ފާޑުކިޔުން އަމާޒުވުމުން ޝަހީމް މާފަށް އެދިއްޖެ!
އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތް ނުލިބޭކަމުގެ ޝަކުވާ ކުރި އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު، އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިވަޑައިގެންފި އެވެ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށާއި މަގުސަދަކަށް ވީ ޒަކާތުގެ ކަމަކާ ގުޅިގެން އެ މީހާ ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރި މައުލޫމާތަކަށް ވާތީވެ، އެކަމުގެ ހަގީގަތް ބަޔާންކޮށްދެއްވުން ކަމަށެވެ.އޭގެ މަގުސަދަކީ ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުން އަންނަނީ އަދުލުވެރިކަމާއި އިންސާފުންވެރިކަމާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ"އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނު ކަމަށް ވާ ނަމަ، އެކަމަށް ނިހާޔަތަށް މާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ." ޝަހީމް ވިދާޅުވި އެވެ. ޒަކާތު ފަންޑުން އެހީނުވި ކަމުގެ ޝަކުވާ އައިޝާ ނަމަކަށް ކިޔާ އަންހެނަކު އުފުލީ ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި. މިނިސްޓަރު ޝަހީމް ވެސް ބައިވެރިވެޑައިގެންނެވި އެވެ.އެ ބައްދަލުވުމުގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި އައިޝާ ބުނީ ވަރަށް ހާލުގައި ފަސް ދަރިން ބަލަމުން އަންނަ އިރު އޭނާ އަށް ވަޒީފާއެއް ލިބުނުތާ އަދިވީ ހަމަސް ދުވަސް ކަމަށެވެ. އެ އާއިލާގެ ނިކަމެތި ހާލަތު ހުރި ގޮތް ކަމަށް ބުނާ ގިނަ ތަފްސީލުތަކެއް އޭނާ ހާމަކުރި އެވެ."މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާހާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟" އައިޝާ ބުންޏެވެ.އޭނާގެ އެ ވާހަކަތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބި އެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން، ރާއްޖެޓީވީ އެކްސްޓްރާގެ ފޭސްބުކް ޕޭޖުގައި އެ ހަބަރު ޝާއިއުކޮށްފައިވާ ޕޯސްޓެއް ޝެއާ ކުރުމަށްފަހު ޝަހީމް ވަނީ އެ އަންހެން މީހާގެ ޒާތީ މައުލޫމާތު ހާމަކޮށްފަ އެވެ."އަދި އޭނާގެ އަތުގައި 75،000 ރުފިޔާ އެބަހުރި ކަމަށް، މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން، މޯލްޑިވްސް ޒަކާތު ހައުސް އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،" އެ ޕޯސްޓްގައި ޝަހީމް ލިއުއްވާފައި ވެ އެވެ.ނަމަވެސް އެ މީހާގެ އަމިއްލަ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދު ހޯއްދެވި ގޮތެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.ޝަހީމްގެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އޭނާ މިހާރު ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ