30 ދުވަހަށް ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން އީޔޫގެ ލީޑަރުން ގޮވާލައިފި

މާދަމައިން ފެށިގެން 30 ދުވަހަށް އެއްވެސް ޝަރުތެއް ނެތި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ޔޫރަޕްގެ ލީޑަރުން އިއްޔެ ގޮވާލައްވައިފި އެވެ.
އެ ކަމަށް ގޮވާލާފައި ވަނީ ޔޫކްރެއިންގައި ބޭއްވި ޔޫރަޕް އިއްތިހާދުގެ ބައްދަލުވުމެއްގަ އެވެ. ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތް އަދި ޕޮލެންޑްގެ ލީޑަރުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކީވްގައި ބައްދަލުކުރެއްވި އިރު، އެ ނޫން ލީޑަރުން ބައްދަލު ކުރެއްވީ އޮންލައިކޮށެވެެ.
ޔޫރަޕްގެ ލީޑަރުން އެ މިނިންމުން އިއުލާނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ޓްރަމްޕް ވަނީ އެއްވެސް ޝަރުތެއް ނެތި އެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ލީޑަރުން ވަނީ ރަޝިއާއަށް ދެއްވައިފަ އެވެ.
ރަޝިޔާއިން ބުނީ އެ ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށާއި ނަމަވެސް ޕްރެޝަރަށް ބޯނުލަނބާނެ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމަރު ވިދާޅުވީ އެ ބޭފުޅުން ތިއްްބެވީ އެމެރިކާއާ އެކު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަށް ކަމަށެވެ. އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ސުލްހައަށް އެދޭ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރަޝިޔާއިން ބުނަމުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށް އެދޭ ނަމަ، އޭގެ ކުރިން ހުޅަނގުން އެންމެ ފުރަތަމަ ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ޖެހޭ ކަމަށެވެ.
ނަމަވެސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން ޖެހޭނީ ޝަރުތުތަކެއް ނެތި ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމަ ކާމިޔާބުވުމުގެ މުނާސަބަތުގައި ޕުޓިން މިދިޔަ ހުކުރު ދުވަހު އިއުލާނުކުރެއްވި 30 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއްޔެ ވަނީ ނިމިފަ އެވެ. އެއާ އެކު، ހަމަލާތައް ބަދަލުކުރުން މަދުވި އެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފަ އެވެ.
ކޯލިޝަން އުފެދިގެން އައީ ސަލާމަތީ ޔަގީންކަމާ އެކު މުސްތަގުބަލުގައި ސުލްހައިގެ އެއްބަސްވުމަކަށް ތާއީދު ކުރުމަށެވެ. އޭގެ ތެރޭގައި ޔޫކްރެއިންގައި ސިފައިން ބޭތިއްބުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ ޒެލެންސްކީއާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ޝަރުތެއް ނެތި 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅުއްވައިފަ އެވެ.
"ހަނގުރާމަ ހުއްޓާލުމަށް އިހުތިރާމް ނުކޮށްފި ނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް [ރަޝިޔާ]އާ ދެކޮޅަށް އަޅާނެ،" ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ