ރައީސް، އިންތިހާބަށް މަޖިލިސް ހުއްޓުވައިފި: ނަޝީދު

ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިސް ހުއްޓުވާލާފައިވާ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެ އެވެ.
ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު މަޖިލީހުގައި މަރުތަޅު އަޅުވާފައިވާ ކަމަށެވެ.
"މިފަހަރު ރިޔާސީ އިންތިހާބަށް މަޖިލިސް ހުއްޓުވާ މިލީ މާ ހީލަތްތެރި ގޮތަކަށް." ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވެސް ވަނީ ނަޝީދުގެ މި ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
"އެނގި ހުރެ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދިޔައީ ކަށަވަރު ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން. އެއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން ބޭނުންވާ ސަރުކާރަކަށް." އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު ނަޝީދު ވަނީ އެކަން ނުކުރެވި އޮތީ ޕާޓީތަކަށް އެކަމުގައި އެއްބަސް ނުވެވިގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ކޮމިޓީތައް އެކުލަވާލުން ލަސްކުރަމުން ދަނީ އީވާގެ މައްސަލަ އަށް ނަޝީދު ހުރަސް އެޅުއްވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ