އެމެރިކާގެ މޮޅެތި އިލްމީ އީޖާދީ ސިކުނޑިތައް އެެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަނީ
ވޮޝިންޓަން (25 ސެޕްޓެމްބަރު 2025): އެމެރިކާގެ މޮޅެތި އިލްމީ އަދި އީޖާދީ ސިކުނޑިތައް އެެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ބައެއް ޔުނިވާސިޓީތަކާއި ރީސާޗް ސެންޓަރުތަކުން ބުނެފިއެވެ. އެމެރިކާގެ ޕްރިންސްޓޮން ޔުނިވާސިޓީގެ ޕްރޮފެސާ އަދި އެމެރިކަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯގެ ނައިބު ރައީސް އަދި އެ ޔުނިވާސިޓީގެ ރީސާޗް މަރުކަޒުގެ ރައީސް ރިޗަޑް ފަލް ވިދާޅުވިގޮތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާގެ ސްކޮލާލީ އެކްސްޕަޓީސް ނުވަތަ އިލްމީ އީޖާދީ ސިކުނޑިތައް ވަނީ އެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަން ފަށާފައެވެ. އޭނާ ވިދާޅުވިގޮތުގައި ދުވަހެއް ދުވަހަކަށް މިފަދަ އީޖާދީ މޮޅު ސިކުނޑިތައް އެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ރިޗަޑް ވިދާޅުވީ މިކަމުގެ މައިގަނޑު ސަބަބަކީ އެމެރިކާގައި ޑިމޮކްރަސީ ފަނޑުވެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަވެގެން ދިޔުމާއި އެމެރިކާގެ ސަލާމަތީ ބާރުތަކުން ޔުނިވާސިޓީތަކުގެ ހުރުމަތް ކެނޑުމެވެ. އަދި އިލްމީ މީހުން އިދާރީ އާދައިގެ ކަންކަމުގައިވެސް ޖަލަށް ލުންފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާތީއާއި އެ މީހުންނަށް މިނިވަންކަމާއެކު ރީސާޗް ކުރެވޭނެ މާހައުލު އެމެރިކާގައި ގެއްލެމުން ދިޔުމެވެ. ރިޗަޑް ވިދާޅުވިގޮތުގައި ރައީސް ޓްރަމްޕް ހިޖުރައާބެހޭގޮތުން ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން މޮޅެތި އީޖާދީ ސިކުނޑިތައް އިދާރީ މައްސަލަތަކުގައި ޖަަލަށް ލައެވެ. މިކަމުގެ ސަބަބުން ރީސާޗް މާހައުލު އެމެރިކާގައި ގެއްލެމުން ދިޔުމުގެ އިތުރުން މޮޅެތި ސިނކުޑިތައް އެމެރިކާއަށް ހިޖުރަކުރުންވެސްވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާގެ މޮޅެތި އިލްމީ އަދި އީޖާދީ ސިކުނޑިތައް ގައުމު ދޫކޮށް ދާން ފަށާފައި ވުމާއި މޮޅެތި ސިކުނޑިތައް އެމެރިކާއަށް ހިޖުރަކުރުން ވަރަށް ބޮޑަށް މަދުވުމަކީ އެމެރިކާގެ އިލްމީ އަދި އީޖާދީ އުފެއްދުންތެރިކަމުގެ ބާރު ކުޑަވެގެންދާނެ ކަމެއްކަމަށާ މިކަމުގެ ގެއްލުން ވަރަށް ވޭންދެނިވި ގޮތަކަށް އެމެރިކާއަށް ފެންނަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. ޕްރިންސެޓޮން ޔުނިވާސިޓީން މިކަމާގުޅޭ ގޮތުން ހެދި ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ ތެރެއިންވެސް ގިނަ ދަރިވަރުން އެމީހުންގެ ޕީއެޗްޑީ ނޫނީ މާސްޓާސް ނިންމުމަށްފަހު އެމެރިކާއިން ވަޒީފާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ބަލަނީ ވީ އެންމެ އަވަހަކަށް އެމެރިކާ ދޫކޮށް ދިޔުމަށެވެ. އެއީ ޓްރަމްޕްގެ ސަރުކާރުން ތަންފީޒުކުރަމުންދާ ހިޖުރައިގެ ސިޔާސަތުގެ ހަރުކަށިކަމާއެކު ޖަލަށް ދާންޖެހިދާނެކަމުގެ ބިރަށެވެ. މިކަމާބެހޭ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ މޮޅެތި އިލްމީ އަދި އީޖާދީ ސިކުނޑިތައް ގައުމު ދޫކޮށް ދާންފެށުމުގެ ސަބަބުތަކުގެ ތެރޭގައި ސައެންޓިފިކް ރީސާޗްތަކަށް އެމެރިކާގެ ފެޑްރަލް ސަރުކާރުން ކުރަމުން ގެންދިޔަ ޚަރަދުތަކުގެ ބޮޑުބައި ޓްރަމްޕް ގެ ވެރިކަމުގައި ކަނޑާލުންވެސް ހިމެނެއެވެ. ފެޑްރަލް ސަރުކާރުން ސައެންޓިފިކް ރީސާޗް މަރުކަޒުތަކަށާއި ވަކިވަކި ރީސާޗަރުންނަށް ހިލޭ ދެމުން ގެންދިޔަ އެހީތަކުގެ ބޮޑުބައެއް ކަނޑާލުމުން ރީސާޗަރުން ނުވަތަ ސައެންޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރި ވަރަށް ގިނަ ސައެންޓިސްޓުން ގެ ވަޒީފާތައް ގެއްލި އެތަށް ބަޔަކުވަނީ މަގުމަތިވެފައެވެ. ސައެންޓިސްޓުންގެ އެއްބަޔަކު ވަޒީފާ ގެއްލި މަގުމަތިވިއިރު އަނެއްބަޔަކު އެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައިވާ ކަމަށާ މަދުބަޔަކު ރީސާޗް ކުރުން ދޫކޮށް އަމިއްލަ އަށް އާމްދަނީ ހޯދުމަށް ޓެކްސީ ކުރުމާއި ކުދި ވިޔަފާރިތަކާއި ކެފޭތައް ހުޅުވުންފަދަ ވަރަށް އާދައިގެ މަސައްކަތްތައް ފަށާފައިވާކަން ސާވޭތަކުން ހާމަވެފައިވާކަމަށް ރިޗަޑް ފަލް ވިދާޅުވިއެވެ. އެމެރިކާގެ މެނިސޫޓާ ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ މުސްތަފާ އަލްއަބްސީ އަލްޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވަނީ އެމެރިކާގެ މޮޅެތި އިލްމީ އަދި އީޖާދީ ސިކުނޑިތައް ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަން ފަށާފައިވާތީއާއި އެކަމުގެ ސަބަބުން އެތަންތަން ބަންދުކުރަން ޖެހިފައިވާކަން ބަޔާން ކުރައްވާފައެވެ. އޭނާ ވިދާޅުވގޮތުގައި މިކަމުގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ ރީސާޗް މަރުކަޒުތަކަށް ވަނީ ބޮޑު ސިހުމެއް ލިބި ހުސްކަމެއް އައިސްފައެވެ. މުސްތަފާ އަލްއަބްސީ ވިދާޅުވިގޮތުގައި އެމެރިކާ ދޫކޮށް ހިޖުރަކުރާ މޮޅު ސިކުނޑިތައް ދަނީ މައިގަނޑު ގޮތެއްގައި ޗައިނާ، ކެނެޑާ، ޔޫރަޕްގެ ގައުމުތައް އަދި ޔޫއޭއީ އާއި ދެކުނު އެފްރިކާ އަދި ތުރުކީ ފަދަ ގައުމުތަކަށެވެ. މިފަދަ ސިކުނޑިތަކަށް މަރުހަބާ ކިޔުމަށް ޗައިނާ، ކެނެޑާ، އަދި ޔޫރަޕްގެ ގައުމުތަކުގައި ޚާއްސަ މަރުކަޒުތައްވެސް މިހާރު އުފައްދައި އެފަރާތްތަކަށް ފަންޑު ކުރުމަށް އެގައުމުތަކުގެ ސަރުކާރުން ޚާއްސަ ފަންޑްތައް އުފައްދައި ހިލޭ އެހީ ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެމެރިކާ ދޫކޮށްދާ މޮޅެތި އިލްމީ އަދި އީޖާދީ ސިކުނޑިތައް ހޯދުމަށާއި އެފަރާތްތަކަށް ވަޒީފާ ދިނުމަށްޓަކައި ޗައިނާއިންވަނީ "ސޭފް ފޯ ސައެންސް އިނިޝިއޭޓީވް" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ. ފަރަންސޭސިވިލާތާއި ޖަރުމަނު އަދި ކެނެޑާގައިވެސްވަނީ ވަނީ އެމެރިކާ ދޫކޮށްދާ ސައެންސްވެރިން ގެނައުމަށާއި އެމީހުންގެ ބޭނުން ހިފުމަށް މިފަދަ ޕްރޮގްރާމްތައް ފަށާފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ