ހަމާސްއިން ހަވާލުކުރި އެއް ހަށިގަނޑަކީ ރަހީނެއްގެ ހަށިގަނޑެއް ނޫން ކަމަށް އިސްރާއީލުން ބުނެފި

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަވާލުކުރި އިސްރާއީލު ރަހީނުންގެ ހަށިގަނޑުގެ ތެރެއިން އެއް ހަށިގަނޑަކީ ރަހީނެއްގެ ހަށިގަނޑު ނޫން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ހަމާސްއިން އިސްރާއީލުގެ ހަތަރު ރަހީނުންގެ ހަށިގަނޑު އަންގާރަ ދުވަހު ހަވާލުކޮށްފައި ވާއިރު، އޭގެ ކުރިން ހޯމަ ދުވަހު ވެސް ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހަވާލުކޮށްފައެވެ. ހަށިގަނޑުތައް ހަވާލުކޮށްފައި ވަނީ ހަމާސްއިން ރަހީނުކޮށްފައިތިބި މީހުންގެ ތެރެއިން މިހާރު ދިރިތިބި 20 މީހުން އިސްރާއީލާއި ހަވާލުކުރި ފަހުންނެވެ. އިސްރާއީލުން އިންތިޒާރު ކުރަމުން ދިޔައީ މަރުވެފައިވާ 28 ރަހީނެއްގެ ހަށިގަނޑު އަނބުރާ ގެނައުމަށެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންގެ ޓެސްޓުތައް ނިންމުމަށް ފަހު، ބެލި ބެލުމުން ހަމާސްއިން އިސްރާއީލާ ހަވާލުކުރި ހަތަރު ވަނަ ހަށިގަނޑަކީ ރަހީނުކުރި އެއްވެސް މީހަކާ ދިމާވާ ހަށިގަނޑެއް ނޫން ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ ކާކުގެ ހަށިގަނޑެއްކަމެއް އަސްކަރިއްޔާއިން ހާމަކޮށްފައެއްނުވެއެވެ. ރަހީނުންގެ ހަށިގަނޑުތައް އަނބުރާ ފޮނުވުމުގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ޝަރުތުތައް ހަމާސްއިން ފުރިހަމަ ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ގޮވާލައްވާފައެވެ. "މިކަމުގައި ކޮމްޕްރޮމައިޒް ނުވާނަން. އަދި އެންމެ ފަހުން މަރުވި ރަހީނު އަނބުރާ ނުގެންދެވޭހާ ހިނދަކު، އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާނުލާނަން،" އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި ވާ ގޮތުން ރަހީނުން ހަވާލުކުރުމަށް ދީފައިވާ މުއްދަތު، ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. އެ މުއްދަތުގެ ތެރޭގައި ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވެސް ހަވާލުކުރަން ޖެހެއެވެ. ހަމާސްގެ ތަރުޖަމާނު ހާޒެމް ކަސެމް ބުދަ ދުވަހު ޓެލެގްރާމްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް ރަހީނުކުރި މީހުންގެ ހަށިގަނޑު އަނބުރާ ގެންދިއުމަށް އެ ޖަމާއަތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޣައްޒާގެ އިރުމަތީގައި އޮންނަ ރަފަހްގައި ބަޑީގެ ހަމަލާދީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނި ގޮތުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހަތިޔާރު ގެންގުޅެވޭ ހިސާބުގައި ކަމަށާއި އެ ހިސާބާ ކައިރިވާ ކޮންމެ މީހަކަށް ހަމަލާ އަމާޒުކުރެވޭނެ ކަމަށް އިންޒާރު ދޭ ކަމަށެވެ. ހަމާސްއިން އިސްރާއީލުގެ ދެކުނަށް ހަތެއް އޮކްޓޯބަރު 2023 ގައި ދިން ހަމަލާގައި އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ 251 މީހުންނެވެ. އޭގެތެރެއިން ދިރިތިބި 20 މީހުން ހޯމަ ދުވަހު ދޫކޮށްލީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރަހީނުކުރި މީހުންގެ ބަދަލުގައި އިސްރާއީލުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި އުމުރަށް ޖަލަށްލާފައިވާ ފަލަސްތީނުގެ 250 ގައިދީންނާއި ޣައްޒާއިން ބަންދުކޮށްފައިވާ 1،718 މީހުން މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ