ސަރުކާރުން ބަހާލި ޕްރޮޖެކްޓްތަކަށް ފައިނޭންސް ނުކުރަން އެމްޑީޕީން ބީއެމްއެލްއަށް ގޮވާލައިފި ސަރުކާރުން ބަހާލި ޕްރޮޖެކްޓްތަކަށް ފައިނޭންސް ނުކުރަން އެމްޑީޕީން ބީއެމްއެލްއަށް ގޮވާލައިފި

ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.
އެމްޑީޕީން ބީއެމްއެލްގެ ޗެއަޕާސަން އަހްމަދު އަލީ ހަބީބްއަށް އެ ޕާޓީން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުން ޕްރައިވެޓް ކުންފުނިތަކަށް ބަހާލި މަޝްރޫއުތަކަށް ފައިނޭންސް ނުކުރުމަށެވެ.
އޭގެއިތުރުންއެކަން ކޮށްފިނަމަ އެކަމަށް މަގުފަހިކޮށްދިން ބީއެމްއެލްގެ އޮފިޝަލުންގެ މައްސަލަ ބަލާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ބިޑަކާ ނުލައި ސަރުކާރަށް އެކި ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ޕަބްލިކް ފައިނޭންސް ގާނޫނަށް ސަރުކާރުން އެކި ފަހަރު މަތިން ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ބަދަލުތަކާއެކު ސަރުކާރުން ވަނީ ޕްރައިވެޓް 53 ކުންފުންޏަކަށް ބިޑަކާ ނުލައި 206 މަޝްރޫއު ހަވާލުކޮށް، އެ މަޝްރޫއުތަކަށް ބީއެމްއެލްއިން ފައިނޭންސް ކުރާ ގޮތަށް ހަމަޖައްސާފަ އެވެ.
އެ 206 މަޝްރޫއުއަށް ބޭނުންވާ ކުންފުނިތައް ބީއެމްއެލް އިން ކަނޑައެޅުމުގެ ބަދަލުގައި އެކަން ކުރިއަށް ގެންދިޔައީ ސަރުކާރުން ކަމަށާއި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ހުރިކަން ވެސް ރަނގަޅަށް ކަށަވަރު ނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ބީއެމްއެލް އިން މަޝްރޫއުތަކަށް ފައިނޭންސް ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.
ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ