ޗެޓްޖީޕީޓީގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބަލިކަށި: ދިރާސާ
މަޝްހޫރު އޭއައި ޗެޓްބޮޓް، ޗެޓްޖީޕީޓީގެ ސަލާމަތީ ފިޔަވަޅުތައް ހީކުރި ވަރަށްވުރެ މާ ބޮޑަށް ބަލިކަށިކަން ޕެންސިލްވޭނިއާ ޔުނިވާސިޓީން ކުރި އާ ދިރާސާއަކުން ހާމަކޮށްފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ޓެކްނިކަލް ހުނަރުތަކެއް ބޭނުންކުރުމުގެ ބަދަލުގައި، އާދައިގެ ނަފުސާނީ އުކުޅުތައް ބޭނުންކޮށްގެން ވެސް، ޗެޓްބޮޓަށް އޮޅުވާލައި, ގޯސްކަމެއް ކުރަން ދަސްކުރުން ފަދަ ނޭދެވޭ މައުލޫމާތު ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދިރާސާވެރިން ވަނީ މިކަން ސާބިތުކުރުމަށްޓަކައި، މީހުންނަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ އުކުޅުތައް ބޭނުންކޮށްފައެވެ. އެގޮތުން، ރޮބަޓް ސިއަލްޑިނީގެ މަޝްހޫރު ފޮތް "އިންފްލުއެންސް: ދަ ސައިކޮލޮޖީ އޮފް ޕާސުއޭޝަން" ގައިވާ އުކުޅުތައް ކަމަށްވާ ތަޢުރީފުކުރުމާއި، ސޯޝަލް ޕްރެޝާ ބޭނުންކުރުން ފަދަ ކަންކަން ހިމެނެއެވެ. މިދިރާސާގައި، އާއްމު އުޞޫލުތަކާ ޚިލާފު ނޭދެވޭ ކަންކަމަށް ޖަވާބު ހޯދުމަށް ޗެޓްބޮޓަށް އިޚްތިޔާރީ ސުވާލުތަކެއް ކުރިމަތި ކުރުން ފަދަ ގޮތްތައް ވެސް ދިރާސާވެރިން ބޭނުންކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ 28,000 ސުވާލެއްގެ ތެރެއިން 72 އިންސައްތަ ފަހަރު ޗެޓްބޮޓް ވަނީ މިފަދަ ނޭދެވޭ ޖަވާބުތަކެއް ދީފައެވެ. މިއީ އާންމު އުސޫލުތަކުން މިފަދަ ޖަވާބު ހޯދުމަށްވުރެ ދެ ގުނަ އިތުރު ކާމިޔާބީއެކެވެ. މި ހޯދުންތަކުން ސާބިތުވަނީ، އޭއައި މޮޑެލްތަކުގެ ސަލާމަތީ ފާރުތައް ފޫއަޅުވާލުމަކީ މަ އުނދަގޫ ކަމެއް ނޫން ކަމާއި، މާމޮޅު ހެކަރަކަށް ނުވިޔަސް މި ސިސްޓަމްތައް ފޫއަޅުވާލެވޭ ވަރަށް ބަލިކަށިކަމެވެ. މީގެ ކުރިން ކުޑަކުއްޖަކު، ފިކްޝަނަލް ވާހަކައެއް އުފެއްދުމުގެ ނަމުގައި ޗެޓްޖީޕީޓީގެ ފަރާތުން ނުރައްކާތެރި މައުލޫމާތު ހޯދައިގެން އަމިއްލައަށް މަރުވި ހާދިސާއަކީ މިކަމުގެ ނުރައްކާތެރިކަން ރަމްޒުކޮށްދޭ ހެއްކެކެވެ. އެހެންކަމުން، އޭއައި އުފައްދާ ކުންފުނިތަކުން މިފަދަ ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަން ހުއްޓުވުމަށް ޓަކައި، މިހާރަށްވުރެ މާ ވަރުގަދަ އަދި ފުރިހަމަ ސަލާމަތީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން މި ދިރާސާއިން ވަނީ އަލިއަޅުވާލާފައެވެ. ޗެޓްޖީޕީޓީ ފަދަ ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައް ތަމްރީނުކޮށްފައިވަނީ އިންޓަނެޓުގައިވާ ވަރަށް ގިނަ ލިޔުންތަކާއި ޑާޓާގެ މައްޗަށެވެ. މީގެ ސަބަބުން، އިންސާނުންގެ ހެޔޮ އަދި ނުބައި އިޙްސާސްތައް ވެސް މި ސިސްޓަމްތަކަށް ދަސްވެއެވެ. އޭއައި އުފައްދާ ކުންފުނިތަކުން ނޭދެވޭ މައުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި ވަރުގަދަ "ސޭފްޓީ ފިލްޓާ"ތަކެއް ބޭނުންކުރި ނަމަވެސް، "ޖެއިލްބްރޭކިން" ފަދަ އުކުޅުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން މި ފިލްޓަރުތައް ފޫއަޅުވާލައެވެ. މި އާ ދިރާސާއިން ހާމަވަނީ މިކަން ކުރުމަށް ކޮންމެހެން ޓެކްނިކަލް ހުނަރެއް ބޭނުންނުވާކަމެވެ. އެހެންކަމުން، އޭއައި ބޭނުންކުރާ ކޮންމެ މީހަކު ވެސް އަމިއްލަ ސަލާމަތަށްޓަކައި ރައްކާތެރިވުން މުހިންމެވެ. އޭއައިއިން ދޭ ކޮންމެ ޖަވާބަކީ 100 ޕަސެންޓް ސައްޙަ އެއްޗެއް ކަމުގައި ނުބެލުމާއި، ޚާއްޞަކޮށް ސިއްޙީ، މާލީ، އަދި ޤާނޫނީ ކަންކަމުގައި ދޭ ލަފާ، އިތުބާރު ހުރި އެހެން މަސްދަރުތަކުން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، މައިންބަފައިން، އެމީހުންގެ ދަރިން މިފަދަ ޓޫލްތައް ބޭނުންކުރާ ގޮތް ބަލައި، އޮންލައިން ސަލާމަތާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ، ނޭދެވޭ ހާދިސާތަކުން ދަރިން ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ