ރީ-ޕޯސްޓު ކުރައްވައި މިނިސްޓަރު ހަލީލް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ޖައިޝަންކަރާ ބައްދަލުވުމަކީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
ދެ ގައުމުގެ ގުޅުމާ އެކުގައި މަސައްކަތް ކުރުމާ ގުޅޭ ވާހަކަތަކުގެ މަޝްވަރާ އަބަދުވެސް މުހިއްމު ކަމަށް ހަލީލް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް މި ހަފްތާގައި ވަނީ ފަސްކޮށްދީފަ އެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. އޭގެ ތެރޭގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ